Roadha Mihaaru
އިންތިހާބުގެ ކުރިން ދަ ޑިމޮކްރެޓްސް އުފައްދާނެ:އަފްޝަން

އިންތިހާބުގެ ކުރިން ދަ ޑިމޮކްރެޓްސް އުފައްދައި، ވާދަކުރެވޭނެ ކަމުގެ ޔަގީންކަން ދީފި

24 މެއި 2023

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފައްދަވަން ނިންމެވި "ދަ ޑިމޮކްރެޓްސް" ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓަރީކޮށް، މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ކަމުގެ ޔަގީންކަން އެ ޕާޓީން މިއަދު ދީފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފައްދަވަން ނިންމެވި "ދަ ޑިމޮކްރެޓްސް" ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓަރީކޮށް، މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ކަމުގެ ޔަގީންކަން އެ ޕާޓީން މިއަދު ދީފި އެވެ.

ކުރީގެ ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަންގެ އިސް މެމްބަރުން ހިމޭނެ ދަ ޑިމޮކްރެޓްސް އުފައްދަން މަސައްކަތް ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ދިނުމާ ގުޅިގެން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ޕާޓީގެ ތަރުޖަމާން އަފްޝަން ލަތީފް ވިދާޅުވީ، ޕާޓީއެއްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށްޓަކައި ހުށަހަޅަންޖެހޭ 3،000 މެމްބަރުންގެ ފޯމު ހަމަކުރުމުގެ މަސައްކަތް ރަސްމީކޮށް މިއަދު މާލެ އިން ފަށާފައިވާ ކަމަށެވެ.

އޭނާ އެހެން ވިދާޅުވީ، ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކު ނެރޭނެ ކަމަށް ދަ ޑިމޮކްރެޓްސް އިން ކުރިން ބުނެފައިވާއިރު، ޕާޓީ ރަޖިސްޓަރީ ކުރުމުގެ އިދާރީ ކަންކަން ފުރިހަމަ ކުރުމަށް އޮތް ވަގުތާ މެދު ނޫސްވެރިއަކު ސުވާލު ކުރުމުންނެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އަންނަ ޖުލައި މަހުގެ 23 ގައި ހުޅުވާލާނެ ކަމަށް އީސީން ވަނީ އިއުލާނުކޮށްފަ އެވެ.

އަފްޝަން ވިދާޅުވީ އިންތިހާބަށް ވަގުތު ކުޑަތަން ވެފައިވާ ކަމަށް ގަބޫލު ކުރެއްވި ނަމަވެސް، އޭގެ ކުރިން ޕާޓީ ރަޖިސްޓަރީ ކުރުމުގެ ކަންކަން ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ދަ ޑިމޮކްރެޓްސް އަށް މިއަދު ސޮއިކުރެއްވުމަށް ފަހު (ކ-ވ) ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އަދި ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ފޯމާ އެކު ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ދަ ޑިމޮކްރެޓްސް އަށް މިއަދު ސޮއިކުރެއްވުމަށް ފަހު (ކ-ވ) ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އަދި ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ފޯމާ އެކު ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

"އަޅުގަނޑުމެން [އިންތިހާބުގެ] ޓައިމްލައިން ބަލައިލިއިރު އަޅުގަނޑުމެންނަށް އެ ހުރިހާ ކަމެއް ކުރުމުގެ ވަގުތު އެބައޮތް. ނަމަވެސް އަޅުގަނޑުމެން ވަރަށް ގިނަ މަސައްކަތްތަކެއް އެބަހުރި ކުރަން،" އަފްޝަން ވިދާޅުވި އެވެ.

އެކަމަކު މި ވަގުތު އެންމެ އިސްކަމެއް ދެނީ އޭނާ ވިދާޅުވި ގޮތުގައި ވީ އެންމެ އަވަހަކަށް 3،000 މީހުންގެ ފޯމު ހުށަހަޅައި، ސިޔާސީ ޕާޓީއެއްގެ ގޮތުގައި ދަ ޑިމޮކްރެޓްސް ރަޖިސްޓަރީ ކުރުމަށް އީސީ އަށް ހުށަހެޅުމަށެވެ.

އެ އަށް ފަހު، އެ ޕާޓީގެ އަސާސީ ގަވައިދާއި އޮނިގަނޑު އެކުލަވާލައި، ޕާޓީގެ ސިޔާސަތުތަކުގެ އިތުރުން އިންތިހާބުގެ ކެމްޕޭނު ކުރުމުގެ މަސައްކަތްތައް ވެސް އިންތިޒާމު ކުރާނެ ކަމަށް ވިދާޅުވި އެވެ.

އީވާ ވަކިކުރަން މަސައްކަތް ކުރުން ކުށްވެރި ކުރި

އެމްޑީޕީން ވަކިވެ، ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ދުރުކުރަން މަޖިލިހަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ ދަ ޑިމޮކްރެސްގެ ފަރާތުން އަފްޝަން މިއަދު ކުށްވެރި ކުރެއްވި އެވެ.

އޭނާ އިއްވެވި ބަޔާނެއްގައި ވިދާޅުވީ، އީވާ މަގާމުން ވަކިކުރުން އުޅުމަކީ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ އަންހެނުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް އިތުރަށް ދަލީލު ކޮށްދޭ ކަމެއް ކަމަށެވެ.

އަފްޝަން ވިދާޅުވި ގޮތުގައި އީވާ އަކީ ފެހި ގާނޫނުއަސާސީ ވުޖޫދުވި ފަހުން މެދުކެނޑުމެއް ނެތި މަޖިލީހުގައި ގަލޮޅު އުތުރު ދާއިރާ ތަމްސީލު ކުރައްވަމުން ގެންދަވާ ތަޖުރިބާކާރު މެމްބަރެކެވެ.

"...ހަރުދަނާ އަސާސެއް ނެތި، އީވާ އަބްދުﷲ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ވަކި ކުރުމަކީ ދަ ޑިމޮކްރެޓްސް އިން ކުށްވެރިކުރާ ކަމެކެވެ. އަދި ދަ ޑިމޮކްރެޓްސް އިން ބަލައިގަންނާނެ ކަމެއް ވެސް ނޫނެވެ،" އެ ބަޔާނުގައި ވެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސްކަމުން އީވާ ވަކިކުރަން، އެމްޑީޕީގެ 49 މެމްބަރަކާއި އަމިއްލަ މެމްބަރެއް ކަމަށްވާ ނިލަންދޫ ދާއިރާގެ އަބްދުލް މުހުސިން ހަމީދު (ޖޭފޯ) ގެ ސޮޔާ އެކު މަޖިލިހުގެ އިދާރާ އަށް ހުށަހެޅީ އިއްޔެ އެވެ.

މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން މަޖިލިހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކި ކުރެވޭނީ ޖަލްސާ އަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުންނެވެ. މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 ކަމަށް ވާއިރު، ހުރިހާ މެމްބަރުން ހާޒިރުވެ ވޯޓުގައި ބައިވެރިވެއްޖެ ނަމަ އީވާ މަގާމުން ދުރުކުރަން 44 ވޯޓު ބޭނުން ވާނެ އެވެ. ރައްޔިތުންގެ މަޖިލިހުގައި މިހާރު އެމްޑީޕީގެ މެމްބަރުންގެ އަދަދަކީ 55 އެވެ.