Roadha Mihaaru
ދޮށީގެ މަސްވެރިކަމުގެ އާ ރެކޯޑެއް، އެއް ދުވަހުން މިލިއަނެއްހާ ރުފިޔާ

ދޮށީގެ މަސްވެރިކަމުގެ އާ ރެކޯޑެއް، އެއް ދުވަހުން މިލިއަނެއްހާ ރުފިޔާ!

03 ޑިސެމްބަރ 2022

ދޮށީގެ މަސްވެރިކަން ކޮށްގެން އެއް ދުވަހުން 996،000ރ. ގދ. އަތޮޅުގެ އެހެން ދޯންޏަކުން ހޯދައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދޮށީގެ މަސްވެރިކަން ކޮށްގެން އެއް ދުވަހުން 996،000ރ. ގދ. އަތޮޅުގެ އެހެން ދޯންޏަކުން ހޯދައިފި އެވެ.

މިފްކޯ އިން މިއަދު ބުނީ، އެ އަދަދަށް ފައިސާ ހޯދީ ގދ. ފަރެސްމާތޮޑާގެ ބާހިރާ ދޯނިން ކަމަށާއި އެ ދޯނިން 58.6 ޓަނުގެ މަސް ގއ. ކޫއްޑު އަށް ކިރުވާފައިވާ ކަމަށެވެ.

ދޮށީގެ މަސްވެރިކަމުގެ ރެކޯޑެއް މީގެ ކުރިން ހަދާފައިވަނީ ގދ. މަޑަވެލި "ޓީއެސް ލައިން" ދޯނިންނެވެ. މިދިޔަ ސެޕްޓެމްބަރު މަހު އެ ދޯނިން ވަނީ 57 ޓަނުގެ މަސް ކިރުވައިފަ އެވެ. އެ ފަހަރު އާމްދަނީގެ ގޮތުގައި 971،000ރ. އެ ދޯނިން ހޯދި އެވެ.

ދޮށީގެ މަސްވެރިކަމުގެ އާ ރެކޯޑް ހެދި ބާހިރާ ދޯންޏަކީ 117 ފޫޓު ހުންނަ، ޒަމާނީ މަސްދޯންޏެކެވެ. އެ ދޯނިން 30 އަކަށް މަސްވެރިން މަހަށް ދެ އެވެ.

މިފްކޯގެ ޓްވީޓް

އެ ދޯނީގައި މަސް ފިނިކޮށް ބެހެއްޓޭ ގޮތަށް އާރްއެސްޑަބްލިއު ސިސްޓަމް ވެސް ހުރެ އެވެ.

އާންމުކޮށް މިހާރު މަސް ދޯނިތަކުން މަސްވެރިކަން ރަނގަޅު ދުވަސްވަރު 20 ޓަނާއި 40 ޓަނާއި ދެމެދުގެ އަދަދެއްގެ މަސް ބާނަ އެވެ.

މަސްވެރިކަން ރަނގަޅުވާ ދުވަސްވަރު، މަސްވެރިން ބާނާ މަސް ނުކިރުވޭ މައްސަލަ އަދިވެސް ކުރިމަތިވެ އެވެ. އެ ފަދަ ހާލަތްތަކުގައި ކޫއްޑޫގެ ކެޕޭސިޓީ ފުލްވެ، މަސްވެރިން އަތުން ކިރާ ވަރު ކޮންޓްރޯލް ކުރެ އެވެ.