Roadha Mihaaru
އެއް ރަށެއް، އެއް އަވަށެއް: އެއް ކަމަކަށް ދެ ކޯޓު؟

އެއް ރަށެއް، އެއް އަވަށެއް: އެއް ކަމަކަށް ދެ ކޯޓު؟

16 އޮކްޓޯބަރ 2024

މާލޭގެ އަވަށެއް ކަމަށްވާ ހުޅުމާލޭގައި ވަކި މެޖިސްޓްރޭޓް ކޯޓެއް ހުރުމާ މެދު ގާނޫނީ ގޮތުން ބޮޑު ހިޔާލު ތަފާތުވުމެއްގައި އޮންނަތާ 12 އަހަރަށް ވުރެ ގިނަ ދުވަސްވީ އެވެ. މާލޭގައި ހުންނަ ފަދަ ސުޕީރިއާ ކޯޓުތައް ހުންނަ ރަށްރަށުގައި މެޖިސްޓްރޭޓް ކޯޓެއް ނުހުންނާނެ ކަމަށް ކޯޓުތަކުގެ ގާނޫނުގައި އޮތް ނަމަވެސް، ހުޅުމާލޭގައި ވަކި ކޯޓެއް ހުންނަ ހުރުމަކީ އެތައް ފަހަރަކު މަސައްކަތް ކޮށްގެން ވެސް ކޮޅެއްގައި ނުޖެހުނު ގާނޫނީ ބޮޑު މައްސަލައެކެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލޭގެ އަވަށެއް ކަމަށްވާ ހުޅުމާލޭގައި ވަކި މެޖިސްޓްރޭޓް ކޯޓެއް ހުރުމާ މެދު ގާނޫނީ ގޮތުން ބޮޑު ހިޔާލު ތަފާތުވުމެއްގައި އޮންނަތާ 12 އަހަރަށް ވުރެ ގިނަ ދުވަސްވީ އެވެ. މާލޭގައި ހުންނަ ފަދަ ސުޕީރިއާ ކޯޓުތައް ހުންނަ ރަށްރަށުގައި މެޖިސްޓްރޭޓް ކޯޓެއް ނުހުންނާނެ ކަމަށް ކޯޓުތަކުގެ ގާނޫނުގައި އޮތް ނަމަވެސް، ހުޅުމާލޭގައި ވަކި ކޯޓެއް ހުންނަ ހުރުމަކީ އެތައް ފަހަރަކު މަސައްކަތް ކޮށްގެން ވެސް ކޮޅެއްގައި ނުޖެހުނު ގާނޫނީ ބޮޑު މައްސަލައެކެވެ.

ހުޅުމާލޭ ކޯޓުގެ ގާނޫނީ ސައްހަކަމާ އުފެދުނު ބަހުސްގެ ތެރެއިން، އެ ކޯޓަކީ ސައްހަ ކޯޓެއް ކަމަށް 2012 ވަނަ އަހަރު ސުޕްރީމް ކޯޓުން ނިންމި ނަމަވެސް 2022 ވަނަ އަހަރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވެސް ވަނީ އެ ކޯޓު އުވާލަން މަސައްކަތް ކޮށްފަ އެވެ. އެ މައްސަލާގައި އެ ކޯޓު އުވާލަން ޖެހޭނީ ސުޕްރީމް ކޯޓުންތޯ ނުވަތަ ނޫންތޯ ވެސް ހިޔާލު ތަފާތުވުން އުފެދި، ޖޭއެސްސީ އާއި ސުޕްރީމް ކޯޓާ ދެމެދު އޭރު "އަރައިރުމަކަށް" ވެސް ދިޔަ އެވެ.

މި މައްސަލަ ކޮޅެއްގައި ނުޖެހި އޮއްވައި ދާދި ފަހުން ހައި ކޯޓުގައި ފެންމަތިވީ ހުޅުމާލޭ ކޯޓަށް ޖިނާއީ މައްސަލަތައް ބެލުމުގެ އިހުތިސާސް މިހާރު އޮތްތޯ އުފެއްދި ސުވާލެވެ. މި މައްސަލަ ފެންމަތިވީ ކްރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ ސަބަބުން އެ ކޯޓުގެ ބައެއް ސެކްޝަންތަކުގެ ޝަރީއަތްތައް ހުޅުމާލޭގައި ހުންނަ އިމާރާތެއްގައި މިހާރު ހިންގަމުންދާތީ އެވެ. އެހެންވެ، ހުޅުމާލެއަކީ ވަކި ރަށެއް ކަމަށް ބެލި ނަމަވެސް އެއް ކަމެއް ކުރާ ދެ ކޯޓު އެއް ރަށެއްގައި ހުރެދާނެ ކަމާ މެދު މައްސަލާގެ ތެރެއިން ސުވާލު އުފެއްދި އެވެ.

"މެޖިސްޓްރޭޓް ކޯޓެއް، މާލޭގެ ހުޅުމާލޭގައި ހިންގުމަކީ މި މާލޭގެ ކޯޓުތަކުގެ އޮނިގަނޑަށް ކުރިމަތިވެފައި އޮތް ބޮޑު ގޮންޖެހުމެކެވެ."

ސަބަބަކީ ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން ސުޕީރިއާ ކޯޓެއްގެ ޑިވިޝަނެއް ރަށެއްގައި ގާއިމްކޮށްފި ނަމަ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް އެ ބާވަތުގެ މައްސަލަތައް ބެލުމުގެ އިހުތިސާސް ގެއްލޭނެތީ އެވެ. މާނައަކީ، މިސާލަކަށް ސިވިލް ކޯޓުގެ ޑިވިޝަނެއް އެހެން ތަނެއްގައި ގާއިމްކޮށްފި ނަމަ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް މަދަނީ މައްސަލަތައް ބެލުމުގެ އިހުތިސާސް ގެއްލުމެވެ. އެހެންވެ، އެ އުސޫލުން ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަން 2015 ވަނަ އަހަރު ގާއިމްކުރި ފަހުން މަދަނީ މައްސަލަތައް ހުޅުމާލޭ ކޯޓަކުން ނުބަލަ އެވެ.

އެކަމަކު، ކޯޓުތަކުގެ ގާނޫނުގެ ދަށުން ކޯޓުތަކުގެ ޑިވިޝަންތައް އުފެދޭނެ ކަމަށް ބެލެވޭނީ އުއްތަމަ ފަނޑިޔާރު ނެރުއްވާ ގަރާރަކުންނެވެ. ކްރިމިނަލް ކޯޓުގެ ޑިވިޝަނެއް ހުޅުމާލޭގައި ގާއިމްކުރި ކަމަށް ބަޔާންކުރާ އުއްތަމަ ފަނޑިޔާރުގެ އެފަދަ ގަރާރެއް މިހާތަނަކަށް ނެރުއްވާފައެއް ނެތެވެ. އެހެންވެ، ކްރިމިނަލް ކޯޓުގެ އިމާރާތެއް ހުޅުމާލޭގައި ހުރި ހުއްޓަސް ގާނޫނު ބުނާ ފަދައިން އެ ކޯޓުގެ ޑިވިޝަނެއް ހުޅުމާލޭގައި ރަސްމީކޮށް ގާއިމްވެފައެއް ނެތެވެ.

ޖޭއެސްސީގެ ފަނޑިޔާރުކަމުގެ ފަތްކޮޅެއް --- ފޮޓޯ/މިހާރު

ޖޭއެސްސީގެ ފަނޑިޔާރުކަމުގެ ފަތްކޮޅެއް --- ފޮޓޯ/މިހާރު

ނަމަވެސް އަނެއްކޮޅަށް ވިސްނާއިރު، އެއްވެސް މުއްދަތެއް ނެތް ގޮތަށް ހުޅުމާލޭގެ ވަކި އިމާރާތެއްގައި ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ހިންގަމުން ދާއިރު، އެއް ރަށެއް އަދި އެއް އަވަށެއްގައި އެއް ބާވަތުގެ މައްސަލަތައް ބެލުމަށްޓަކައި އެއް މަރުހަލާގެ ދެ ކޯޓެއް ހުރުމަކީ ކޯޓުތަކުގެ ގާނޫނު ދަންނަ ކަމެއް ނޫނެވެ. މުޅި ކްރިމިނަލް ކޯޓް ހިންގުން ދާއިމީކޮށް ހުޅުމާލެ އަށް ބަދަލުކުރަން ނިންމާފައިވާއިރު، އެ ހިސާބުން ފެށިގެން ދެން ވާނެ ގޮތަކާ މެދު ވެސް ސުވާލު އުފެދެ އެވެ.

"މިގޮތަށް އެބައޮތްކަން ޖުޑިޝަރީގެ އެންމެން ވެސް ގަބޫލު ކޮށްގެން ތިބީ. އެކަމަކު ހަމަ އަޅާނުލާ މިހާތަނަށް ވެސް މި އޮތީ."

އެ މައްސަލާގައި ހައި ކޯޓުން އިއްޔެ ނިންމީ ހުޅުމާލޭގައި ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ހިންގުމަކީ ހުޅުމާލޭ ކޯޓަށް ޖިނާއީ މައްސަލަތައް ބެލުމުގެ އިހުތިސާސް ގެއްލޭނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ހުޅުމާލޭގައި ވަކި ކޯޓެއް ހުންނަ ހުރުމުގެ ސަބަބުން ސުޕީރިއާ ކޯޓުތަކުގެ އޮނިގަނޑަށް ގޮންޖެހުންތަކެއް ކުރިމަތިވެ، އިންސާފު ގާއިމްކުރަން ހުރަސް އެޅެމުންދާ ކަމަށާއި އެހެންވެ، މިއީ ކޮންމެވެސް އެއް ގޮތަކަށް ނިމި، ހައްލެއް ހޯދަން ޖެހިފައިވާ އޮތް ކަމެއް ކަމަށް ހައި ކޯޓުގެ ހުކުމުގައި ވެ އެވެ.

"މެޖިސްޓްރޭޓް ކޯޓެއް، މާލޭގެ ހުޅުމާލޭގައި ހިންގުމަކީ މި މާލޭގެ ކޯޓުތަކުގެ އޮނިގަނޑަށް ކުރިމަތިވެފައި އޮތް ބޮޑު ގޮންޖެހުމެކެވެ. މިކަމަކީ ކޮންމެވެސް އެއް ގޮތަކަށް ނިމި، ގޮތެއްގެ މައްޗަށް ހައްލެއް ހޯދަންޖެހޭ ކަމެކެވެ. މިކަމުން ކުރިމަތިވާ މުޑިއެރުންތައް ގޮސް ހުއްޓެނީ ރައްޔިތުންގެ އަސާސީ ހައްގުތަކާ ހިސާބަށެވެ. ހުރަސް އެޅެނީ އަދުލު އިންސާފު ގާއިމް ކުރުމުގެ މަސައްކަތަށެވެ،" ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރެއްވި އެ ހުކުމުގައިވެ އެވެ.

"މި މައްސަލަ ގާނޫނީ ފަންނުގެ ދާއިރާގައި ސަމާސާއެއްގެ ގޮތުގައި ދެމިދާތާ ދޮޅަހަކަށް އަހަރު ވީއިރު ވެސް ހައްލެއް ހޯދިފައި ނެތުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ."

"ހުޅުމާލޭގައި ހުންނަ އިމާރާތަށް ޑިވިޝަނެކޭ ނުކިޔާ. ކްރިމިނަލް ކޯޓުގެ ހުޅުމާލޭ ބިލްޑިންއޭ އޮންނަނީ."

ގާނޫނީ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި މައްސަލައަކީ ކްރިމިނަލް ކޯޓުގެ މަސައްކަތްތައް ހުޅުމާލެއަށް ބަދަލު ކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި މައްސަލައަކީ ހުޅުމާލޭގައި ވަކި މެޖިސްޓްރޭޓް ކޯޓެއް އުފެދުމުން ގާނޫނީ މައްސަލަތައް އަންނާނެކަން އެނގި ތިބެ، އެއްވެސް މުއައްސަސާއަކުން އަޅާނުލައި އޮތުމުންނެވެ.

"އެންމެންނަށް ވެސް އެނގޭ މިކަން އޮތީ މިހެން ކަން. މި ގޯސް މިގޮތަށް އެބައޮތް ކަން ޖުޑިޝަރީގެ އެންމެން ވެސް ގަބޫލުކޮށްގެން ތިބީ. އެކަމަކު ހަމަ އަޅާނުލާ މިހާތަނަށް ވެސް މި އޮތީ." ޖިނާއީ ބޮޑެތި މައްސަލަތަކުގައި ވަކާލާތު ކުރެއްވި ވަކީލަކު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން --- ފޮޓޯ/މިހާރު

އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން --- ފޮޓޯ/މިހާރު

އެކަމަކު، ގާނޫނީ އެހެން ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ކްރިމިނަލް ކޯޓުގެ އިމާރާތެއް ހުޅުމާލޭގައި ހުރުމަކީ އެ ކޯޓުގެ ޑިވިޝަނެއް ގާއިމްކުރުން ކަމަށް ނުބެލެވޭނެ އެވެ. އެއީ ޑިވިޝަނެއް އުފައްދަން ގާނޫނުގައި ބުނާ ކަންކަން ފުރިހަމަ ނުވެ އޮތުމާއި ކްރިމިނަލް ކޯޓުގެ އިދާރީ މައިގަނޑު މަސައްކަތްތައް އަދިވެސް ހިންގަމުންދަނީ މާލޭގައި ހުންނަ ކްރިމިނަލް ކޯޓުން ކަމަށް ވާތީ ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަަ އެވެ.

"ލިޔުންތައް ހުށަހަޅަން ވިޔަސް މާލޭގައި ހުންނަ ކޯޓަށް މި ފޮނުވަން ޖެހެނީ ލިޔުންތައް. އަދި ހުޅުމާލޭގައި ހުންނަ އިމާރާތަށް ޑިވިޝަނެކޭ ނުކިޔާ. ކްރިމިނަލް ކޯޓުގެ ހުޅުމާލޭ ބިލްޑިންގޭ އޮންނަނީ ލިޔުންތަކުގައި،" އެހެން ވަކީލަކު ވިދާޅުވި އެވެ.

ނަމަވެސް އޭނާ އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި އެންމެ ރަނގަޅު ގޮތަކީ ގާނޫނަށް ގެނެވޭ އިސްލާހެއްގެ ދަށުން ވިޔަސް، ހުޅުމާލޭ ކޯޓުގައި ހުރި މައްސަލަތައް ކްރިމިނަލް ކޯޓުން ބަލަން ފެށުމެވެ. ކޯޓުތައް ދާއިމީކޮށް ހުޅުމާލެ އަށް ބަދަލު ކުރުމުގެ ކުރިން އެ ބަދަލު ގެންނަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގައި އެންމެ ރަނގަޅު ގޮތަކީ ކްރިމިނަލް ކޯޓުން ޖިނާއީ ހުރިހާ މައްސަލަތަކެއް ބެލުން. އެކަމަކު އެހެން ބަލަން ފަށައިފި ނަމަ ދެެން ހުޅުމާލޭ ކޯޓުގައި ހުރި ޖިނާއީ މައްސަލަތަކަށް ވާނީ ކިހިނެއްތޯ އެއީ ސުވާލު އުފެދޭނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭ ކޯޓާއި މާލޭގެ ކޯޓުތަކުގެ އިހުތިސާސާ ދެމެދު އޮތް މައްސަލައަކީ އެތައް ޒަމާނެއް ވީއިރު ވެސް ހައްލެއް ނުހޯދުނު މައްސަލަ އެވެ. މިއީ އިތުރު ގާނޫނީ މައްސަލަތަކެއް ފެންމަތިވުމުގެ ކުރިން އަވަސް ގޮތެއްގައި ހައްލެއް ހޯދަންޖެހޭ މައްސަލަ އެކެވެ.