Roadha Mihaaru
މާލެ ސީއެޗްއެސްއީ އަލުން ހުޅުވައި ކިޔަވައިދޭން ފަށައިފި

400 އަށް ވުރެ ގިނަ ދަރިވަރުންނާއެކު މާލެ ސީއެޗްއެސްއީ އަލުން ހުޅުވައި ކިޔަވައިދޭން ފަށައިފި

01 ސެޕްޓެމްބަރ 2024

މާލޭގައި ޒަމާންވަންދެން ހިންގި އޭ ލެވެލް ސްކޫލް، ސީއެޗްއެސްއީ އިމާރާތް ހުޅުވައި މިއަދު އަލުން ކިޔަވައިދޭން ފަށައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލޭގައި ޒަމާންވަންދެން ހިންގި އޭ ލެވެލް ސްކޫލް، ސީއެޗްއެސްއީ އިމާރާތް ހުޅުވައި މިއަދު އަލުން ކިޔަވައިދޭން ފަށައިފި އެވެ.

މާލެ ސަރަހައްދުގައި މަތީ ސާނަވީއަށް ކިޔަވައިދޭ ހަމައެކަނި ސްކޫލު، ސީއެޗްއެސްއީ މިހާތަނަށް ހިންގީ އަމީނިއްޔާ ސްކޫލުގެ ބިއްދޮށުގަ އެވެ. އެކަމަކު، އެ އިމާރާތް ބޭނުންކުރުން މިދިޔަ އޮގަސްޓް މަހު ހުއްޓާލުމަށް ފަހު، ސީއެޗްއެސްއީ ބަދަލުކުރީ ހުޅުމާލޭގައި އަލަށް ހެދި އިމާރާތަށެވެ.

އެކަމަކު އެ ސްކޫލްގައި އަލުން ކިޔަވައިދޭން ފަށަން އެޑިއުކޭޝަން މިނިސްޓްރީން ނިންމީ މާލޭގައި އޭލެވެލަށް ކިޔަވައިދޭނެ ސަރުކާރުގެ ސްކޫލެއް ނެތުމަކީ އެ ކަމުގެ ދަތިކަން ގިނަ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ފޯރާތީ އެވެ.

މާލޭ ސީއެޗްއެސްއީ އިމާރާތް-- ފޮޓޯ:އެޑިއުކޭޝަން މިނިސްޓްރީ

މާލޭ ސީއެޗްއެސްއީ އިމާރާތް-- ފޮޓޯ:އެޑިއުކޭޝަން މިނިސްޓްރީ

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ އެ ސްކޫލު ވެގެންދާނީ މާލޭގައި ހުރި މަތީ ސާނަވީއަށް ކިޔަވައިދޭ އެންމެ ފެންވަރު ރަނގަޅު، ހިތްފަސޭހަ އަދި ދަރިވަރުންނަށް އުފާވެރި އުނގެނުމުގެ މާހައުލު ތަނަވަސްވެފައިވާ ސްކޫލަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި ސްކޫލު ހުޅުވުމުން މަތީ ސާނަވީއަށް އުނގެނުމަށް، މާލެ އާއި ހުޅުމާލެ އާ ދެމެދު ދަތުރުކުރާ ދަރިވަރުންގެ އަދަދު މަދުވާނެ ކަމަށެވެ.

މާލޭ ސީއެޗްއެސްއީ އިމާރާތް ހުޅުވައި ކިޔަވައިދޭން ފެށުމުން ދަރިވަރުން ސްކޫލަށް ވަންނަނީ -- ފޮޓޯ:އެޑިއުކޭޝަން މިނިސްޓްރީ

މާލޭ ސީއެޗްއެސްއީ އިމާރާތް ހުޅުވައި ކިޔަވައިދޭން ފެށުމުން ދަރިވަރުން ސްކޫލަށް ވަންނަނީ -- ފޮޓޯ:އެޑިއުކޭޝަން މިނިސްޓްރީ

މިއަދު އަލުން ކިޔަވައިދޭން ފެށިއިރު، 400 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަން ފަށާފައިވާ ކަމަށާއި އިތުރު ދަރިވަރުން ވަނުމަށް އެދެމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެ ސްކޫލުގެ ޕްރިންސްޕަލަކަށް ހަމަޖައްސާފައި ވަނީ ދަރުމަވަންތަ ސްކޫލުގެ ޕްރިންސިޕަލްކަން 17 އަހަރު ކުރެއްވި އަބްދުﷲ ދީދީ އެވެ.

މާލޭ ސީއެޗްއެސްއީ އިމާރާތް ހުޅުވައި ކިޔަވައިދޭން ފެށުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ސްކޫލުގެ ޕްރިންސިޕަލް އަބްދުﷲ ދިދީ ސަލާމް ކުރައްވަނީ-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މާލޭ ސީއެޗްއެސްއީ އިމާރާތް ހުޅުވައި ކިޔަވައިދޭން ފެށުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ސްކޫލުގެ ޕްރިންސިޕަލް އަބްދުﷲ ދިދީ ސަލާމް ކުރައްވަނީ-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މާލޭގައި މި އިމާރާތުގައި ކިޔަވައިދޭން އަލުން ފެށިޔަސް، ހުޅުމާލޭގައި ވެސް އޭލެވެލް އަށް ކިޔަވައިދޭން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.