Roadha Mihaaru
ސެމީގައި ކަލާފާނު، މަޖީދިއްޔާ، އަހުމަދިއްޔާ، މާފުށި

އިންޓަ ސްކޫލްގެ ސެމީ ފައިނަލުގައި ކަލާފާނު، މަޖީދިއްޔާ، އަހުމަދިއްޔާ އަދި މާފުށި ސްކޫލް

08 ޖޫން 2023

މިއަހަރުގެ އެފްއޭއެމް 13 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ކަލާފާނު ސްކޫލާއި މަޖީދިއްޔާ ސްކޫލް އަދި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ އިތުރުން ކ. މާފުށި ސްކޫލް ޖާގަ ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މިއަހަރުގެ އެފްއޭއެމް 13 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ކަލާފާނު ސްކޫލާއި މަޖީދިއްޔާ ސްކޫލް އަދި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ އިތުރުން ކ. މާފުށި ސްކޫލް ޖާގަ ހޯދައިފި އެވެ.

ސެމީ ފައިނަލްގެ މެޗުތައް މިރޭ ކުޅެން ހަމަޖެހިފައި ވާއިރު، ސެމީގެ ފުރަތަމަ މެޗުގައި މިރޭ 8 ޖަހާއިރު ބައްދަލުކުރާނީ ކަލާފާނާއި މަޖީދިއްޔާ ސްކޫލެވެ. އަދި 9:30 ގައި ފަށާ ދެވަނަ ސެމީފައިނަލް މެޗުގައި އަހުމަދިއްޔާ އާއި މާފުށި ސްކޫލް ބައްދަލުކުރާނެ އެވެ.

މުޅި އެކު 36 ސްކޫލަކުން ވާދަކުރި މި މުބާރާތް ކުރިއަށް ގެންދިޔައީ ހަ ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން އެއްވަނަ ހޯދި ޓީމުތަކުގެ އިތުރުން، ގުރޫޕްތަކުގެ ދެވަނައަށް ދިޔަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ދެ ޓީމު ވަނީ ކުއާޓާ ފައިނަލް ކުޅެފަ އެވެ.

އާދިއްތަ ދުވަހު ކުޅުނު ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުގައި ކަލާފާނުން ވަނީ ފަސޭހަ ކަމާއެކު 6-0 އިން އިސްކަންދަރު ސްކޫލް ބަލިކޮށްފަ އެވެ. ކަލާފާނުން ވަނީ އެ މެޗުގެ ކޮންމެ ހާފެއްގައި ތިން ގޯލު ޖަހައިފަ އެވެ. އީހާން އިބްރާހިމް ތިން ގޯލު ޖަހައި ހެޓްރިކް ހަދާފައި ވާއިރު ހުސެއިން އިލްހާމް އިބްރާހިމް ވަނީ ދެ ގޯލު ކާމިޔާބު ކޮށްފަ އެވެ. އަދި މުހައްމަދު ވިފާގު ޖާދުﷲ ވެސް ވަނީ މެޗުގައި ގޯލެއް ކާމިޔާބު ކޮށްފަ އެވެ.

މަޖީދިއްޔާ އާއި މުހުޔިއްދީން ސްކޫލް އެ ދުވަހު ކުޅުނު ކުއާޓާގެ ދެވަނަ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ވަނީ 1-1 އިން އެއްވަރު ވެފަ އެވެ. ފުރަތަމަ ހާފުގައި މަޖީދިއްޔާގެ ޝާދިން އަބްދުއްރައްޒާގް ލީޑް ނަގައިދީފައި ވަނިކޮށް ފަހު ހާފުގައި މުހުޔިއްދީނަށް ނަތީޖާ އެއްވަރު ކޮށްދިނީ ޔޫސުފް ޒުހާލް ހަސަން ޔާމީން އެވެ. މަޖީދިއްޔާ ސެމީ އަށް ދަތުރުކުރީ ނަތީޖާ އެއްވަރުވުމުން ޕެނަލްޓީގައި 3-2 އިން ކުރި ހޯދައިގެންނެވެ.

މާފުށި ސްކޫލް ސެމީ ފައިނަލަށް ދަތުރުކުރީ، ހޯމަ ދުވަހު ކުޅުނު ކުއާޓާގެ ތިންވަނަ މެޗުގައި ފޯރިގަދަ ކުޅުމަކަށް ފަހުވަގުތު ޖެހި ގޯލުން 2-1 އިން ކ ގުރައިދޫ ސްކޫލް ބަލިކޮށްފަ އެވެ. މެޗުގެ ވަރަށް ކުރީކޮޅު މުހައްމަދު ނައިކް ބިން އަސަދު މާފުށި ސްކޫލަށް ލީޑު ނަގައިދީފައި ވަނިކޮށް، ހާފު ނިމެނިކޮށް ގުރައިދޫ ސްކޫލަށް އެއްވަރު ކޮށްދިނީ ބާރަހް ބިން ޝިމާޒް އެވެ. މާފުށި ސްކޫލް މޮޅުވީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ނައިކް ޖަހައިދިން ގޯލުންނެވެ.

އެދުވަހު ކުއާޓާގެ ފަހު މެޗު އަހުމަދިއްޔާ ކާމިޔާބު ކުރީ ޖަމާލުއްދީން ސްކޫލާ ވާދަކޮށް 2-1 އިންނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ދެ ޓީމުން ވެސް ވަނީ ގޯލު ޖަހައި މެޗު ފޯރިގަދަ ކޮށްލައިފަ އެވެ. އެގޮތުން ފުރަތަމަ ގޯލު ޖެހީ އަހުމަދިއްޔާ އިންނެވެ. އެޓީމަށް ގޯލު ޖަހައިދިނީ މުހައްމަދު ކިޔާން އާސިފް އެވެ. އޭގެ އިރުކޮޅެއް ތެރޭ މާހިލް މުހައްމަދު ވަނީ ޖަމާލުއްދީނަށް ނަތީޖާ އެއްވަރުކޮށް ދީފަ އެވެ. އަހުމަދިއްޔާ މޮޅުވީ ދެވަނަ ހާފު ފެށިގެން 10 ވަނަ މިނިޓުތެރޭ ލޫކް އަބްދުﷲ ޖަމީލް ކާމިޔާބު ކޮށްދިން ގޯލުންނެވެ.