Roadha Mihaaru
ކޮންޓްރޯލް ދޫކޮށްލިޔަސް ހިނިތުންވުމެއް ނެތް؟!

އަގުގެ ކޮންޓްރޯލް ދޫކޮށްލިޔަސް މަސްވެރިންނަށް ހިނިތުންވުމެއް ނެތް؟!

23 ސެޕްޓެމްބަރ 2020

ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އިން މިދިޔަ ހަތް އަހަރުގެ ތެރޭގައި މަސް ގަންނަމުން އައި "ފިކްސްޑް" ރޭޓު މާދަމާ އިން ފެށިގެން ދޫކޮށްލަން ނިންމާފައިވާއިރު، އެއީ މަސްވެރިންނަށް ފައިދާ ވާނެ ބަދަލެއް ކަމަށް އެ ކުންފުނިން ދެކެ އެވެ. ނަމަވެސް ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ބޮޑުވާ ވަގުތު، "ފިކްސްޑް" ރޭޓާ އެކު، ދިވެހި މަސްވެރިން ހިނިތުން ވެފައިވާ ތަން މިފްކޯ އަށް ފެނުނަސް މަސްވެރިންގެ ވިސްނުމުގައި އެކަން އޮންނާނީ އެހެންނެއް ނޫނެވެ. އޭގެ ހަގީގީ ގެއްލުމާ ކުރިމަތިލާން ޖެހޭނީ ސީދާ މަސްވެރިން ކަމަށް އެ ސިނާއަތުގައި އަމަލީ ގޮތުން އުޅޭ މީހުން ދެކެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އިން މިދިޔަ ހަތް އަހަރުގެ ތެރޭގައި މަސް ގަންނަމުން އައި "ފިކްސްޑް" ރޭޓު މާދަމާ އިން ފެށިގެން ދޫކޮށްލަން ނިންމާފައިވާއިރު، އެއީ މަސްވެރިންނަށް ފައިދާ ވާނެ ބަދަލެއް ކަމަށް އެ ކުންފުނިން ދެކެ އެވެ. ނަމަވެސް ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ބޮޑުވާ ވަގުތު، "ފިކްސްޑް" ރޭޓާ އެކު، ދިވެހި މަސްވެރިން ހިނިތުން ވެފައިވާ ތަން މިފްކޯ އަށް ފެނުނަސް މަސްވެރިންގެ ވިސްނުމުގައި އެކަން އޮންނާނީ އެހެންނެއް ނޫނެވެ. އޭގެ ހަގީގީ ގެއްލުމާ ކުރިމަތިލާން ޖެހޭނީ ސީދާ މަސްވެރިން ކަމަށް އެ ސިނާއަތުގައި އަމަލީ ގޮތުން އުޅޭ މީހުން ދެކެ އެވެ.

މިފްކޯ އިން ގެންނަ އާ ބަދަލާއެކު މާދަމާ އިން ފެށިގެން އެ ކުންފުންޏަށް މަސް ގަންނާނީ އެ އިރެއްގައި ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު އޮންނަ ރޭޓެއްގަ އެވެ. ނަމަވެސް މަސްވެރިންގެ ނަޒަރުގައި މިއީ އެ މީހުންނަށް އެއްވެސް ފައިދާވާނެ ނިންމުމެއް ނޫނެވެ. އޭގެ ފައިދާ އާއި މަންފާ އިތުރުވާނީ މިފްކޯ އަށް އެކަނި ކަމަށް މަސްވެރިން ބުނެ އެވެ.

މަސްވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވާތާ އެތައް ދުވަހެއް ވެފައިވާ އިސްމާއިލް ޔާމީން "މިހާރު" އަށް ބުނީ މި ބަދަލު ގެނައުމުގެ ސަބަބުން ހުރިހާ މަސްވެރިންނަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ. އެގޮތުން، ކުރިން ބާޒާރުގައި މަހުގެ އަގު ކުޑަ ނަމަވެސް މަސްވެރިންނަށް ހެޔޮ އަގުގައި މަސް ކިރުވޭއިރު، މި ގެނައި ބަދަލާއެކު މަސްވެރިންނަށް ލިބޭ އާމްދަނީ ވަރަށް ބޮޑަށް ދަށްވާނެ ކަމަށް އޭނާ ބުންޏެވެ.

ޔާމިން ބުނިގޮތުގައި މަހެއްގެ މައްޗަށް މަސް ދޯނިތަކުން އެވްރެޖުކޮށް އެއް ލައްކަ ރުފިޔާއާ ހަމައަށް ހަރަދު ކުރެ އެވެ. އެހެންކަމުން މަހުގެ އަގަށް ބަދަލު ގެނައުމުން، މަސްވެރިކަން އެންމެ ރަނގަޅު ދުވަސްވަރުގައި ވެސް ހަރަދުތަކަށް ކަނޑާލުމަށް ފަހު، މަސްވެރިންނަށް ލިބޭ ފައިދާ ބޮޑުތަނުން ދަށްވާނެ ކަމަށް އޭނާ ބުންޏެވެ.

"ތެލާއި އައިސް އާއި ކޮއްތު ލައިގެން މަހަކު ލައްކައެއްހާ ރުފިޔާ ހަރަދުވޭ. ކުރިއަށް އަދި މިއޮތީ އިރުވައި މޫސުން. އެއީ މަސްވެރިކަން އެންމެ ރަނގަޅު މޫސުން. އެކަމަކު ވެސް އަގަށް ބަދަލު ގެނައީމާ ލިބޭ ވަރު ވަރަށް ބޮޑަށް ދަށްވާނެ،" ޔާމިން ބުންޏެވެ.

މަސްވެރިންތަކެއް މަސްބާނަނީ--

މަސްވެރިންތަކެއް މަސްބާނަނީ--

މަސްވެރިއެއް ކަމަަށްވާ މުހައްމަދު ނިޔާޒު ބުނީ،އި މިފްކޯ އިން ގެނައި ބަދަލާއެކު ކިލޯއަކުން 6-7 ރުފިޔާ ގެއްލޭނެ އެވެ. އެހެންވެ، މިފްކޯ އިން ހަރަދު ކުޑަ ކުރުމަށް އަގު ކޮންޓްރޯލް ދޫކުރުމުގެ ބަދަލުގައި ކުރެވޭނެ އެހެން ކަންތައްތައް ބަލައި އެ ފިޔަވުތައް އެޅުމަށް އޭނާ އެދުނެެވެ.

"އަޅުގަނޑު ގަބޫލު ކުރަން ކުންފުންޏެއްް ވިއްޔާ ހިންގޭނީ ކުޑަ ނަމަވެސް ފައިދާއެއް ލިބިގެން ކަން. އެކަމަކު ރައްޔިތުންނަށް މަންފާ ހޯދަން އުފެއްދި ކުންފުންޏަކުން މި ގެނައި ބަދަލަކީ ހަރަދު ކުޑަ ކުރަން އެޅޭނެ ހަމައެކަނި ފިޔަވަޅުތޯ. މީގެ ސަބަބުން ކުންފުންޏަށް އެކަނި ފައިދާ ވާނީ،" ނިޔާޒު ބުންޏެވެ.

މިފްކޯ އަށް މަސް ގަންނަ އަގު "ފިކްސްޑް" ރޭޓަށް ބަދަލުކުރުމާއެކު، ހަފުތާއެއްގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މަސްވެރިން ކިރުވާ މަހަށް ފައިސާ ނުދެވި އެއް މަހަށް ވުރެ ގިނަ ދުވަސް ހޭދަވެ އެވެ.

މަސްވެރިއެއް ކަމަށްވާ މުހައްމަދު ޝިނާޒު ބުނިގޮތުގައި ފައިސާ ނުލިބި ގިނަ ދުވަސްވި ނަމަވެސް ބޭނި މަހަށްވާ ވަރަށް ފައިސާ ލިބުނު ކަމަށެވެ. އަދި މިހާރު ގެނައި ބަދަލާއެކު ވެސް ހަފުތާއެއްގެ ތެރޭގައި ފައިސާ ދެވޭނެ ކަމަށް އުއްމީދު ނުކުރާ ކަމަށް އޭނާ ބުންޏެވެ.

"އެއް މަސް ވިޔަސް ދެ މަސް ވިޔަސް އަޅުގަނޑުމެން ބޭނުން ވަނީ ހަމަ އަގުގައި މަސް ވިއްކަން. މި ނިންމުމަކީ މުޅިން ގޯސް ނިންމުމެެއް. އަޅުގަނޑު ގަބޫލެއް ނުކުރަން މިއީ މަސްވެރިންނަށް ރަނގަޅަކަށް ނިންމި ނިންމުމެއް ކަމަށް،" ޝިނާޒު ބުންޏެވެ.

މިފްކޯއިން މަހުގެ "ފިކްސްޑް" އަގު ދޫކޮށްލާފައިވާއިރު ސަރުކާރުން ވަނީ މަސް ގަނެވޭނެ އެންމެ ކުޑަ އަގަށް ވެސް ބަދަލު ގެނެސްފަ އެވެ. ކުރިން 1.5 ކިލޯގެ މަސް ނުވަތަ އެއަށްވުރެ ބަރު މަސް ކިލޯއެއް ހަތް ރުފިޔާއަށް ގަނެވޭއިރު މިހާރު ކިލޯއެއް ގަންނަން ޖެހޭނީ 13ރ. އަށްވުރެ ބޮޑު ކޮަށެވެ. އެ އަށް ވުރެ ކުޑަ މަސް ކިލޯއެއް ގަންނަން ޖެހޭނީ 5.15ރ. އަށެެވެ.

މަހުގެ އަގުގެ އިތުރުން ޑީސަލް ވިއްކާ އަގަށް ވެސް މިފްކޯއިން ވަނީ ބަދަލު ގެނެސްފަ އެވެ. ކުރިން މަސް ދޯނިތަކަށް ޑީސަލް ލީޓަރެއް 8.65ރ. އަށް ލިބޭއިރު މިހާރު ލީޓަރެއް 7.33ރ. އަށް ލިބޭނެ އެވެ.