Roadha Mihaaru
ރަޝިޔާއިން އެމެރިކާއަށް: ނިއުކްލިއާ ހަތިޔާރޭ ނުކިޔާ!

ރަޝިޔާ އިން އެމެރިކާއަށް: ނިއުކްލިއާ ހަތިޔާރޭ ނުކިޔާ!

28 މެއި 2023

ރަޝިޔާގެ ބައެއް ނިއުކްލިއާ ހަތިޔާރުތައް އަވައްޓެރި ބެލަރޫސްގައި ބެހެއްޓުމަށް ތައްޔާރުވަމުން އަންނާތީ، އެމެރިކާގެ ރައީސް ޖޯ ބައިޑެން އެކަމަށް ފާޑިވިދާޅުވުމުން، އެކަން ކުށްވެރިކޮށް އެފަދަ ވާހަކަ ދެއްކުމުގެ ހައިސިއްޔަތެއް އެމެރިކާ އަށް ނެތް ކަމަށް ރަޝިޔާ އިން ބުނެފި އެވެ.

ރަޝިޔާގެ ބައެއް ނިއުކްލިއާ ހަތިޔާރުތައް އަވައްޓެރި ބެލަރޫސްގައި ބެހެއްޓުމަށް ތައްޔާރުވަމުން އަންނާތީ، އެމެރިކާގެ ރައީސް ޖޯ ބައިޑެން އެކަމަށް ފާޑިވިދާޅުވުމުން، އެކަން ކުށްވެރިކޮށް އެފަދަ ވާހަކަ ދެއްކުމުގެ ހައިސިއްޔަތެއް އެމެރިކާ އަށް ނެތް ކަމަށް ރަޝިޔާ އިން ބުނެފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރަޝިޔާ އިން ބުނެފައިވަނީ ނިއުކްލިއާ ހަތިޔާރުތައް، ބެލަރޫސްގައި ގާއިމުކޮށްފައި ބަހައްޓާ ތަން ތައްޔާރުކުރުމުގެ މަސައްކަތް މުޅިންހެން ނިމި، އެ ހަތިޔާރުތައް ބެލަރޫސް އަށް ގެންދިއުމުގެ މަސައްކަތް ރަޝިޔާގެ އަސްކަރީ ތަޖުރިބާކާރުން މިހާރު ފަށާފައިވާ ކަމަށެވެ. މިއީ ކުރީގެ ސޮވިއެޓް ޔޫނިއަން 1991 ވަނަ އަހަރު ރޫޅިގެން ދިއުމަށް ފަހު، ރަޝިޔާގެ ނިއުކްލިއާ ހަތިޔާރެއް އެ ގައުމުން ބޭރުގައި ގާއިމުކުރާ ފުރަތަމަ ފަހަރެވެ.

މި ކަމާ ބެހޭ ގޮތުން ބެލަރޫސްގެ ރައީސް އެލެގްޒެންޑާ ލުކަޝެންކޯ ވިދާޅުވީ އޭނާގެ ގައުމު އޮތީ ރަޝިޔާގެ ނިއުކްލިއާ ހަތިޔާރުތަކަށް މަރުހަބާ ކިޔަން ތައްޔާރަށް ކަމަށެވެ. އަދި ރަޝިޔާ އިން ބެލަރޫސްގައި ގާއިމުކުރާ ނިއުކްލިއާ ހަތިޔާރުތައް ބެލަރޫސް އަށް ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ބައިޑެން މިދިޔަ ހުކުރު ދުވަހު ވިދާޅުވީ ރަޝިޔާގެ ނިއުކްލިއާ ހަތިޔާރުތައް ބެލަރޫސްގައި ބެހެއްޓުމަކީ އެމެރިކާ ރުހޭ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ބައިނަލްއަގުވާމީ ސުލްހައަށް ކުރިމަތިވާ ނުރައްކަލެއް ކަމަށް ވެސް އެމެރިކާ އިން ބުނެ އެވެ.

ބައިޑެންގެ އެ ވާހަކަތަކަށް ރައްދު ދެމުން، އެމެރިކާގައި ހުންނަ ރަޝިޔާ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނީ ބެލަރޫސްގައި ނިއުކްލިއާ ހަތިޔާރު ބަހައްޓަން އުޅޭތީ އެކަމާ އެމެރިކާ ކަންބޮޑުވާއިރު، މުޅި ޔޫރަޕްގައި އެމެރިކާގެ ނިއުކްލިއާ ހަތިޔާރުތައް ގާއިމުކޮށްފައި ހުންނަތާ އެތައް އަހަރެއް ވެއްޖެ ކަމަށެވެ.

"އެމެރިކާ އިން އަހަރެމެންނާ ދެކޮޅަށް، އެކި ގޮތްގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ފަށާފައިވާ ހަނގުރާމައިން ރައްކާތެރިވުމަށްޓަކައި ކޮންމެހެން ބޭނުން ހިފަންޖެހޭ ކަމަށް އަހަރެމެންނަށް ފެންނަ ކޮންމެ ވަސީލަތެއްގެ ބޭނުން ހިފައިގެން ވިޔަސް، އަހަރެމެންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ރަޝިޔާ އާއި ބެލަރޫސްއަށް ލިބިފައިވާ ސިޔާދަތީ ހައްގެއް،" ރަޝިޔާ އެމްބަސީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

"އަހަރެމެން މިއަޅާ ހުރިހާ ފިޔަވަޅުތަކަކީ ވެސް، އަހަރެމެންގެ މައްޗަށް ބައިނަލްއަގުވާމީ ގޮތުން ލާޒިމުކުރާ ގާނޫނީ ޒިންމާތަކާ އެއްގޮތްވާ ގޮތަށް އަޅާ ފިޔަވަޅުތަކެއް."

ރަޝިޔާ އިން ނިންމާފައިވަނީ އެ ގައުމުގައި ހުރި ޓެކްޓިކަލް ނިއުކްލިއާ ހަތިޔާރުތަކުގެ ތެރެއިން ވަކި އަދަދެއްގެ ހަތިޔާރުތައް ބެލަރޫސްގައި ގާއިމުކޮށްފައި ބެހެއްޓުމަށެވެ. ޓެކްޓިކަލް ނިއުކްލިއާ ހަތިޔާރަކީ، ބޮޑެތި ސަހަރުތައް ސުންނާފަތިކޮށްލުމަށް ބޭނުންކުރާ ސްޓްރެޓީޖިކް ނިއުކްލިއާ ހަތިޔާރަށް ވުރެ ބާރު ދަށް، އަދި ހަނގުރާމައިގެ މައިދާނުގައި ކުރިފަސް ހޯދުމަށް ބޭނުންކުރަން އުފައްދާފައި ހުންނަ ބާރު ގަދަ ހަތިޔާރެކެވެ.

ރައީސް ބައިޑެންގެ ފާޑުކިޔުންތަކަށް ރައްދު ދެމުން ރަޝިޔާ އެމްބަސީން އެމެރިކާ އަށް ގޮވާލާފައިވަނީ އެހެން މީހުންގެ ކަންކަމަށް ފާޑުކިޔުމުގެ ކުރިން ތިމާމެންގެ އަމިއްލަ ނަފްސުގެ ހާލަތު ބަލައިލުން ރަނގަޅު ވާނެ ކަމަށެވެ.

އެމެރިކާގެ ނިއުކްލިއާ ހަތިޔާރުތައް އެ ގައުމުން ބޭރުގައި އެންމެ ފުރަތަމަ ގާއިމުކުރީ، 1954 ވަނަ އަހަރު އިނގިރޭސި ވިލާތުގަ އެވެ. ކުރީގެ ސޮވިއެޓް ޔޫނިއަންގެ ފަރާތުން ކުރިމަތިވެދާނެ ނުރައްކަލެއްގެ ދިފާއުގައި ކަމަށް ބުނެ، ފިނި ހަނގުރާމައިގެ ދުވަސްވަރު އެމެރިކާ ސަރުކާރުން އެކަމަށް ހުއްދަ ދިނީ ކުރީގެ ރައީސް އެއިޒިންހަވާގެ ވެރިކަމުގަ (1953-1961) އެވެ.

އޭގެ ފަހުން މިއަދާ ހަމައަށް އައިއިރު، އިނގިރޭސި ވިލާތުގެ އިތުރުން ޔޫރަޕްގެ ބައެއް އެހެން ގައުމުތަކުގައި ވެސް އެމެރިކާގެ ނިއުކްލިއާ ހަތިޔާރުތައް ބަހައްޓާފައި އެބަހުއްޓެވެ. އެމެރިކާގެ ޓެކްޓިކަލް ނިއުކްލިއާ ހަތިޔާރުގެ ތެރޭގައި ހިމެނޭ ބީ61 މަރުކާގެ 100 ބޮން، ޔޫރަޕްގެ އެކި ގައުމުތަކުގައި ބަހައްޓާފައި އެބަހުރި ކަމަށް، އެމެރިކާގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ފެޑެރޭޝަން އޮފް އެމެރިކަން ސައެންޓިސްޓްސް އިން ބުނެ އެވެ.

ނަމަވެސް އެމެރިކާ އިން ބޭރުގައި އެ ގައުމުގެ ނިއުކްލިއާ ހަތިޔާރުތައް ބަހައްޓާފައި ހުރީ ކޮން ގައުމުތަކެއްގައި ކަމެއް އަދި އެއީ ކިހާ ހަތިޔާރެއް ކަމެއް ވެސް އެމެރިކާ ސަރުކާރުން ނުބުނެ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން، އެމެރިކާގެ ނިއުކްލިއާ ހަތިޔާރުތައް ބަހައްޓާފައި ހުރީ، އިނގިރޭސި ވިލާތް، އިޓަލީ ވިލާތް، ޖަރުމަން ވިލާތް، ތުރުކީ ވިލާތް، ބެލްޖިއަމް އަދި ނެދަލޭންޑްސްގަ އެވެ.