Roadha Mihaaru
ކިންގް ސަލްމާން މިސްކިތް ވަގުތީ ގޮތުން ހުޅުވަނީ

ކިންގް ސަލްމާން މިސްކިތް ރޯދައަށް، ވަގުތީ ގޮތުން ހުޅުވަނީ

10 މާޗް 2021

ސައުދީ ސަރުކާރުގެ އެހީގައި ބިނާކޮށްފައިވާ ކިންގް ސަލްމާން މިސްކިތް އަންނަ ރޯދަމަހު ވަގުތީ ގޮތުން ހުޅުވަން މަސައްކަތް ކުރަމުން އަންނަ ކަަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ސައުދީ ސަރުކާރުގެ އެހީގައި ބިނާކޮށްފައިވާ ކިންގް ސަލްމާން މިސްކިތް އަންނަ ރޯދަމަހު ވަގުތީ ގޮތުން ހުޅުވަން މަސައްކަތް ކުރަމުން އަންނަ ކަަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި މީޑިއާ ބްރީފިންގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ރައީސް ވިދާޅުވީ ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް ގާތްގަނޑކަށް ނިމިފައިވާ ކަމަށެވެ. އެކަމަކު ރަސްމީކޮށް ނުހުޅުވުނީ އެތަން ހުޅުވަން ސައުދީ އަރަބިޔާގެ އިސް ބޭފުޅުންނަށް ވަޑައިނުގެންްނެވިގެން ކަަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މިސްކިތް ހުޅުވަން އޮތީ މާޗް މަހު އެވެ.

"އަޅުގަނޑުމެން މަސަައްކަތް ކުރަމުން އެބަ ގެންދަން ނުރަސްމީކޮށް ވެސް، ކުރިއަށް މިއޮތް ރޯދަމަހު އެެތަނުގެ ބޭނުން ކުރެވޭ ގޮތް ވޭތޯ،" ރައީސް ވިދާޅުވި އެވެ.

މާލެ- ޖެނުއަރީ 7، 2020: ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން އަބްދުލްއަޒީޒްގެ ޚަރަދުގައި މާލޭގައި އިމާރާތް ކުރި މިސްކިތުގައި ފިރިހެނުން ނަމާދު ކުރަން ހާއްސަ ބައި: މިއީ ރީތި އަދި ފުރިހަމަ މިސްކިތެއް--. ފޮޓޯ: ނިޝާން އަލީ/މިހާރު

ރައީސް ވިދާޅުވި ގޮތުގައި ނުރަސްމީކޮށް އެތަނުގެ ބޭނުންކުރެވޭތޯ ވެސް ސަރުކާރުން މަޝްވަރާކުރަމުން އަންނަނީ ސައުދީ ސަރުކާރާާ އެވެ. ރަސްމީކޮށް ހުޅުވަން ސައުދީގެ ވެރިއަކަށް ރާއްޖެ ވަޑައި ނުގެންނެވުމުން، ނުރަސްމީކޮށް ބޭނުން ކުރަން ފަށަން ވެސް އެ ގައުމުން އަދި އެއްބަހެއް ނުވެ އެވެ.

އެ މިސްކިތަށް ސަރުކާރުގެ ބަޖެޓުން ވެސް ބޮޑު ހަރަދެއް ކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ސައުދީ ސަރުކާރުން މައިގަނޑު ގޮތެއްގައި ހަރަދުކޮށްގެން އެ މިސްކިތް އެޅީ ތުރުކީގެ ކުންފުންޏަކަށް ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ދީގެންނެވެ. ސައޫދީ ރަސްގެފާނުގެ ޚަރަދުގައި މާލޭގައި ޒަމާނީ ފެންވަރުގެ ބޮޑު މިސްކިތެއް އިމާރާތް ކުރަން ހަމަޖައްސައި، އެކަމާ ގުޅޭ މަސައްކަތްތައް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އަދި އެއީ ސީދާ ޔާމީންގެ އެދިވަޑައިގަތުމަކަށް ސައޫދީގެ ރަސްގެފާނު ދެއްވި އެހީ އެކެވެ.