Roadha Mihaaru

ޖޭއެސްސީން ދެކެނީ ވަކީލުކަމުގެ ހުއްދަ ލިބުނުތާ ހަތް އަހަރުވުމުން ޝަރުތު ހަމަވާނެ ކަމަށް!

ވަކީލުކަމުގެ ހުއްދަ ލިބުނުތާ ހަތް އަހަރުވެފައިވާ ނަމަ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ޝަރުތު ހަމަވާނެ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީން ދެކެނީ ހުއްދައަށް 7އަހަރުވުމުން ޝަރުތުހަމަވީ
ނާޒިމް ހަސަން
ނާޒިމް ހަސަން

28 މެއި 2025

ވަކީލުކަމުގެ ހުއްދަ ލިބުނުތާ ހަތް އަހަރުވެފައިވާ ނަމަ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ޝަރުތު ހަމަވާނެ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ހުސްވެފައިވާ ދެ މަގާމަށް ގެންނަން ޖޭއެސްސީން އިސްކަންދެނީ ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު ކަމަށް ކަނޑައަޅައި، އެގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދޭން އިއްޔެ ވަނީ ނިންމައިފަ އެވެ.

ނަމަވެސް، އެ ގޮތަށް ނިންމުމުގެ ކުރިން ޖޭއެސްސީގެ އިއްޔެގެ ބައްދަލުވުމުގައި ފަނޑިޔާރު ސަލީމްގެ ޝަރުތާ މެދު ހޫނު ބަހުސެއް ހިނގި އެވެ. އެ ކޮމިޝަންގެ ބައެއް މެންބަރުން ދެކެވަޑައިގަންނަވާ ގޮތުގައި ސަލީމްގެ ކިބައިގައި ގާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އެއް ޝަރުތު ފުރިހަމައެެއް ނުވެ އެވެ.

އެ މާއްދާގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރާ ކޮންމެ މީހަކީ އުމުރުން 30 އަހަރު ވެފައިވުމާ އެކު، ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މި ދެ ކަމުގައި މަދުވެގެން ހަތް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާން ޖެހޭނެ ކަމަށެވެ.

ސުޕްރީމް ކޯޓަށް އައްޔަން ކުރަން ޖޭއެސްސީން ލިސްޓުގެ އެންމެ ކުރިއަށް ލާފައިވާ ފަނޑިޔާރު ސަލީމަކީ ހައި ކޯޓުގެ ލީގަލް އޮފިސަރުގެ މަގާމުގައި 12 އަހަރު ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.  އެކަމަކު، ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ސަލީމް އައްޔަން ކޮށްފައިވަނީ 2022 ވަނަ އަހަރު އެވެ. އެހެންކަމުން އޭނާ ފަނޑިޔާރުކަން ކުރައްވާތާ އަދި ވީ ތިން އަހަރެވެ.

ފަނޑިޔާރު ސަލީމަކީ ގާނޫނީ ވަކީލެއްގެ ގޮތުން ކޯޓުތަކުގައި އެއްވެސް އިރަކު ވަކާލާތު ކުރައްވާފައިވާ ބޭފުޅެއް ނޫން ކަމަށް ޖޭއެސްސީގެ ބައްދަލުވުމުގައި އިއްޔެ ކަންބޮޑުވުން ފާޅުކުރެއްވި މެންބަރުން ވިދާޅުވި އެވެ. ޖޭއެސްސީގެ އިންޓަވިއުގައި ފަނޑިޔާރު ސަލީމް ވެސް އެގޮތަށް ވިދާޅުވި ކަމަށް އެނގިފައި ވެ އެވެ.

ނަމަވެސް އެ ކޮމިޝަނުން އިންޓަވިއުކޮށް، އެންމެ ގިނައ މާކްސް ދީފައިވަނީ ފަނޑިޔާރު ސަލީމަށާއި ހަމީދަށެވެ.

އެގޮތަށް ޖޭއެސްސީން ނިންމީ ގާނޫނުއަސާސީގައި ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މި ދެ ކަމުގައި މަދުވެގެން ހަތް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ކަމުގެ ޝަރުތު ކަމަށް ބަލަނީ ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބުނުތާ ހަތް އަހަރުވުމަށް ކަމަށް ކަނޑައެޅުމަށް ފަހު އެވެ.

މީގެ ކުރިން ވެސް ޖޭއެސްސީން އެ މާއްދާ މާނަކޮށްފައިވަނީ އެގޮތަށް ކަމަށް އިއްޔެގެ ބައްދަލުވުމުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި މި ފަހުން ސުޕްރީމް ކޯޓުން ވަކިކުރި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ފަނޑިޔާރު ކަމަށް އައްޔަންކުރިއިރު ވެސް ޖޭއެސްސީން މާއްދާ މާނަކޮށްފައި އޮތީ އެގޮތަށް ކަން ޖޭއެސްސީން ފާހަގަކުރި އެވެ.

އެ މާއްދާ އެގޮތަށް މާނަކުރާ މައިގަނޑު ސަބަބަކީ ވަކީލުކަން ކުރުމުގައި ތަޖުރިބާ ލިބުން ކަމަށް ހަމައެކަނި ބަލާނީ ކޯޓުތަކަށް ގޮސް ވަކާލާތުކުރުން ކަމުގައިވާ ނަމަ ދާއިރާގައި އެ ނޫން ގޮތްގޮތަށް މަސައްކަތް ކުރާ ގާބިލް މީހުންނަށް ފުރުސަތު ހަނިވާތީ ކަމަށް ޖޭއެސްސީން ބުނެފައިވެ އެވެ. އަދި ފަނޑިޔާރުންގެ ގާނޫނުގައި ވެސް ކޯޓުތަކަށް ގޮސް ވަކާލާތު ކުރަން ޖެހޭ ގޮތަށް ބަޔާން ކޮށްފައި ނުވާތީ ކަމަށް އެ ކޮމިޝަނުން ބުނެފައި ވެ އެވެ.

ފަނޑިޔާރުންގެ ގާނޫނުގެ 15 ވަނަ މާއްދާގެ (ރ) ގައި ބުނަނީ ގާނޫނުއަސާސީގައި ބުނާ ތަޖުރިބާ ލިބިފައިވާ މީހެއް ކަމަށް ކަނޑައެޅުމުގައި އެ މީހުންނަކީ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ މުއްދަތަށް ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަމުގައި ނުވަތަ އެ ދެ ކަމުގައި މަސައްކަތް ކޮށްފައިވާ މީހުންނަށް ވާން ވާނެ ކަމަށެވެ.

މި މައްސަލާގައި ޖޭއެސްސީން ބަންޑާރަ ނައިބު އަހުމަދު އުޝާމްގެ ލަފާ ހޯދި އެވެ. އެނގިފައިވާ ގޮތުގައި ބަންޑާރަ ނައިބު ވެސް ލަފާ ދެއްވާފައިވަނީ ޖޭއެސްސީން ކުރިން ވެސް ނިންމާފައިވާ ގޮތަށް، ތަޖުރިބާގެ އަހަރު ގުނުމަށެވެ.

ޖޭއެސްސީން ފަނޑިޔާރުގެ ސަލީމްގެ އިތުރުން ދެން އިސްކަން ދެއްްވި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ހަމީދަކީ އެ ކޯޓުގައި ވަރަށް ގިނަ އަހަރުތަކެއް ވަންދެން ފަނޑިޔާރެއްގެ ގޮތުން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެގޮތުން 2007 ވަނަ އަހަރުން 2022 ވަނަ އަހަރާ ދެމެދު ފަނޑިޔާރުކަން ކުރެއްވި އެވެ. ހައި ކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެންބަރުކަން ވެސް އޭނާ ކުރެއްވި އެވެ.

ހަމީދު، ފަނޑިޔާރު ކަމުން ރައްޔިތުންގެ މަޖިލީހުން ވަކިކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފަނޑިޔާރުންނަށް ދޫކުރި ފްލެޓްތަކެއް ޑިސްކައުންޓް އަގުތަކެއްގައި ބައްލަވައިގަނެ, އޭގެ ބަދަލެއްގެ ގޮތުން ހައި ކޯޓުގެ ގަޒިއްޔާއެއްގައި ވަކި ގޮތަކަށް ހުކުމް ކުރެއްވި ކަމަށް ބުނާ މައްސަލައެއްގަ އެވެ.