Roadha Mihaaru
ރައީސްގެއަތްޕުޅުން ލޯފަން ތިން ކޮއްކޮއިންނަށް ސެޓްފިކެޓް

ރައީސްގެ އަތްޕުޅުން ލޯފަން ތިން ކޮއްކޮއިންނަށް އިމާމުކަމުގެ ޑިގްރީ ސެޓްފިކެޓް

26 މެއި 2023

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެއްބަނޑުއެއްބަފާ ލޯފަން ތިން ކޮއްކޮއިން، އިސްލާމިކް ޔުނިވާސިޓީގެ އިމާމު ކޯހުގެ ޑިގްރީ ކޯހުން ދަސްވެނިވުމާ ގުޅިގެން އެ މަނިކުފާނުގެ އަތްޕުޅުން އެ ބޭފުޅުންނަށް ރޭ ސެޓްފިކެޓު ހަވާލުކޮށްދެއްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެއްބަނޑުއެއްބަފާ ލޯފަން ތިން ކޮއްކޮއިން، އިސްލާމިކް ޔުނިވާސިޓީގެ އިމާމު ކޯހުގެ ޑިގްރީ ކޯހުން ދަސްވެނިވުމާ ގުޅިގެން އެ މަނިކުފާނުގެ އަތްޕުޅުން އެ ބޭފުޅުންނަށް ރޭ ސެޓްފިކެޓު ހަވާލުކޮށްދެއްވައިފި އެވެ.

އެ ޔުނިވާސިޓީގެ ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖު އެންޑް ހިއުމަން ސައިންސް އިން ހިންގި އިމާމު ކޯހުގެ ޑިގްރީ 73 މީހުން ފުރިހަމަކުރި އެވެ. އޭގެ ތެރެއިން، އެންމެ ބޮޑު އުފަލެއް ލިބިވަޑައިގަތީ ރައީސްގެ އާއިލާއަށެވެ.

އެ އާއިލާގައި މި ވަގުތު ދުނިޔޭގައި ތިއްބެވި 11 ބޭފުޅުންގެ ތެރެއިން ލޯފަން ތިން ބޭފުޅުން ވަނީ ބްލޮކް މޯޑުގައި އިމާމު ކޯސް ފުރިހަމަކުރައްވައި ދަސްވެނި ވެފަ އެވެ. އެއީ މޫސާ މުހައްމަދު ސޯލިހު (މޫސަބެ)، އަބްދުﷲ ޝާޒްލީ (ޝާޒް) އަދި ހުސެއިން ޝަޔާޒް (ހުސެއިން) އެވެ. އެ ހުރިހާ ބޭފުޅުންނަކީ ވެސް ގުރުއާން ހިތުދަސް ހާފިޒުންނެވެ.

އިސްލާމިކް ޔުނިވާސިޓީން އިމާމުކަމުގެ ޑިގްރީ ހާސިލްކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅު ހުސެއިނަށް، އެ މަނިކުފާނު ރޭ ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް

އިސްލާމިކް ޔުނިވާސިޓީން އިމާމުކަމުގެ ޑިގްރީ ހާސިލްކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅު ހުސެއިނަށް، އެ މަނިކުފާނު ރޭ ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް

އެ ބޭފުޅުންނާ ގުޅޭގޮތުން، މޫސަބެ "މިހާރު" އަށް ކުރިން ވިދާޅުވީ އެ ތިން ބޭފުޅުން ވެސް އުފަންވިއިރު ލޮލުގެ ފެނުން ރަނގަޅު ކަމަށެވެ. އުފަން ރަށް، ޅ. ހިންނަވަރުގައި ހުންނަ ސްކޫލުން ވެސް ކިޔަވައި ވިދާޅުވި ކަމަށް ވިދާޅުވި އެވެ. ނަމަވެސް، ވަކި ހިސާބަކަށް ދިޔަތަނުން އެ ބޭފުޅުންގެ ފެނުމަށް މައްސަލަތައް ދިމާވީ ކަމަށް މޫސަބެ ވިދާޅުވި އެވެ.

"އޭރު މިކޮޅުގައި ކިޔަވައި ދެނީ ގްރޭޑް ހަތަކާ ހަމައަށް. އެ ހިސާބަށް ކިޔަވަން ވެސް ކިޔެވިން. ކުޑައިރު ދޮންބެ [އިބޫ] އާ އެކު ރާޒުވާ ކުޅޭ ހަނދާން ވެސް އެބަހުރި. އުމުރު މައްޗަށް ދިޔަ ވަރަކަށް ލޮލުގެ ފެނުން ދަށްވަމުން ގޮސް ގެއްލުނީ. އެކަމަކު ރޭގަނޑު ދިއްލާފައި ހުންނަ ލައިޓްތަކުގެ އަލި ކޮންމެވެސް ވަރަކަށް ފެނޭ،" މޫސަ ވިދާޅުވި އެވެ.

މޫސަބެ އާއި ޝާޒް އަދި ހުސެއިން ގުރުއާން ހިތުދަސްކުރެއްވީ ވެސް މައުހަދުގެ ގުރުއާން ކްލާސްތަކުންނެވެ. ޓޭޕް ރެކޯޑަރު ޖައްސައިގެން ދަސްކޮށް، ކޮންމެ ދުވަހަކު ސޮފްހާއެއް މުދައްރިސަށް ކިޔައިދެއްވަމުން ގޮސް ގުރުއާން ހިތުދަސްކުރައްވާފައި ވަނީ ތިން އަހަރުންނެވެ.

އިސްލާމިކް ޔުނިވާސިޓީން އިމާމުކަމުގެ ޑިގްރީ ހާސިލްކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅު ޝާޒަށް، އެ މަނިކުފާނު ރޭ ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް

އިސްލާމިކް ޔުނިވާސިޓީން އިމާމުކަމުގެ ޑިގްރީ ހާސިލްކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅު ޝާޒަށް، އެ މަނިކުފާނު ރޭ ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް

އޭގެ ފަހުން، ހާފިޒު ކަމުގެ ކޯސް ނިމުމާ އެކު، ދެން ފުރިހަމަކުރެއްވީ ގާރީ ކޯހާއި އިމާމު ކަމުގެ ކޯހެވެ. އެ ކޯސްތަކުގެ އެކި ލެވެލްތައް ފުރިހަމަކުރައްވަމުން، ޑިގްރީއާ ހަމައަށް ރޭ ދަސްވެނިވިއިރު، އެ ތިން ބޭފުޅުން ވެސް ކިޔަވައި ވިދާޅުވީ އެކުގަ އެވެ.

އިސްލާމިކް ޔުނިވާސިޓީން އިމާމުކަމުގެ ޑިގްރީ ހާސިލްކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅު މޫސަބެއަށް، އެ މަނިކުފާނު ރޭ ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް

އިސްލާމިކް ޔުނިވާސިޓީން އިމާމުކަމުގެ ޑިގްރީ ހާސިލްކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅު މޫސަބެއަށް، އެ މަނިކުފާނު ރޭ ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ދަސްވެނިވުމުގެ ހަފުލާގައި ރައީސް ވިދާޅުވި ގޮތުގައި ޑިގްރީ ހާސިލްކުރެއްވި އިމާމުން ކުރައްވަމުން ގެންދަވަނީ ވަރަށް ބުރަ މަސައްކަތެކެވެ. އެހެން އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާ ހިލާފަށް، އިމާމުން ހަފުތާގެ ހަތް ދުވަހު، ޗުއްޓީއެއް އަދި އޯވަޓައިމެއް ނެތި މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެ، އިމާމުންގެ މުސާރައަށާއި ޗުއްޓީ އަށް ވަރަށް އަވަހަށް ބަދަލުތައް ގެންނަވާނެ ކަމަށް އެ މަނިކުފާނު ވަނީ އިއުލާނުކުރައްވައިފަ އެވެ.