Roadha Mihaaru
13 އަހަރުން ދަށުގެ ފައިނަލުގައި ކަލާފާނާއި އަހުމަދިއްޔާ

13 އަހަރުން ދަށުގެ ފައިނަލުގައި ކަލާފާނާއި އަހުމަދިއްޔާ

09 ޖޫން 2023

ކަލާފަން ސްކޫލާއި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް މިއަހަރުގެ އެފްއޭއެމް 13 އަހަރުން ދާށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ކަލާފަން ސްކޫލާއި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް މިއަހަރުގެ އެފްއޭއެމް 13 އަހަރުން ދާށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ކަލާފާނުން މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފައި ވަނީ މެޗަކުން ބަލި ނުވެ އެވެ. އަހުމަދިއްޔާ އަކީ ހަ ގުރޫޕްގެ ދެވަނަ އަށް ދިޔަ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެ ޓީމުގެ ތެރޭގައި ހިމެނިގެން ނޮކައުޓް ބުރަށް ދިޔަ ޓީމެކެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުރިއަށްދާ މުބާރާތުގައި ރޭ ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ކަލާފާނުން ވަނީ 6-0 އިން މަޖީދިއްޔާ ސްކޫލް ބަލިކޮށްފަ އެވެ. އެ ޓީމުގެ ގޯލުތައް ޖަހައިދިނީ އީހަން އިބްރާހިމް، ޔޫސުފް ރައްޔާން ރިޔާޒް އަދި ހުސެއިން އިލްހާމް އަހުމަދެވެ. އިލްހާމް ދެ ގޯލު ޖެހިއިރު، ފަހު ގޯލަކީ މަޖީދިއްޔާ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

އަހުމަދިއްޔާ އާއި މާފުށި ސްކޫލް ބައްދަލުކުރި ފައިނަލް މެޗުގެ ތެރެއިން.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އަހުމަދިއްޔާ އާއި މާފުށި ސްކޫލް ބައްދަލުކުރި ފައިނަލް މެޗުގެ ތެރެއިން.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ރޭ ކުޅުނު ދެވަނަ ސެމީ ފައިނަލް މެޗުގައި އަހުމަދިއްޔާ ނުކުތީ ކ. މާފުށި ސްކޫލާ ދެކޮޅަށެވެ. ފުރިހަމަ ވަގުތު ހަމަވި އިރު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި އަހުމަދިއްޔާ ކުރި ހޯދީ 5-4 އިންނެވެ.

އަހުމަދިއްޔާ އަށް ޕެނަލްޓީތައް ޖަހައިދިނީ ލޫކް އަބްދުﷲ ޖަމީލް، އަހުމަދު އަޝްހަމް އާތިފް، އާޔަން މުހައްމަދު އިބްރާހިމް، އަހުމަދު ރަޒާން ރަމްޒީ އަދި އަހުމަދު އަޒާން އަބްދުއްރަހޫމް އެވެ.

މާފުށި ސްކޫލްގެ ޕެނަލްޓީތައް ކާމިޔާބު ކުރީ މުހައްމަދު ޔަޒްދާން އަހުމަދު، މުހައްމަދު ނައިކް ބިން އަސަދު، އަހުމަދު ލީވާން އަދި ހުސެއިން ޝާޔާން މުހައްމަދެވެ.

ކަލާފާނު ސްކޫލް ވަނީ މިއަހަރު ބޭއްވި 15 އަހަރުން ދަށާއި 17 އަހަރުން ދަށުގެ ފައިނަލް ކުޅެފަ އެވެ. އިސްކަންދަރު ސްކޫލް އަތުން 15 އަހަރުން ދަށުގެ ފައިނަލުން ބަލިވި އިރު، އޭގެ ކުރިން 17 އަހަރުން ދަށުގެ ފައިނަލްގައި ބަލިވީ ރެހެންދި ސްކޫލް އަތުންނެވެ.

އަހުމަދިއްޔާ އާއި ކަލާފާނު ބައްދަލުކުރާ 13 އަހަރުން ދަށުގެ ފައިނަލް މެޗު ކުޅޭނީ އާދިއްތަ ދުވަހުގެ ރޭ 8:30 ގައެވެ.