Roadha Mihaaru
އެމެރިކާގެ ނިއުކްލިއާ މައުލޫމާތު ރަޝިޔާއަށް ނުދޭނެ

އެމެރިކާގެ ނިއުކްލިއާ މައުލޫމާތު ރަޝިޔާއާ ހިއްސާ ނުކުރާނެ

29 މާޗް 2023

އެމެރިކާ އާއި ރަޝިޔާ އިން ސޮއިކޮށްފައިވާ، ނިއުކްލިއާ ހަތިޔާރު ފެތުރުން މަނާކުރާ މުއާހަދާ، ސްޓްރެޓީޖިކް އާމްސް ރިޑަކްޝަން ޓްރީޓީ (ސްޓާޓް)ގެ ދަށުން، އެމެރިކާގެ ނިއުކްލިއާ ހަތިޔާރުތަކާ ބެހޭ މައުލޫމާތު ރަޝިޔާއާ ހިއްސާކުރުން ހުއްޓާލައިފިކަން، އެ ގައުމުން ރަޝިޔާ އަށް އަންގައިފި އެވެ.

އެމެރިކާ އާއި ރަޝިޔާ އިން ސޮއިކޮށްފައިވާ، ނިއުކްލިއާ ހަތިޔާރު ފެތުރުން މަނާކުރާ މުއާހަދާ، ސްޓްރެޓީޖިކް އާމްސް ރިޑަކްޝަން ޓްރީޓީ (ސްޓާޓް)ގެ ދަށުން، އެމެރިކާގެ ނިއުކްލިއާ ހަތިޔާރުތަކާ ބެހޭ މައުލޫމާތު ރަޝިޔާއާ ހިއްސާކުރުން ހުއްޓާލައިފިކަން، އެ ގައުމުން ރަޝިޔާ އަށް އަންގައިފި އެވެ.

އެމެރިކާގެ ރިއާސީ ގަނޑުވަރު ވައިޓް ހައުސް އިން ބުނި ގޮތުގައި، އެ ގައުމުގެ ނިއުކްލިއާ ހަތިޔާރުގެ އަދަދާ ބެހޭ މައުލޫމާތު ރަޝިޔާއާ ހިއްސާ ނުކުރަން ނިންމީ، "ނިއު ސްޓާޓް"އާ އެއްގޮތަށް އަމަލުކުރުން، މިދިޔަ ފެބްރުއަރީ މަހު ރަޝިޔާ އިން މެދުކަނޑައިލުމާ ގުޅިގެންނެވެ. އެ މުއާހަދާއާ އެއްގޮތަށް އަމަލުކުރުން ރަޝިޔާ އިން މެދުކަނޑައިލިޔަސް، ރަސްމީ ގޮތުން އެމުއާހަދާ އިން ރަޝިޔާ މިހާތަނަށް ވަތްކެއް ނުވެ އެވެ.

ސްޓާޓް މުއާހަދާ އަކީ، ނިއުކްލިއާ ހަތިޔާރު އުފައްދައި ބޭނުންކުރުން ވަކި މިންވަރެއްގައި ހިފެހެއްޓުމާ ބެހޭ ގޮތުން، އެމެރިކާ އާއި ރަޝިޔާއާ ދެމެދު މިހާރު އެއްބަސްވެފައި އޮތް ހަމައެކަނި މުއާހަދާ އެވެ. މީގެ 13 އަހަރު ކުރިން 2010 ވަނަ އަހަރު ގާއިމުކުރި އެ މުއާހަދާގައި އެމެރިކާގެ ފަރާތުން ސޮއިކުރެއްވީ އޭރުގެ ރައީސް ބަރަކް އޮބާމާ އެވެ. ރަޝިޔާގެ ފަރާތުން ސޮއި ކުރެއްވީ އޭރުގެ ރައީސް ޑިމިޓްރީ މެޑްމެޑޭވް އެވެ.

އެ މުއާހަދާ އަށް ދެ ގައުމުން އަމަލު ކުރަން ފެށީ ފެބްރުއަރީ 2011ގަ އެވެ. އަދި އެމެރިކާގެ ރައީސް ބައިޑެން ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، 2021 ވަނަ އަހަރު ވަނީ އެ މުއާހަދާގެ މުއްދަތު ފަސް އަހަރަށް އިތުރު ކޮށްފަ އެވެ.

މި އެއްބަސްވުމުގެ ދަށުން، އެމެރިކާ އާއި ރަޝިޔާ އަށް ވެސް ވަކި ގޮތަކަށް އަމަލުކުރުން ލާޒިމްކުރެ އެވެ. އެ ގޮތުން، އެއް ވަގުތެއްގައި 1500 އަށް ވުރެ ގިނަ ނިއުކްލިއާ ވޯހެޑް ތައްޔާރުކޮށްފައި ނުބެހެއްޓުމާއި ދުރު ރާސްތާގެ މިސައިލާއި ބޮން އަޅާ ބޯޓުތަކުގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރުން ހިމެނެ އެވެ.

އޭގެ އިތުރުން، ހަނގުރާމައިގެ ހާލަތަށް ތައްޔާރުކޮށްފައި ބެހެއްޓޭނެ، އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލްގެ އަދަދު 800 އަށް ވުރެ އިތުރެއް ނުކުރެވޭނެ އެވެ. އަދި އަނެއް ގައުމުން މި މުއާހަދާއާ ޚިލާފު ނުވާކަން ކަށަވަރު ކުރުމުގެ ގޮތުން، އަނެއް ގައުމުގެ ނިއުކްލިއާ ވޯހެޑްތައް ހުންނަ ސަރަހައްދުތައް އަހަރަކު 18 ފަހަރު ބަލައި ފާސްކުރުމުގެ ހައްގު ރަޝިޔާ އާއި އެމެރިކާ އަށް ވެސް ލިބިގެންވެ އެވެ.

ނަމަވެސް ކޮވިޑް-19ގެ ބަލިމަޑުކަން އާންމުވުމާ ގުޅިގެން، ބަލައި ފާސްކުރުމުގެ މަސައްކަތް ވަނީ 2020 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން މެދުކަނޑާލައިފަ އެވެ. އެއަށް ފަހު އެ މަސައްކަތް އަލުން ފެށުމާ ބެހޭ ގޮތުން، މިސްރުގެ ގާހިރާގައި މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އެމެރިކާ އާއި ރަޝިޔާގެ މަންދޫބުން ބައްދަލުކުރެއްވުމަށް ހަމަޖެއްސުމަށް ފަހު، ރަޝިޔާގެ އެދުމަކަށް އެ ބައްދަލުވުން ވަނީ، ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ.