Roadha Mihaaru
ފަސް ޓަނު ކިރުމަކީ ދޭ ބޮޑު ގެއްލުމެއް: މަސްވެރިން

ފަސް ޓަނަށް ލިމިޓްކުރުމަކީ ދޭ ވަރަށް ބޮޑު ގެއްލުމެއް: މަސްވެރިން

07 އެޕްރީލް 2022

"ރޮވިފައި މިތިބީ، އެކަން ނުދައްކާކަން އެކަނި،"

އިދުހާމް ނައީމް އިދުހާމް ނައީމް

"ރޮވިފައި މިތިބީ، އެކަން ނުދައްކާކަން އެކަނި،"

މަސްވެރިންގެ ހާލަތަކީ އެއީ ކަމަށް ބުނެ ދެކުނުގެ މަސްވެރިއަކު ޝުއޫރުފާޅުކުރަން ފެށި އެވެ. ބާނާ މަސް ނުކިރިގެން އެ މީހުން ތިބީ ގޮތް ހުސްވެފަ އެވެ. އެ ކަންބޮޑުވުން ހުރިހާ މަސްވެރިން ކަހަލަ ގޮތަށް ފާޅުކުރަމުން އެބަދެ އެވެ.

ދެކުނުގެ މަސްވެރިކަން އާދަޔާ ހިލާފަށް މި ދުވަސްވަރު ރަނގަޅެވެ. އެހެންވެ، މަސް ކިރުވާ ވަރު ވަރަށް ބޮޑުތަނުން ވަނީ އިތުރުވެފަ އެވެ. މިފްކޯއިން ދެކުނުގައި ގާއިމްކޮށްފައިވާ ސެންޓަރުތަކުގެ ކެޕޭސިޓީއަށް ވުރެ ގިނައިން ވެސް މަސް ކިރުވަނީ އެވެ.

އެހެންވެ މިފްކޯ އިން ވަނީ މަސްކިރުވާ އަދަދު ލިމިޓްކޮށްފަ އެވެ. މި ބަދަލާ އެކު ކޮންމެ ދޯންޏަކަށް މިހާރު ކިރޭނީ ފަސް ޓަނެވެ.

ދެކުނުގެ ދެ ސެންޓަރު އެއްކޮށްގެން މިފްކޯގެ ފްރީޒިން ކެޕޭސިޓީއަކީ 420 ޓަނެވެ. ނަމަވެސް މިހާރު ދުވާލަކު އެވްރެޖުކޮށް 500 އަށްވުރެ ގިނަ ޓަނުގެ މަސް ކިރުވަ އެވެ. އެކަން ހައްލު ކުރަން މިއަދު މިފްކޯއިން ވަނީ އެ ކުންފުނީގެ 100 ޓަނުގެ ކެޕޭސިޓީގެ ޖަޒީރާ 102 ކޫއްޑުއަށް ފޮނުވައިފަ އެވެ.

ދެކުނު ދޯންޏެއްގެ މަސްވެރިން ގިނަ އަދަދެއްގެ މަސް ބޭނުމުން ފޮޓޯއަކަށް ހުއްޓިގެން.

ދެކުނު ދޯންޏެއްގެ މަސްވެރިން ގިނަ އަދަދެއްގެ މަސް ބޭނުމުން ފޮޓޯއަކަށް ހުއްޓިގެން.

ފަސް ޓަނު ކިރައިގެން އާމްދަނީއެއް ނުލިބޭނެ

ބައެއް މަސްވެރިން ބުނި ގޮތުގައި މަސްވެރިކަން ރަނގަޅުވެ ދުވާލަކު 50 ޓަނު ބޭނޭ ދުވަސްވަރެއްގައި މަސް ގަންނަ ވަރު ލިމިޓު ކުރުމަކީ މަސްވެރިންނަށް ދެވޭ އަނިޔާއެއް ކަމަށެވެ. ދޯންޏަކުން ފަސް ޓަނު މަސް ކިރުވައިގެން އެއްވެސް އާމްދަނީ އެއް ނުލިބޭނެ ކަމަށް އެ މީހުން ބުންޏެވެ.

ގއ. ގެމަނަފުށި ކަނޑުރޯޅި ދޯނީގެ މަސްވެރިއެއް ކަމަށްވާ މުހައްމަދު ސޯލިހު "މިހާރު" އަށް ބުނީ ފަސް ޓަނުގެ މަސް ކިރުވައިގެން ލިބޭ ލާރިން ބޮޑު ދޯންޏެއްގެ ހަރަދުތައް ހަމަޖެހޭނީ ކިރިޔާ ކަމަށެވެ. މަސްވެރިކަން ރަނގަޅު ކޮންމެ ދުވަސްވަރެއްގައި މިފްކޯއިން ލިމިޓެއް ކަނޑައެޅުމަކީ މަސްވެރިންނަށް ލިބެން ހުރި އާމްދަނީއަށް ހުރަސް އެޅުން ކަމަށް ވެސް އޭނާ ބުންޏެވެ.

"ފަސް ޓަނު ކިރައިގެން ކިހިނެއް ކޮޅެއްގައި ޖެހޭނީ. ޑީސަލް އަޅަން، ކޮއްތަށް، އައިސް އަޅަން، އެ ހުރިހާ އެއްޗަކަށް ހަރަދު ކޮށްފައި ކޯއްޗެއް އޮންނާނީ. ޑީސަލް އެހާ އަގުބޮޑު،" ސޯލިހު ބުންޏެވެ.

"ބޭނުން ކޮންމެ އިރަކު މަހެއް ނުބޭނޭނެ. ބޭނޭ އިރު މިއީ ވާވަރު. މި ޖެހެނީ ފަސް ޓަނު ކިރާފައި ބާކީ ހުންނަ މަސް ނުއަގުގައި ރަށްރަށަށް ވިއްކާލަން. އެއީ ކިހާ ބޮޑު ގެއްލުމެއް އަސްލު ދޯނިތަކަށް،"

ކޫއްޑޫގައި ދޯންޏަކުން މަސް ކިރުވަނީ: މަސްކިރާ އަދަދު ލިމިޓްކުރުމަކީ ލިބުނު ގެއްލުމެއް ކަމަށް މަސްވެރިން ބުނޭ.

ކޫއްޑޫގައި ދޯންޏަކުން މަސް ކިރުވަނީ: މަސްކިރާ އަދަދު ލިމިޓްކުރުމަކީ ލިބުނު ގެއްލުމެއް ކަމަށް މަސްވެރިން ބުނޭ.

ބައެއް ދޯނިތަކުން ބުނީ 50 ޓަނު ބާނައިގެން ދިއުމުން އެތަނުން ފަސް ޓަނު ނަގާ ނަމަ ބާކީ ބައި ޖެހެނީ ނުއަގުގައި ވިއްކާލާށެވެ. މި ގެއްލުމާ ހެދި ދެކުނުގެ ބައެއް ބޮޑެތި ދޯނިތައް ވަނީ ބަނދަރުކޮށްފަ އެވެ. އެ ދޯނިތައް ދެން މަހަށް ފުރާނީ ލިމިޓު ކަނޑާލުމުން ކަމަށް މަސްވެރިން ބުނެ އެވެ.

އެ އަތޮޅުގެ އެހެން މަސްވެރިޔަކު ބުނި ގޮތުގައި ކޮންމެ ހޫނު މޫސުމެއްގައި މަސްވެރިކަން ރަނގަޅުވާ އިރު މިފްކޯއިން އެކަމަށް ކުރިން ތައްޔާރުވެ އޮންނަން ޖެހެ އެވެ. ކެޕޭސިޓީ ނެތުމަކީ މަސްވެރިންނާ މެދު އަބަދު އިހުމާލުވާން ޖެހޭ ސަބަބެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.

"މަސްވެރި ސީޒަންކަން މިފްކޯއަށް ނޭނގެންވީ ކީއްވެ. 2008 ހިސާބު މި ސީޒަނުގައި ބޭރުން ވެސް ބޯޓުތައް ގެނެސް ވަގުތުން މަސް ކިރާފައި އެ ބޯޓުތަކަށް ވިއްކި. ކީއްވެ އެގޮތަށް އެކަން ނުކުރެވެންވީ މިހާރު. މިއީ މަސްވެރިންނަށް އާމްދަނީއެއް ލިބޭނެ ދުވަސްވަރު، ބާނާ ހުރިހާ މަހެއް ނުލިބެންޏާ ކިހާ ގެއްލުމެއްވާނެ،" އޭނާ ބުންޏެވެ.

ކޫއްޑުއަށް މަސް ކިރުވަން ގޮސް ތިބި ދޯނިތަކެއް ކިޔޫގައި.

ކޫއްޑުއަށް މަސް ކިރުވަން ގޮސް ތިބި ދޯނިތަކެއް ކިޔޫގައި.

މަސް ކިރުވަން އެތައް ގަޑިއިރަކު ކިޔޫގައި ތިބެން ޖެހުމަކީ ވެސް މަސްވެރިންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ބައެއް ދޯނިތަކުން ކިޔޫގައި ދެތިން ދުވަސް ތިބެން ޖެހޭއިރު ބާނާފައި ހުންނަ މަސް ހަލާކުވެ އުކާލަން ވެސް ޖެހެ އެވެ.

"އެއްބައި ދޯނިތަކުން މަސް ހަލާކުވުމުން ކަނޑަށް ވެސް އުކާލާ. ކިޔޫގައި ތިބެން ޖެހޭ ތިބުމަށް ހައްލެއް ލިބޭނެ ދުވަހެއް އައުމާއި ބާނާ ހުރިހާ މަހެއް މިފްކޯއަށް ކިރުވުމަކީ ދެކޭނެ އެންމެ އުފާވެރި ދުވަސް. ހިއެއް ނުވޭ މިދާ ގޮތަށް ދަންޏާ އަވަހަކަށް ވެސް އެ ދުވަހެއް އަންނާނެހެން،" މި މައްސަލައިގައި ކަންބޮޑުވުންފާޅުކުރި އެހެން މަސްވެރިޔަކު ބުންޏެވެ.

މަސް ހަލާކުވުމުން ކަނޑަށް އަޅާ މަންޒަރު ފެންނަ ވީޑީއޯއެއް--

މަސް ކިރުވުމުގައި ހުރި ދަތިތަކުގެ އިތުރުން އައިސް ލިބުމުގައި ވެސް ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެ ސަރަހައްދުގެ ގިނަ ރަށްތަކެއްގައި އައިސް ޕްލާންޓް ބަހައްޓާފައި ހުރި ނަމަވެސް ހިދުމަތް ލިބެނީ އެންމެ ހަތަރު ޕްލާންޓުން ކަމަށް މަސްވެރިން ބުންޏެވެ.

މިފްކޯއިން އަންނަނީ ދެކުނުގެ މަސް ރައްކާކުރެވޭ ކެޕޭސިޓީ އިތުރު ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ކޫއްޑޫގެ މަސް ރައްކާކުރާ ކެޕޭސިޓީ 4،000 ޓަނަށް އިތުރުކުރަން ނިިންމާފައިވާއިރު ގދ. ތިނަދޫގައި 1،000 ޓަނުގެ ސްޓޯރޭޖެއް ހަދަން ވެސް އެ ކުންފުނިން ނިންމާފައިވެ އެވެ.