13 ޖޫން 2022
ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު އުފައްދައި ގުދަން ކޮށްފައި ހުރި ނިއުކްލިއާ ހަތިޔާރުތަކުގެ ތެރެއަށް، އިތުރު ނިއުކްލިއާ ހަތިޔާރު އުފައްދައި އިތުރު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިދާނެ ކަމަށް، ސްޓޮކްހޯމް އިންޓަނޭޝަނަލް ޕީސް ރިސާޗް އިންސްޓިޓިއުޓް (އެސްއައިޕީއައި) އިން ބުނެފި އެވެ.
ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު އުފައްދައި ގުދަން ކޮށްފައި ހުރި ނިއުކްލިއާ ހަތިޔާރުތަކުގެ ތެރެއަށް، އިތުރު ނިއުކްލިއާ ހަތިޔާރު އުފައްދައި އިތުރު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިދާނެ ކަމަށް، ސްޓޮކްހޯމް އިންޓަނޭޝަނަލް ޕީސް ރިސާޗް އިންސްޓިޓިއުޓް (އެސްއައިޕީއައި) އިން ބުނެފި އެވެ.
އެ އިދާރާ އިން ބުނި ގޮތުގައި ބައިނަލްއަގުވާމީ ސިޔާސީ އަދި އަސްކަރީ މަސްރަހަށް މިހާރު ވެރިވަމުންދާ ނުތަނަވަސްކަމާއި، އަވަސް އަވަހަށް އަންނަ ބަދަލުތަކުގެ ސަބަބުން، އަސްކަރީ ގާބިލުކަން ލިބިފައިވާ ގައުމުތަކުން އިތުރު ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އަދި އެ މަސައްކަތް ފަށައިފި ނަމަ، އެއީ ދެ ވަނަ ބޮޑު ހަނގުރާމަ ނިމުމަށް ފަހު، ނިއުކްލިއާ ހަތިޔާރުގެ ވާދަވެރިކަން އަލުން ފެށޭ ފުރަތަމަ ފަހަރަށް ވާނެ ކަމަށް ވެސް އެ އިދާރާ އިން ބުނެ އެވެ.
"ރަޝިޔާ އިން މިހާރު ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ތެރޭގައި، ރަޝިޔާ އިން މިހާރު ވެސް އެ އޮތީ ނިއުކްލިއާ ހަތިޔާރު ބޭނުންކުރަން ޖެހިދާނެ ކަމަށް ފާޅުގައި ބުނެފައި،" އެސްއައިޕީއައި އިން ނެރުނު 2022 ވަނަ އަހަރުގެ އަހަރީ ފޮތުގެ ޚުލާސާގައި ބުނެފައިވެ އެވެ.
"ނިއުކްލިއާ ހަތިޔާރު ކޮންޓްރޯލް ކުރުމާއި ނިއުކްލިއާ ހަތިޔާރު ނައްތައިލުމުގެ މަސައްކަތުގައި މިދިޔަ އަހަރު ކުރިއެރުންތަކެއް ހާސިލުކުރެވިފައި ވިޔަސް، ދެ ވަނަ ބޮޑު ހަނގުރާމަ އަށް ފަހު، ނިއުކްލިއާ ހަތިޔާރުގެ ބޭނުން ހިފައިފާނެ ކަމުގެ ބިރު ނުއުފެދޭ މިންވަރަށް، މިހާރު އެ ބިރުވެރިކަން އޮތީ އުފެދިފައި،" އެސްއައިޕީއައިގެ ޑިރެކްޓަރު ޑެން ސްމިތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދުނިޔޭގެ އެކި ގައުމުތަކުގައި ހުރި ނިއުކްލިއާ ވޯހެޑްތަކުގެ އަދަދު، 2021 ޖެނުއަރީން 2022 ޖެނުއަރީއާ ދެމެދު ކޮންމެވެސް ވަރަކަށް މަދުކުރެވުނެވެ. އެ ގޮތުން މިދިޔަ އަހަރު ނިމުނު އިރު، ނިއުކްލިއާ ބާރުތަކުގެ ގޮތުގައި ފާހަގަކުރާ ނުވަ ގައުމުގައި ހުރީ ގާތްގަނޑަކަށް 12705 ވޯހެޑް ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 90 ޕަސެންޓް ވޯހެޑް ހުރީ އެމެރިކާ އާއި ރަޝިޔާގަ އެވެ.
ނިއުކްލިއާ ވޯހެޑްގެ އަދަދު މަދު ކުރުމަށް، ނިއުކްލިއާ ބާރުތަކުން މިހާރުން މިހާރަށް ފިޔަވަޅު ނާޅައިފި ނަމަ، އަނެއްކާ ވެސް ނިއުކްލިއާ ހަތިޔާރުގެ ވާދަވެރިކަމެއް އުފެދި، ނިއުކްލިއާ ވޯހެޑްތަކުގެ އަދަދު އިތުރުވާން ފަށާނެ ކަމަށް އެ އިދާރާ އިން ދެކެ އެވެ.
"ނިއުކްލިއާ ގާބިލްކަން ލިބިގެންވާ ހުރިހާ ދައުލަތްތަކުން ވެސް މިހާރު އެއަންނަނީ، އެ ގައުމެއްގައި ހުރި ނިއުކްލިއާ ހަތިޔާރުތަކުގެ ފެންވަރު މަތިކުރަމުން ނުވަތަ އެފަދަ ހަތިޔާރުގެ އަދަދު އިތުރު ކުރަމުން. އަދި ގިނަ ގައުމުތަކުން މިހާރު އެދަނީ، ނިއުކްލިއާ ހަތިޔާރު ބޭނުންކުރާނެ ކަމުގެ އިންޒާރުތައް ދެމުން އަދި އެ ގައުމުތަކުގެ އަސްކަރީ ސްޓްރެޓެޖީގައި ނިއުކްލިއާ ހަތިޔާރު އަދާކުރާނެ ދައުރު ފުޅާކުރަމުން،" އެސްއައިޕީއައިގެ، ފަނާކުރަނިވި ހަތިޔާރާ ބެހޭ ޕްރޮގްރާމްގެ ޑިރެކްޓަރު ވިލްފްރެޑް ވާން ވިދާޅުވި އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށިތާ ތިން ވަނަ ދުވަހު، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ވަނީ، އެ ގައުމުގެ ނިއުކްލިއާ ހަތިޔާރުގެ ލަޝްކަރު ފުރިހަމަ ތައްޔާރީ ހާލަތަށް ގެންނަވައިފަ އެވެ. އޭގެ އިތުރުން، ރަޝިޔާ ވުޖޫދުވެ އޮތުމަށް ހުރަސްއެޅޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ނިއުކްލިއާ ހަތިޔާރުގެ ބޭނުންކުރަން ފަސް ނުޖެހޭނެ ކަމަށް ވެސް، ޕުޓިން ވަނީ އިންޒާރުކުރައްވައިފަ އެވެ.
ރަޝިޔާގެ ނިއުކްލިއާ ލަޝްކަރުގެ ތަމްރީންތަކެއް ބާއްވައިފި
ރަޝިޔާގެ ނިއުކްލިއާ ހަތިޔާރު ބަހައްޓާނީ ނޭޓޯއާ ކައިރީ
ޕުޓިންގެ ނިއުކްލިއާ ވާހަކަތައް ނޭޓޯއިން ކުށްވެރިކޮށްފި
ރަޝިޔާގެ ނިއުކްލިއާ ހަތިޔާރު ބެލަރޫސް އަށް
ރަޝިޔާ މޮޔައެއް ނޫން، ނިއުކްލިއާ ނުރައްކާ ވަނީ އިތުރު
ޗައިނާއާ އެކު ފިނި ހަނގުރާމައެއް ނޯންނާނެ: ބައިޑެން
ރަޝިޔާއާ އެކުގައި މަޝްވަރާތައް ކުރެވޭ: އެމެރިކާ
ޔޫކްރޭނުން ވަކިވާ ސަރަހައްދުތަކުގެ ވެރިން ރަޝިޔާ އަށް
"ނިއުކްލިއާ ބޭނުންކޮށްފިއްޔާ ވަރުގަދަ ރައްދެއް ދޭނަން"
އެމެރިކާގެ އަސްކަރީ ބާރު މުޅި ޔޫރަޕަށް ފަތުރާލަނީ