Roadha Mihaaru
ރާމޯސް ވެސް ޕީއެސްޖީ ދޫކޮށްލަނީ

ރާމޯސް ވެސް ޕީއެސްޖީ ދޫކޮށްލަނީ

03 ޖޫން 2023

މީގެ ދެ އަހަރު ކުރިން ޕީއެސްޖީ އަށް ބަދަލުވި ސާޖިއޯ ރާމޯސް މި ސީޒަނަށް ފަހު އެ ކްލަބް ދޫކޮށްލާނެކަން އިއުލާން ކޮށްފި އެވެ.

އަލީ ޝަހީމް އަލީ ޝަހީމް

މީގެ ދެ އަހަރު ކުރިން ޕީއެސްޖީ އަށް ބަދަލުވި ސާޖިއޯ ރާމޯސް މި ސީޒަނަށް ފަހު އެ ކްލަބް ދޫކޮށްލާނެކަން އިއުލާން ކޮށްފި އެވެ.

ސްޕެއިން އާއި ރެއާލް މެޑްރިޑްގައި ގިނަ ކާމިޔާބީތަކެއް ހޯދި، ރާމޯސް ޕީއެސްޖީއާ ގުޅުނީ 2021 ވަނަ އަހަރު އެވެ. ހަމަ އެ ޓްރާންސްފާ ޕީރިއަޑްގައި އޭނާއާ އެކު ޕީއެސްޖީ އަށް ބަދަލުވި ލިއޮނެލް މެސީ ވެސް ޕީއެސްޖީ ދޫކޮށްލާނެކަން ވަނީ އިއުލާން ކޮށްފަ އެވެ.

ރާމޯސް، 37، ޕީއެސްޖީ ޓީމަށް ކުޅޭނެ ފަހު މެޗަކީ ފްރެންޗް ލީގުގައި މިރޭ ކްލެމެންޓް ފުޓްއާ ދެކޮޅަށް ކުޅޭ މެޗެވެ.

ޕީއެސްޖީ އަށް ބަދަލުވެ ކުޅުނު ފުރަތަމަ ސީޒަނުގައި އަނިޔާގެ ސަބަބުން ރާމޯސް އަށް ގިނަ މެޗުތަކެއް ގެއްލުނެވެ. އެކަމަކު މި ސީޒަނުގައި އަނިޔާއިން ސަލާމަތްވެ މުހިއްމު މެޗުތައް ރާމޯސް ކުޅުނެވެ. ޕީއެސްޖީގައި ރާމޯސް ވަނީ 57 މެޗު ކުޅެފަ އެވެ.

ރާމޯސް ވަނީ ޕީއެސްޖީއާ އެކު ދެ ސީޒަނުގައި ވެސް ފްރެންޗް ލީގު ކާމިޔާބު ކޮށްފަ އެވެ. އެކަމަކު އޭނާއާ ރައްޓެހި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތަށި ޕީއެސްޖީއާ އެކު ނުހޯދުނެވެ.

ޕީއެސްޖީގެ ރައީސް ނާސިރު އަލް ހެއްލާފީ ވިދާޅުވީ ރާމޯސް ޕީއެސްޖީ އަށް ކުޅުމަކީ ޓީމަށް ލިބުނު ފަހުރެއް ކަމަށާއި، އޭނާގެ ލީޑަޝިޕާއި ތަޖުރިބާއާ އެކު އޭނާ އަކީ ފުޓްބޯޅައިގެ ލެޖެންޑެއް ކަމަށެވެ.

ރާމޯސް ކްލަބް ކެރިއަރުގައި އެންމެ ކާމިޔާބު ދުވަސްތައް ހޭދަކުރީ ރެއާލްގަ އެވެ. އެޓީމާ އެކު ހަތަރު ފަހަރު ޗެމްޕިއަންސް ލީގު ހޯދައި ފަސް ފަހަރު ސްޕެނިޝް ލީގު ކާމިޔާބުކުރި އެވެ.

ސްޕެއިން އަށް އެންމެ ގިނަ މެޗު ކުޅެދިނުމުގެ ރެކޯޑް އޮތް ރާމޯސް ވަނީ އެ ޓީމުގެ ރަން ދުވަސްވަރު މޮޅު ކުޅުމެއް ދައްކައިފަ އެވެ. ސްޕެއިންއާ އެކު 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި 2008 އަދި 2012 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ރާމޯސް ކާމިޔާބު ކުރި އެވެ.