Roadha Mihaaru

3،000 އަށް ވުރެ ގިނަ ދަރިވަރުންނާ އެކު އޭ ލެވެލްގެ ކިޔެވުން ފަށައިފި

މި އަހަރު އޯ ލެވެލް ނިންމި ދަރިވަރުންގެ ތެރެއިން 3،200 ދަރިވަރުންނާ އެކު އޭ ލެވެލްގެ ކިޔެވުން މިއަދު ފަށައިފި އެވެ.

3،200 ދަރިވަރުންނާއެކު އޭލެވެލްގެ ކިޔެވުން ފަށައިފި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

14 ސެޕްޓެމްބަރ 2025

މި އަހަރު އޯ ލެވެލް ނިންމި ދަރިވަރުންގެ ތެރެއިން 3،200 ދަރިވަރުންނާ އެކު އޭ ލެވެލްގެ ކިޔެވުން މިއަދު ފަށައިފި އެވެ.

ދައުލަތުގެ މީޑިއާ "ޕީއެސްއެމް"ގައި، މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ އެހެން އަހަރުތަކާ ހިލާފަށް މި އަހަރު އޭ ލެވެލްގައި ކިޔަވާ ކުދިންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ.

ކޮންމެ އަހަރަކު 7،000އާ ގާތްކުރާ އަދަދަކަށް ދަރިވަރުން އޯލެވެލް ނިންމަ އެވެ. އެކަމަކު، އޭގެތެރެއިން އޭ ލެވެލް އަށް ކިޔަވަނީ ގާތްގަނޑަކަށް 2،000 ދަރިވަރުންނެވެ.

މި އަހަރު އެ އަދަދު 3،000 އިން މަތިވެފައިވާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވަނީ އޭ ލެވެލް ފެށި ދަރިވަރުން ނަތީޖާ ނެރެން ގަދައަޅައި މަސައްކަތް ކުރަން ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.

"މިއީ ދިރިއުޅުމަށް ތިޔަ ކުދިން ނެރުމަށްޓަކައި މަދަރުސީ ތައުލީމު ނިޒާމުގެ އެންމެ ފަހު މަރުހަލާ. ޔުނިވާސިޓީއަކަށް ދިޔަ ކަމުގައި ވިޔަސްމެ، ކުންފުންޏެއްގެ ވަޒީފާއަކަށް ދިޔަކަމުގައިވިޔަސްމެ، އަމިއްލަ މަސައްކަތެއް ކުރި ކަމުގައި ވިޔަސް ކުދިންނަށް ބޭނުންވާ ހުނަރާއި ގާބިލިއްޔަތު ތަކާއި އިލްމު، މި މަރުހަލާގެ ތައުލީމުން ލިބޭނެ،" އިސްމާއިލް ވިދާޅުވި އެވެ.

އޭ ލެވެލް ކިޔަވާ ދަރިވަރުންގެ އަދަދު އިތުރު ކުރުމަށް ސަރުކާރުން ވަނީ ގިނަ ކަންތައްތަކެއް މިހާރު ވެސް ކޮށްފަ އެވެ.

އޭގެތެރޭގައި މާލޭގައި ޒަމާންވަންދެން ހިންގި އޭ ލެވެލް ސްކޫލް، ސީއެޗްއެސްއީ އިމާރާތް އަލުން ހުޅުވައި ކިޔަވައި ދޭން ފެށުން ހިމެނެ އެވެ. ރާއްޖޭގައި އޭ ލެވެލް ކިޔެވުމުގެ ފުރުސަތު ވީހާވެސް ގިނަ ކުދިންނަށް ދޭން ގްރޭޑް 11، 12 އަށް ވައްދާ ކްރައިޓީރިއާ ދަށްކޮށް އުސޫލު ވެސް ވަނީ އިސްލާހުކޮށްފަ އެވެ.

ކުރިން ކިޔަވައިދޭ ސްކޫލްތަކުގެ އިތުރަށް، މި އަަހަރު އަލަށް 12 ސްކޫލެއްގައި ވެސް ވަނީ އޭ ލެވެލް އަށް ކިޔަވައިދޭން ފަށައިފަ އެވެ.