Roadha Mihaaru
ބާރު ގަދަ ނިއުކްލިއާ ހަތިޔާރު އުފައްދަންވީ: ކިމް

ބާރު ގަދަ ނިއުކްލިއާ ހަތިޔާރު އުފައްދަން ކިމް ގޮވާލައްވައިފި

28 މާޗް 2023

ބާރު ގަދަ ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް، އުތުރު ކޮރެއާގެ ރައީސް ކިމް ޖޮންގް އުން، އެ ގައުމުގެ ސައެންސްވެރިންނަށް އިއްޔެ ގޮވާލައްވައިފި އެވެ.

ބާރު ގަދަ ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް، އުތުރު ކޮރެއާގެ ރައީސް ކިމް ޖޮންގް އުން، އެ ގައުމުގެ ސައެންސްވެރިންނަށް އިއްޔެ ގޮވާލައްވައިފި އެވެ.

އެ ގައުމުގެ ރަސްމީ ނޫސް އޭޖެންސީން ބުނި ގޮތުގައި ރައީސް ކިމް އިއްޔެ ވަނީ އެ ގައުމުގެ ނިއުކްލިއާ ހަތިޔާރު އުފައްދާ އިދާރާގެ އިސް ވެރިންނާ ބައްދަލު ކުރައްވައިފަ އެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ކިމް އެ ގައުމުގެ އިސް ސައެންސްވެރިންގެ ފަރާތުން މުހިންމު ތިން ކަމަކަށް އެދިވަޑައިގަތެވެ.

އޭގެ ތެރެއިން ފުރަތަމަ ކަމަކީ، އެ ގައުމުގައި މިހާރު ކުރިއަށް ގެންދާ ނިއުކްލިއާ މަޝްރޫއުގެ ތެރެއިން، އަސްކަރީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެވޭ ފެންވަރަށް ނިއުކްލިއާ މާއްދާތައް ތަރައްގީކުރާ މިންވަރު އިތުރު ކުރުމެވެ. އަނެއް ކަމަކީ، މިހާރު ހުރި ނިއުކްލިއާ ހަތިޔާރުތަކަށް ވުރެ ބާރު ގަދަ ނިއުކްލިއާ ހަތިޔާރު އުފެއްދުމެވެ.

މާޗް 27، 2023؛ އުތުރު ކޮރެއާގައި އުފައްދާފައި ހުރި ނިއުކްލިއާ ވޯހެޑްތައް ރައްކާކޮށްފައި ހުރި މަރުކަޒަށް، އެ ގައުމުގެ ރައީސް ކިމް ޖޮން އުން ޒިޔާރަތް ކުރައްވައި އެ ތަނުގައި ހުރި ހަތިޔާރުތައް ބައްލަވާލައްވަނީ. --އޭއެފްޕީ

މާޗް 27، 2023؛ އުތުރު ކޮރެއާގައި އުފައްދާފައި ހުރި ނިއުކްލިއާ ވޯހެޑްތައް ރައްކާކޮށްފައި ހުރި މަރުކަޒަށް، އެ ގައުމުގެ ރައީސް ކިމް ޖޮން އުން ޒިޔާރަތް ކުރައްވައި އެ ތަނުގައި ހުރި ހަތިޔާރުތައް ބައްލަވާލައްވަނީ. --އޭއެފްޕީ

އަދި ތިން ވަނަ ކަމެއްގެ ގޮތުން، ސައެންސްވެރިންގެ ފަރާތުން އޭނާ އެދިވަޑައިގަތީ ކޮންމެ ތަނެއްގައި ކޮންމެ ވަގުތެއްގައި ވެސް ނިއުކްލިއާ ހަތިޔާރު ބޭނުންކުރަން ޖެހިދާނެ ކަމަށް ތައްޔާރުވެ ތިބުމަށެވެ. އަދި ގައުމުގެ ނިއުކްލިއާ ލަޝްކަރު މިހާރު އޮތް ފެންވަރާ މެދު ހިތްހަމަޖައްސާލައިގެން ނުވަތަ ފުއްދާލައިގެން ތިބެގެން ނުވާނެ ކަމަށާއި، ނިއުކްލިއާ ލަޝްކަރުގެ ބާރު އިތުރަށް ގަދަކުރުމަށް އަބަދުވެސް މަސައްކަތް ކުރަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އުތުރު ކޮރެއާ އަކީ، "ދެން އެނބުރި ފަހަތަށް ދިއުމެއް ނެތް ނިއުކްލިއާ ބާރެއް" ކަމަށް ރައީސް ކިމް ވަނީ މިދިޔަ އަހަރު އިއުލާން ކުރައްވައިފަ އެވެ.

އުތުރު ކޮރެއާގެ ރަސްމީ ނޫސް އޭޖެންސީން ބުނި ގޮތުގައި އެ ގައުމުގައި މިހާރު އުފައްދާފައި ހުރި ނިއުކްލިއާ ވޯހެޑްތައް ބައްލަވައިލެއްވުމަށް ރައީސް ކިމް އިއްޔެ ނިއުކްލިއާ މަރުކަޒަށް ޒިޔާރަތް ކުރެއްވި އެވެ. އެ ތަނުގައި ހުރި ގިނަ ވޯހެޑްތަކަކީ، އުތުރު ކޮރެއާ އިން މި ފަހުން އަޖުމަބެލި ދުރު ރާސްތާގެ ބެލިސްޓިކް މިސައިލްތަކާއި ކްރޫޒް މިސައިލްތަކުގައި ލާފައި ފޮނުވައިލެވޭ ގޮތަށް ތައްޔާރުކޮށްފައި ހުރި ވޯހެޑްތަކެވެ.

މާޗް 27، 2023؛ އުތުރު ކޮރެއާގައި އުފައްދާފައި ހުރި ނިއުކްލިއާ ވޯހެޑްތައް ރައްކާކޮށްފައި ހުރި މަރުކަޒަށް، އެ ގައުމުގެ ރައީސް ކިމް ޖޮން އުން ޒިޔާރަތް ކުރައްވައި އެ ތަނުގެ އިސް ވެރިންނާ ބައްދަލު ކުރައްވަނީ. --އޭއެފްޕީ

މާޗް 27، 2023؛ އުތުރު ކޮރެއާގައި އުފައްދާފައި ހުރި ނިއުކްލިއާ ވޯހެޑްތައް ރައްކާކޮށްފައި ހުރި މަރުކަޒަށް، އެ ގައުމުގެ ރައީސް ކިމް ޖޮން އުން ޒިޔާރަތް ކުރައްވައި އެ ތަނުގެ އިސް ވެރިންނާ ބައްދަލު ކުރައްވަނީ. --އޭއެފްޕީ

ނިއުކްލިއާ ގާބިލުކަން އިތުރު ކުރުމަށް އުތުރު ކޮރެއާގެ ސައެންސްވެރިންނަށް ރައީސް ކިމް މި ގޮވައިލެއްވީ، އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު ޔޫއެސްއެސް ނިމިޓްޒް އާއި އެއާ އެކުގައި ދަތުރުކުރާ އެހެން މަނަވަރުތައް، ދެކުނު ކޮރެއާގެ ބުސާންގައި އިއްޔެ ބަނދަރުކޮށްފައި ވަނިކޮށެވެ. އެ މަނަވަރުތައް ބުސާންގައި ބަނދަރު ކުރީ ކޮރެއާ ކަނޑުގެ ސަރަހައްދުގައި ދެކުނު ކޮރެއާގެ ކަނޑުގެ ސިފައިންނާ އެކުގައި އެއް ދުވަހުގެ ތަމްރީންތަކެއް ބޭއްވުމަށް ފަހު އެވެ.

އަދި މި މަހުގެ ކުރީކޮޅުން ފެށިގެން 10 ދުވަހުގެ މުއްދަތަށް، އެމެރިކާގެ ކަނޑާއި ވައިގެ ސިފައިންނާ އެކު ދެކުނު ކޮރެއާގެ ކަނޑާއި އެއްގަމު އަދި ވައިގެ ލަޝްކަރުތައް ގުޅިގެން ވަނީ އަސްކަރީ ތަމްރީންތަކެއް ބާއްވައިފަ އެވެ. އެ ތަމްރީނުތަކުގައި އެމެރިކާގެ އަސްކަރިއްޔާގައި ބޭނުންކުރާ އެންމެ ބޮޑެތި ބޮންއަޅާ ބޯޓުތައް ވެސް ބައިވެރިވި އެވެ.

އުތުރު ކޮރެއާ އިން ބުނާ ގޮތުގައި ދެކުނު ކޮރެއާ އާއި އެމެރިކާ އިން ބާއްވާ އަސްކަރީ ފަރިތަކުރުންތަކަކީ، އުތުރު ކޮރެއާ އަށް އަރައިގަނެ އެ ގައުމު އަޅުވެތިކުރުމަށް ރާވާފައިވާ އަސްކަރީ ހަރަކާތުގެ ރިހާސަލެކެވެ. ނަމަވެސް އެމެރިކާ އާއި ދެކުނު ކޮރެއާ އިން ބުނާ ގޮތުގައި، އެއީ އަމިއްލަ ދިފާއުގައި ބާއްވާ ތަމްރީންތަކެކެވެ.

މިއަހަރު ފެށުނު ފަހުން އުތުރު ކޮރެއާ އިން މިހާތަނަށް 11 ފަހަރެއްގެ މަތިން 20 އަށް ވުރެ ގިނަ ބެލެސްޓިކް މިސައިލާއި ކްރޫޒް މިސައިލް ވައިގެ ތެރެއަށް ފޮނުވާލައިފި އެވެ. އަދި އެ ގައުމުގެ ނިއުކްލިއާ ލަޝްކަރު ބައިވެރިކޮށްގެން ތިން ދުވަހުގެ މުއްދަތަށް ބޭއްވި އަސްކަރީ ފަރިތަކުރުންތަކެއް މިދިޔަ ހަފުތާގައި ބޭއްވި އެވެ.