Roadha Mihaaru
މަސްވެރިންނަށް ނުދީ 300 މިލިއަން ރުފިޔާވަރުއެބައޮތް

މަސްވެރިންނަށް ނުދީ 300 ވަރަކަށް މިލިއަން ރުފިޔާ، އަންނަ މަހު ބެކްލޮގް ފިލުވާލެވޭނެ: މިނިސްޓަރު

18 ފެބުރުއަރީ 2024

މިފްކޯ އަށް ކިރި މަހަށް މަސްވެރިންނަށް ދޭން ޖެހޭ 298 މިލިއަން ރުފިޔާ އެބައޮތް ކަމަށާއި އަންނަ މަހުގެ 5 ގެ ކުރިން އެ ފައިސާ ދީ ނިންމާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މިފްކޯ އަށް ކިރި މަހަށް މަސްވެރިންނަށް ދޭން ޖެހޭ 298 މިލިއަން ރުފިޔާ އެބައޮތް ކަމަށާއި އަންނަ މަހުގެ 5 ގެ ކުރިން އެ ފައިސާ ދީ ނިންމާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

"އިއްޔެ އަޅުގަނޑު ބަލާލިއިރު، 298 މިލިއަން ބެކްލޮގްގައި އެބަހުރި. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ މާޗު 5 ގެ ކުރިން އެ ފައިސާ ދައްކާ ނިންމަން،" ޝިޔާމް މިއަދު "މިހާރު" އަށް ވިދާޅުވި އެވެ.

މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުލިބި ތިން މަސްވެއްޖެ ކަމަށް ބުނެ ގއ. ކޫއްޑޫގައި މަސްވެރިންތަކެއް މިއަދު ދަނީ މުޒާހަރާ ވެސް ކުރަމުންނެވެ.

ކޫއްޑޫގައި މަސްވެރިން މުޒާހަރާކުރަނީ: މިފްކޯއިން މަސްވެރިންނަަށް ދޭން ޖެހޭ 190 މިލިޔަން ރުފިޔާ އޮތް ކަމަށް ސަރުކާރުން ކުރިން ވެސް ވަނީ ބުނެފައި--

ކޫއްޑޫގައި މަސްވެރިން މުޒާހަރާކުރަނީ: މިފްކޯއިން މަސްވެރިންނަަށް ދޭން ޖެހޭ 190 މިލިޔަން ރުފިޔާ އޮތް ކަމަށް ސަރުކާރުން ކުރިން ވެސް ވަނީ ބުނެފައި--

އެ ފައިސާ މަސްވެރިންނަށް ދޫކޮށް ނިންމައި، ބެކްލޮގް ފިލުމުން، ކިރާ މަހަށް ކޮންމެ ހަފްތާއަކު ފައިސާ ދޫކުރަމުން ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކޫއްޑޫގައި މިހާރު ކުރަމުންދާ މުޒާހަރާގައި ބައިވެރިވާ މަސްވެރިން މިނިސްޓަރާ ބައްދަލު ކުރަން ބޭނުންވާތީ މިނިސްޓަރު މިއަދު ހަވީރު އެ ރަށަށް ވަޑައިގަންނަވާނެ އެވެ. އަދި މަސްވެރިންނާ ބައްދަލުކުރައްވައި ފައިސާގެ މައްސަލަ އަށް ސަރުކާރުން ގެންނަ ހައްލުތައް ކިޔައިދެއްވާނެ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޫއްޑޫގައި މިހާރު ކުރިއަށް ދާ މުޒާހަރާގެ ބައިވެރިންނާ ބައްދަލުކުރައްވަން އޭނާ ށ. އަތޮޅުގައި ހުންނަވާފައި މިއަދު ވަޑައިގަންނަވާނެ ކަމަށާއި އެކަމަކު އިހުތިޖާޖުގައި ބައިވެރިނުވާ ދޯނިފަހަރަށް މަސް ކިރުވަން ފުރުސަތު ދިނުމަކީ އެދޭ އެދުމެއް ކަމަށެވެ.

"މަހުގެ އަގު މުރާޖާ ކުރެވުނު ދުވަހުން ފެށިގެން ކިރުނު މަހަށްވާ 26 މިލިއަން ކޮންމެ ހަފްތާއަކު މިފްކޯ އަށް ކިރާ މަހަށް ހަފްތާއެއް ތެރޭ ފައިސާ ދެވޭނެ އިންތިޒާމުގެ ތެރެއިން މިހަފްތާ އެ ފައިސާ މިފްކޯއިން ހަމަޖައްސާނެ ކަމުގައި ވެސް ދަންނަވަން،" ޝިޔާމް ވިދާޅުވި އެވެ.

ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އަށް ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދީ، ނިންމަވާނެ ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި މިހާރު ދެކުނުގެ ހަތަރު އަތޮޅަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެންމެ ފަހު މަންޒިލެއްގެ ގޮތުގައި ހަމަޖައްސަވާފައި ވަނީ ވެސް ކޫއްޑޫ އެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަހުގެ އަގު 17ރ. އިން 25ރ. އަށް ބޮޑު ކުރި އެވެ. ދައުލަތުން މާލީ ގޮތުން އުފުލަން ޖެހޭ ބުރަ ބޮޑުވުމުން މަހުގެ އަގު 20ރ. އަށް މިހާރު ވަނީ ކުޑަކޮށްފަ އެވެ.