Roadha Mihaaru
ކަންނެލި ދޯންޏަކުން ވެއްޓުނު މީހަކަށް މިޔަރު ހަމަލާދީފި

ކަންނެލި ދޯންޏަކުން މޫދަށް ވެއްޓުނު މީހަކަށް މިޔަރެއްގެ ނުރައްކާ ހަމަލާތަކެއް

16 މެއި 2023

ކަންނެލި މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏަކުން މޫދަށް ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކަންނެލި މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏަކުން މޫދަށް ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ.

ގދ. ތިނަދޫ، ކަޅިރަވަ ދޯނީގައި މަހަށް ގޮސް އުޅެނިކޮށް މޫދަށް ވެއްޓުނު ވަގުތު މިޔަރު ދިން ހަމަލާގައި ޒަހަމްވީ އުމުރުން 32 އަހަރުގެ ބަންގްލާދޭޝް މީހެކެވެ.

އެ ދޯނިން މަހަށް ދިޔަ އިބްރާހިމް މުހައްމަދު "މިހާރު" އަށް ބުނި ގޮތުގައި، މިއަދު ހެނދުނު މި ހާދިސާ ހިނގީ ގއ. ކޫއްޑުއަށް މަސް ކިރަން ގޮސް، ކިއު ދިގުވުމުން ފަޅުން ބޭރަށް ދޯނި ނެރުނު ވަގުތު އެވެ.

"ކިއު ދިގުވުމުން ދޯނި ބޭރަށް ނެރުނުތަނުން މަސް އައިނެއް ފެނިގެން އެތަން ދޯނި ދިޔައީ. ގޮސް އެތަނުގައި މަސް ބާނަން އުޅުމުގެ ތެރޭގައި އެ މީހާ މޫދަށް ވެއްޓުނީ. ވެއްޓުނު ވަގުތު މިޔަރު އެ އައިސް އެ މީހާގެ ގައިގައި ދަތް އެޅީ،" އޭނާ ބުންޏެވެ.

"މަސް އައިން ކައިރިއަށް ދިޔައިރު ވެސް މިޔަރު ފެނުނު. އޭގައި 7-8 ފޫޓު ހުންނާނެހެން ހީވަނީ."

އިބްރާހިމް މުހައްމަދު ބުނި ގޮތުގައި، އެ މީހާގެ ގައިގެ ތިން ތަނެއްގައި މިޔަރު ދަތް އަޅާފައިވާ ކަމަށެވެ. އެއީ އޭނާގެ އަތާއި ފައިގެ ދެ ތަނެއްގަ އެވެ. އޭނާގެ އަތް އޮތީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ. ލިބިފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އަތް ޒަހަމްވެ ފައިބަމުން ދިޔަ ލޭތައް މަނާކުރަން އޮތީ ބޮޑު ފޮތިގަނޑެއް އޮޅައިފަ އެވެ. އަދި އެ މީހާގެ ފައިގެ އެތަންމިތަނުގައި މިޔަރުގެ ހަމަލާއިން ލިބުނު ފުން ޒަހަމްތައް ފެންނަ ހުއްޓެވެ.

ޒަހަމްވި މީހާއަށް މިހާރު އަންނަނީ ގއ. ވިލިގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ރާއްޖޭގެ ކަނޑުތަކުގައި މިޔަރު މާ ގިނަވެ، މަސްވެރިންނަށާއި ޓޫރިސްޓުންނަށް ވެސް ނުރައްކާވެފައި ކަމަށް ބުނެ، އެކަމުގެ ކަންބޮޑުވުން ފާޅުކުރުން އޮތީ އާންމުވެފަ އެވެ. ހިމާޔަތްކޮށްފައިވާ ދިރޭ އެއްޗެއް ކަމަށްވާ މިޔަރު ބާނަން ހުއްދަ ދޭން ވެސް މަސްވެރިން ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ. ނަމަވެސް، ސަރުކާރުން އެކަމާ ދެކޮޅު ހެދި އެވެ.