Roadha Mihaaru
ރަޝިޔާ މޮޔައެއް ނޫން، ނިއުކްލިއާ ނުރައްކާ ވަނީ އިތުރު

މިއީ މޮޔައިންނެއް ނޫން، ނިއުކްލިއާ ނުރައްކާ ދަނީ އިތުރުވަމުން: ޕުޓިން

08 ޑިސެމްބަރ 2022

ރަޝިޔާ އަކީ މޮޔަ ގައުމެއް ނޫން ކަމަށާއި، އެހެން ނަމަވެސް ނިއުކްލިއާ ހަތިޔާރު ނުރައްކާ ދަނީ ދުވަހުން ދުވަހަށް އިތުރުވަމުން ކަމަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އިއްޔެ ވިދާޅުވެއްޖެ އެވެ.

ރަޝިޔާ އަކީ މޮޔަ ގައުމެއް ނޫން ކަމަށާއި، އެހެން ނަމަވެސް ނިއުކްލިއާ ހަތިޔާރު ނުރައްކާ ދަނީ ދުވަހުން ދުވަހަށް އިތުރުވަމުން ކަމަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އިއްޔެ ވިދާޅުވެއްޖެ އެވެ.

ރަޝިޔާގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ އަހަރީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޕުޓިން ވިދާޅުވީ ނިއުކްލިއާ ހަތިޔާރުގެ ނުރައްކާތެރިކަން ބޮޑުވަމުން ދިޔަ ނަމަވެސް، އިސްވެ އެންމެ ފުރަތަމަ ނިއުކްލިއާ ހަތިޔާރުގެ ބޭނުންކުރާ ގައުމަކަށް ރަޝިޔާ ނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި ރަޝިޔާ އިން ނިއުކްލިއާ ހަތިޔާރެއް ބޭނުން ކުރަން ޖެހުނަސް ކުރާނީ، ރަޝިޔާ އަށް ކުރިމަތިވާ ހަމަލާއަކަށް ރައްދު ދިނުމުގެ ގޮތުން ކަމަށް ވެސް ޕުޓިން ވިދާޅުވި އެވެ.

ހުޅަނގުގެ ގައުމުތަކުން ދެކޭ ގޮތުގައި ރައީސް ޕުޓިން ހުންނެވީ ޔޫކްރޭން ހަނގުރާމައިގެ ވަކި ހިސާބަކުން ނިއުކްލިއާ ހަތިޔާރުވެސް ބޭނުންކުރައްވަން ރޭވުންތައް ރާއްވައިގެންނެވެ. ނަމަވެސް ޕުޓިން ވިދާޅުވީ ރަޝިޔާ އިން އިސްވެ ނިއުކްލިއާ ހަތިޔާރުގެ ބޭނުން ނުކުރިޔަސް، ޔޫކްރޭންގައި މިހާރު ހިނގަމުންދާ ހަނގުރާމަ ދިގު މުއްދަތަކަށް ދިގުލައިގެން ހިނގާނެ ކަމަށެވެ.

"(ނިއުކްލިއާ ހަތިޔާރު ބޭނުންކުރުމުގެ) ނުރައްކާތެރިކަން އެ ދަނީ ބޮޑުވަމުން. އެކަން ފޮރުވަން އުޅުމަކީ ގޯހެއް. އަހަރެމެން އަދި މިތިބީ ބުއްދި ފިލައި ގޮސްފައެއް ނޫން. ނިއުކްލިއާ ހަތިޔާރަކީ ކޮން އެއްޗެއްކަން އަހަރެމެންނަށް ވަރަށް ރަނގަޅަށް އެނގޭ. އަހަރެމެން މިއުޅެނީ ދުނިޔެ ވަށައިގެން ރޭޒަރު ތިލައެއްހެން ނިއުކްލިއާ ހަތިޔާރު މުޅި ދުނިޔޭގައި ހޫރާކަށް ނޫން،" ޕުޓިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ނޭޓޯ އާއި ވިލާތުގެ ގައުމުތަކުން ޔޫކްރޭން މެދުވެރިކޮށް ރަޝިޔާ އަށް ކުރިމަތިކުރާ ނުރައްކާތަކުގެ ސަބަބުން، މަސްރަހު ކިތަންމެ ގޯސްވިޔަސް، އެއްވެސް ހާލަތެއްގައި ރަޝިޔާ އިން އިސްވެ ނިއުކްލިއާ ހަތިޔާރުގެ ބޭނުމެއް ނުކުރާނެ އެވެ. އަދި ރަޝިޔާގައި ހުރި ނިއުކްލިއާ ހަތިޔާރުން އެއްވެސް ގައުމަކަށް ބިރު ދައްކައި އިންޒާރުކުރުމަކީ ވެސް ރަޝިޔާ އިން ކުރާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ރަޝިޔާގެ ނިއުކްލިއާ ހަތިޔާރަކީ މުޅީ ދުނިޔެއަށް ބަލާއިރު ވެސް، ޕުޓިން ވިދާޅުވި ގޮތުގައި، އެންމެ ޒަމާނީ އަދި އެންމެ ކުރިއަރާފައިވާ ނިއުކްލިއާ ހަތިޔާރެވެ. އެހެން ނަމަވެސް، އެމެރިކާގެ ނިއުކްލިއާ ސްޓްރެޓީޖިއާ ރަޝިޔާގެ ސްޓްރެޓީޖީ ވަރަށް ތަފާތުކަން ފާހަގަ ކުރެއްވި އެވެ.

އެ ގޮތުން އެމެރިކާ އިން ވަނީ އެ ގައުމުގެ ނިއުކްލިއާ ހަތިޔާރުތައް އެ ގައުމުން ބޭރު އެހެން ސަރަހައްދުތަކުގައި ވެސް ގާއިމުކޮށްފައި އެބަހުރިކަން ޕުޓިން ފާހަގަކުރެއްވި އެވެ.

"އަހަރެމެންގެ އެންމެ ނިއުކްލިއާ ހަތިޔާރެއް ވެސް ރަޝިޔާގެ ފަސްގަނޑުން ބޭރަކު ނުހުންނާނެ. އެކަމަކު އެމެރިކާގެ ނިއުކްލިއާ ހަތިޔާރުތައް އެހެން ގައުމުތަކުގައި އެބަހުރި. ތުރުކީ ވިލާތުގަ އާއި ޔޫރަޕްގެ އެހެން ބައެއް ގައުމުތަކުގައި ވެސް އެބަހުރި."

ޕުޓިން ވިދާޅުވި ގޮތުގައި ޔޫކްރޭން ހަނގުރާމަ ދިގުލައިގެން ދިޔަ ނަމަވެސް، އެ ހަނގުރާމައިގެ ނަތީޖާ ރަނގަޅެވެ. އެ ގޮތުން އޭނާ ފާހަގަކުރެއްވީ ޔޫކްރޭންގެ ހަތަރު ސަރަހައްދެއް ހިފައި ރަޝިޔާގެ ބައެއްގެ ގޮތުގައި ކަނޑައެޅި ކަނޑައެޅުމެވެ.