13 އެޕްރީލް 2022
ގއ. ގެމަނަފުށީގައި މަސްވެރިކަމަށް ދުއްވާ އެންމެ ބޮޑު ދޯނި "ދޮންދީދީ"ގެ ކެޔޮޅު އިސްމާއިލް ޔާމީން މީގެ ތިން ދުވަސް ކުރިން ފަޅުވެރިންނާ އެކު ހުޅުމާލެ އަށް ކައިރިކުރީ މަސް ކިރުވޭނެ އެއްވެސް ގޮތެއް ނެތި ގޮތް ހުސްވުމުންނެވެ. ދޯނީގައި 75 ޓަނުގެ މަސް ރައްކާ ކޮށްފައިވާއިރު، 16 ފީފާގެ ތެޔޮ އަންދާފައި ހުޅުމާލެ އައީ އެންސިސް އަށް މަސް ކިރުވާށެވެ. މި ވަގުތު އެންމެ ފަސޭހައިން އެކަން ކުރެވެން އޮތީ އެ ކުންފުނި މެދުވެރިކޮށް ކަމަށް ވާތީ އެވެ.
ގއ. ގެމަނަފުށީގައި މަސްވެރިކަމަށް ދުއްވާ އެންމެ ބޮޑު ދޯނި "ދޮންދީދީ"ގެ ކެޔޮޅު އިސްމާއިލް ޔާމީން މީގެ ތިން ދުވަސް ކުރިން ފަޅުވެރިންނާ އެކު ހުޅުމާލެ އަށް ކައިރިކުރީ މަސް ކިރުވޭނެ އެއްވެސް ގޮތެއް ނެތި ގޮތް ހުސްވުމުންނެވެ. ދޯނީގައި 75 ޓަނުގެ މަސް ރައްކާ ކޮށްފައިވާއިރު، 16 ފީފާގެ ތެޔޮ އަންދާފައި ހުޅުމާލެ އައީ އެންސިސް އަށް މަސް ކިރުވާށެވެ. މި ވަގުތު އެންމެ ފަސޭހައިން އެކަން ކުރެވެން އޮތީ އެ ކުންފުނި މެދުވެރިކޮށް ކަމަށް ވާތީ އެވެ.
ގެމަނަަފުށި ކައިރީގައި އޮންނަ ކޫއްޑޫން އެކަން ކުރެވޭނެ ފަސޭހަ އެއްވެސް އިންޒާމެއް ނެތީ އެވެ. މި އަހަރުގެ މަސްވެރި މޫސުން ފެށުނުއިރު ކޫއްޑޫ އޮތީ އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މަސްވެރިން ބާނާ މަސް ނުކިރުވޭ ހާލަތުގަ އެވެ.
"މިދިޔަ ހަފުތާގައި 60 ޓަނާ އެކު ކޫއްޑޫ ބަނދަރުގައި ތިން ދުވަހު ކިއޫގައި އޮވެ، އެ މަސްތައް ކިރުވާލާފައި ދުވަހު އަނެއްކާ މަހަށް ނުކުތީ. މި ބުރުގައި 75 ޓަނު ބޭނުނު. މި މަސްކޮޅު ކޫއްޑު އަށް ކިރޭނެ އެއްވެސް ގޮތެއް ނެތީމާ މިހާ ދުރަށް އަންނަން ޖެހެނީ،" ގެމަނަފުށީގައި ތިބި އެންމެ ޒުވާން ކެޔޮޅުންގެ ތެރޭގައި ހިމެނޭ ޔާމީން، 30، ބުންޏެވެ.
"އެހެން ނޫނީ 16 ފީފާ ތެޔޮ އަންދައިގެން ހުޅުމާލެ އައުމުގެ ބޭނުމެއް ނެތްތާ."
ޔާމީންގެ ދޯނިން އެންސިސް އަށް 75 ޓަނުގެ މަސް ކިރަނީ އެއް ރުފިޔާ ދަށްކޮށް 16ރ. އަށެވެ. ކޫއްޑޫގެ އަގަކީ 17ރ. އެވެ.
އެންސިސް އަށް ވެސް ޔާމީންގެ ދޯނިން ބޭނި 75 ޓަނުގެ މަސް ކިރުވެން އޮތީ ދެ ދުވަސް މަތިންނެވެ. އެއީ ކިއޫ ތަރުތީބުންނެވެ.
ގއ. އާއި ގދ. ގައި މަސްވެރިކަން އިންތިހާ އަށް މި ދުވަސްވަރު ރަނގަޅުވެފައިވާއިރު، ގާތްގަނޑަކަށް ހުރިހާ މަސްވެރިންގެ ހާލަތަކީ އެއީ އެވެ. ސަރުކާރުން ހިންގާ އެންމެ ބޮޑު މަސް ފެކްޓަރީއަކަށް މަސްވެރިން ބާނާ ހުރިހާ މަހެއް ނުކިރެ އެވެ. މަސް ރައްކާކުރުމުގެ ކެޕޭސިޓީއެއް ނެތެވެ. އަމިއްލަ ކުންފުނިތަކަށް ކިރުވަން ބެލިޔަސް އެހާ އުނދަގުލެވެ.
ގެމަނަފުށީގައި ދުއްވާ އެންމެ ބޮޑު މަސްދޯނި "ދޮންދީދީ" ހުޅުލޭ ޖެޓީ އަށް އިއްޔެ ރޭ ގާތްކޮށްފައި: އެ ދޯނި ހުޅުމާލެ އަށް އައީ 70 ޓަނު މަސް އެންސިސް އަށް ކިރުވަން.---ފޮޓޯ: މިހާރު
ޔާމީން މިހާރު ދުއްވާ ދޯނީގެ ސައިޒަކީ 110 ފޫޓެވެ. މަސްވެރިކަމަށް މަޝްހޫރު ގެމަނަފުށީގައި މި ވަގުތު އޮތް އެންމެ ބޮޑު ދޯންޏެވެ. އެއީ ހަލްއެއް ގަނެގެން 21 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްގެން މީގެ ހަތަރު މަސް ކުރިން މަސްވެރިކަމަށް ނެރުނު ދޯންޏެކެވެ. ދޯނީގައި އިންޖީނު އެޅީ އެމްޓީސީސީގެ ސްކީމްގެ ތެރެއިން 4.2 މިލިއަން ރުފިޔާގެ ލޯނެއް ނަގައިގެންނެވެ.
އެއީ ރާއްޖޭގައި މަސްވެރިކަންކުރާ އެންމެ ޒަމާނީ ދޯނިތަކުގެ ތެރެއިން އެއް އުޅަނދެވެ. ޖުމުލަ 100 ޓަނުގެ މަސް އެއްފަހަރާ ރައްކާކުރެވޭނެ ޗިލާއެއް އެބަހުއްޓެވެ. ހަފުތާއެއް ވަންދެން އޭގައި ހަލާކު ނުވެ މަސްތައް ބެހެއްޓެ އެވެ. ދެ މަހެއްހާ ދުވަސް ވަންދެން ކަނޑުމަތީގައި އުޅެވެ އެވެ. ކުރުކޮށް ބުނާ ނަމަ އެއީ ކުޑަވަރެއްގެ ގެ އެކެވެ. އޭސީ ހަ ކޮޓަރި އާއި ފާހާނާ އާއި ކައްކައިކެވޭ ގޮތަށް އެބަހުއްޓެވެ.
ޔާމީން ކުރިން ދުއްވަމުން އައި "އުފާ" ދޯނި ދޫކޮށް، ގެމަނަފުށީގެ އެންމެ ބޮޑު ދޯންޏަށް މީގެ ހަތަރު މަސް ކުރިން އޭނާ އެރީ މަސްވެރިކަމުން ރަނގަޅު އާމްދަނީއެއް ލިބޭނެ ކަމުގެ ޔަގީންކަމާއެކު އެވެ. އެކަމަކު، އެ ދޯނީގެ ފުރަތަމަ މަސްވެރިކަމުގެ ސީޒަނުގައި ވެސް ތަޖުރިބާ ކުރަން ޖެހުނީ އެއް ކަމެކެވެ.
"މިއީ ގއ. ގައި ދުއްވާ މި ފެންވަރުގެ އެންމެ ރަނގަޅު ދޯންޏޭ ވެސް ބުނެވިދާނެ. އެކަމަކު، މިދިޔަ ހަތަރު އަހަރު ދުވަހަށް ބަލައި މިހާރު ޔަގީނުން ވެސް އަޅުގަނޑު މަސްވެރިކަން ކުރަން ފޫހިވޭ. އަޅުގަނޑު ކުރިން އުޅުނު ދާއިރާ ދޫކޮށްލާފައި މަސްވެރިކަމަށް ނުކުތީ ބޮޑު އެއްޗެއް ލިބޭނެ ކަމަށް ބަލާފައި. އެކަމަކު މަސްވެރިންނަށް އެންމެ ރަނގަޅަށް މަސް ބޭނޭ މޫސުމުގައި މި އޮންނަނީ މަސް ނުކިރުވިގެން ހުސްކޮށް، ދޯނި ދުއްވަން ޖެހިފައި،" ކުރިން ފުލުހަކަށް އުޅުނު ޒުވާނާ ބުންޏެވެ.
ގެމަނަފުށީގެ "ދޮންދީދީ" ދޯނީގެ ކެޔޮޅު ޔާމީން: އޭނާ ބުނާގޮތުން އެ ރަށުން މަސްވެރިކަމަށް ނުކުންނަ މީހުންގެ އަދަދު މިހާރުގެ މަދު.
މަސްކިރުވުމުގައި ދިމާވާ މައްސަލަތަކާ ގުޅުވައިގެން އެއްބަޔަކު ބުނީ މަސްވެރިކަން ރަނގަޅުވުމުން މަސްވެރިން މާ ގިނައިން މަސް ބާނަނީ ކަމަށެވެ. ފެކްޓަރީތަކަށް ނުކިރުވޭ ވަރަށް މަސް ބާނައިގެން ބޭކާރު ކުރަނީ ކީއްވެ ހެއްޔެވެ؟ ބޭކާރު ބުރައެއް އުފުލުމުގެ މާނައެއް ނެތެވެ.
"މަސްވެރިކަމަކީ ބައެއް ދުވަސްދުވަހަށް ތިޔާގިވާ ކަމެއް. މަސް ނުބާނާ ދުވަސްވަރު އެ މީހުން ބުނަންވީނު ކީއްވެހޭ މަސް ނުގެންނަނީ؟ ތިމަންނަމެންނަށް މަހެއް ނުލިބެއޭ. މަސްވެރިކަން ރަނގަޅުވެ، މަސް ބޭނެން ފެށީމާ އެ މީހުން ބުނަނީ ކަލޭމެން ކީއްކުރަންހޭ ނުކިރޭ ވަރަށް ތިޔަ ބާނަނީ. މަސްވެރިކަން ރަނގަޅު ދުވަސްވަރެއްގައި ދޯ ރަނގަޅު އާމްދަނީއެއް ހޯދޭނީ،" ޔާމީން ބުންޏެވެ.
"ބޮޑެތި ދޯނިފަހަރު ބަނދެ، އެ ކަމަށް ބޮޑު އިންވެސްޓެއް ކުރަނީ ގިނައިން މަސް ބޭނޭ ދުވަސްވަރު ބޮޑު އާމްދަނީއެއް ހޯދަން. ކޮންމެ ބަޔަކު ވެސް ބޭނުންވާނެ ރާއްޖޭގެ ރެކޯޑްގައި އޮންނަން."
ޔާމީން ބުނާގޮތުން ނަމަ ކޫއްޑޫގެ ހާލަތު ރަނގަޅެއް ނުވެ އެވެ. ކުރިން ހަ ސްޓޭޝަނަކުން މަސް ކިރުވުނު ނަމަވެސް މިހާރުގެ އަދަދަކީ އެންމެ ތިނެއް ކަމަށް އޭނާ ބުނެ އެވެ. ކުރިން ނަމަ ކޫއްޑޫގެ ޖެޓީމައްޗަށް އެރެނީ ކެޔޮޅަށް އެކަންޏެވެ.
"މިހާރު ބޭނުން ބަޔަކަށް ކޫއްޑު އަށް ގޮސް ބޭނުން ގޮތަކަށް އުޅެވޭނެ. ތަނެއް ވެއްޖިއްޔާ ސްޓޭންޑަޑެއް ހުންނަން ޖެހޭނެ،" ޔާމީން ބުންޏެވެ.
އޭނާ ބުނީ، މަސްވެރިންގެ މައްސަލަ އެކަނި ނުދައްކައި ސަރުކާރުގެ ފަރާތުން ކުރަންޖެހޭ ކަންކަން ރަނގަޅު ކުރަން އިސްކަން ނުދޭ ކަމަށެވެ.
ގެމަނަފުއްޓަށް އެކި ބެލިޔަސް މިހާރު ވެސް މަސްވެރިންގެ ތެރެއިން 50-70 މީހުން މިހާރު ވެސް ޓޫރިޒަމް ދާއިރާ އަށް އެނބުރިއްޖެ. ރަށުން މީހުން މިހާރު ނުލިބޭ މަސްވެރިކަމަކަށް. މިހިރަ ކަންކަމާ ހެދި ޒުވާނުން ފޫހިވާ ދާއިރާ އަކަށް ބަދަލު އެބަވޭ."--- ޔާމީން
"ގދ. ހޯނޑެއްދޫގައި މަސް ފެކްޓަރީއެއް އަޅަން ގާސިމް އިބްރާހިމް ދީފައި އޮންނަތާ 10 ވަރަކަށް ވެދާނެ ކަން ނޭނގޭ. އެ ފެކްޓަރީ ހެދިފައި އޮން ނަމަ މަސްވެރިކަމުގެ މޫސުމުގައި ކޫއްޑު އަށް ބުރަވާބުރަވުން ކުޑަވާނެ. ދެން ޔާމީންގެ ވެރިކަމުގައި އައްޑޫ ހުޅުމީދޫގައި އެ އޮތީ މަސް ފެކްޓަރީއެއް ހަދާފައި. އެކަމަކު، އައްޑޫ މީހުން ވެސް މަސްވެރިކަން މި ކުރަނީ ހުވަދު އަތޮޅުން. އެ މީހުން އެންވެރިކަން ކުރާނީ ހުވަދު އަތޮޅުން. މަސްވެރިކަން ކުރާނީ ހުވަދު އަތޮޅުން،" ޔާމީން ބުންޏެވެ.
"އެހެންވިއްޔާ ކޮބައިހޭ ބޭނުމަކީ އައްޑޫގައި އެ ފެކްޓަރީ ގާއިމުކުރުމުގެ. ހުވަދޫގައި އެ ފެކްޓަރީ ހެދި ނަމަ މާ ރަނގަޅުވީސް. ކޫއްޑޫގެ އިތުރުން އެހެން ފެކްޓަރީއެއް ހުވަދު އަތޮޅަށް އައިސްގެން ނޫނީ ނުވާނެ ހައްލެއް."
ކޫއްޑު އަށް މިހާރު އެއްފަހަރާ ކިރެނީ 240 ޓަނެވެ. އެއީ މަސްވެރިން ކުރިއަރައި، ދޯނިތަކުގެ ކެޕޭސިޓީ އަށް ބަލާއިރު މާ ބޮޑު އަދަދެއް ނޫނެވެ.
ޔާމީން ބުނީ މަސްވެރިއެއް ނަމަ އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބޭނީ ދެ ވަގުތެއްގައި ކަމަށެވެ.
"މަސް ބާނާ ވަގުތާއި މަސްކިރާ ވަގުތު އެއީ މަސްވެރިން އެންމެ ހިނިތުންވާނެ ގަޑި. އެކަމަކު، ކޮންމެ މޫސުމެއްގައި މަސްކިރާ ވަގުތު މިހާރު ވެފައި ވަނީ މަސްވެރިން ރޯން ޖެހޭ ވަގުތަކަށް. އެތައް ދުވަހެއް ވަންދެން ކިއޫގައި ތިބެން ޖެހޭތީ މަސް ބާނައި، އާމްދަނީ އިތުރުކުރާނެ ވަގުތު ދަނީ ބޭކާރުވަމުން،" އޭނާ ބުންޏެވެ.
ބައެއް ދޯނިފަހަރުތަކުގައި މަސް ރައްކާކުރާނެ ޗިލާއެއް ނުހުރެ އެވެ. ޗިލާ ނުހުންނަ ދޯނިތަކުގައި އައިސް އަޅާފައި ހުއްޓަސް ބޭނުންވަރަކަށް އައިސް ނުލިބެ އެވެ. އެހެންވެ، އައިސް ހުއްޓަސް އެއީ ނެތުން ފަދަ ކަމެކެވެ.
"ކުރިން އަޅުގަނޑު އުޅުނު ދޯނީގައި ނުހުންނާނެ ޗިލާއެއް. އަޅުގަނޑުމެން އޭރު ހުންނާނެ 4-5ރ. އަށް ތުލުސްދު އަށް މަސް ވިއްކާފައި، ބާކީ މަސްތައް އުކާލާފައި. ދޯނީގައި ފިނިކުރާ ނިޒާމު ހުއްޓަސް ބޭނުންވަރަކަށް އައިސް ނުލިބޭ ނަމަ ކިހިނެއް އެ ރައްކާކުރަނީ؟،" އޭނާ ސުވާލުކުރި އެވެ.
"ފަސޭހައިން އައިސް ނުލިބޭތީ އައިސް ނާޅަނީ."
ޔާމީން "ދޮންދީދީ" ދޯނި ދުއްވަނީ.
ހުވަދު އަތޮޅުގައި މިހާރު އައިސް ލިބެން ހުރީ ގދ. ތިނަދު އާއި ގދ. ފަރެސްމާތޮޑާ އާއި ގދ. ފިއޯރީ އާއި ގދ. ގައްދު އާއި ގއ. ގެމަނަފުއްޓާއި ގއ. ދާންދު އާއި ގއ. ކޮލަމާފުށި އަދި ގއ. ދެއްވަދޫގަ އެވެ. އޭގެ ތެރެއިން ތިނަދޫ އައިސް ޕްލާންޓް ފިޔަވައި ދެން ހުރީ ކުދިކުދި ޕްލާންޓްތަކެވެ. ތިނަދޫގައި ބަހައްޓާފައި ވަނީ 50 ޓަނުގެ އައިސް ޕްލާންޓެކެވެ.
"ޕްލާންޓަކުން 24 ގަޑިއިރަށް ދޯންޏަކަށް މި ދޫކުރަނީ ދެ ޓަނު އައިސް. ކިއޫގައި އުޅޭނެ 5-6 ދޯނި އަބަދުވެސް. ތިނަދޫ ޕްލާންޓް ފިޔަވައި ދެން ހުރި ޕްލާންޓްތަކުން 24 ގަޑިއިރު މި ހެދެނީ އަށް ޓަނު އައިސް. އެކަމަކު، އައިސް ބޭނުންވާ ދޯނިފަހަރު އެ އަށް ވުރެ މާ ގިނަ. ދެން ކިހިނެއް އައިސް އެޅޭ ގޮތް ހަދައިގެން މަސްވެރިކަން ކުރަނީ. އައިސްއެއް ނުލިބޭ،" ޔާމީން ބުންޏެވެ.
އޭނާގެ މި ޝަކުވާތަކާއެކު މަސްވެރިކަމުގެ ކުރިމަގު ފެންނަނީ ވަރަށް ބަނަކޮށެވެ. ގއ. އަތޮޅަކީ މަސްވެރިން މީގެ ކުރިން އެންމެ ގިނަ އެއް އަތޮޅު ކަމަށް ވިޔަސް މިހާރުގެ ޒުވާނުން ދަނީ އެ މަސައްކަތަށް ނޫނެކޭ ބުނަމުންނެވެ. މަސްވެރިކަމުގެ ދާއިރާ އަށް ދިވެހިން ވަންނަން ބޭނުން ނުވާ ކަމުގެ ހެއްކަކީ ޔާމީން ބުނާގޮތުން ބިދޭސީން އެ އިންޑަސްޓްރީގައި ގިނަވުމެވެ.
"ގެމަނަފުއްޓަށް އެކި ބެލިޔަސް މިހާރު ވެސް މަސްވެރިންގެ ތެރެއިން 50-70 މީހުން މިހާރު ވެސް ޓޫރިޒަމް ދާއިރާ އަށް އެނބުރިއްޖެ. ރަށުން މީހުން މިހާރު ނުލިބޭ މަސްވެރިކަމަކަށް. މިހިރަ ކަންކަމާ ހެދި ޒުވާނުން ފޫހިވާ ދާއިރާ އަކަށް ބަދަލު އެބަވޭ."
ކޫއްޑޫ މަސް ފެކްޓަރީގެ އޮޕަރޭޝަންތައް އަލުން ފަށައިފި
މަސް ނުކިރޭތީ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި
މަސްވެރިކަން ރަނގަޅުވެ، ކޫއްޑު އަށް ބާރު ބޮޑު ވެއްޖެ
ކޫއްޑޫގެ ކޯލްޑް ސްޓޯރޭޖް 4،000 ޓަނަށް އިތުރުކުރަނީ
މައްސަލަ ހައްލުކުރާނީ މަސްވެރިންނާ ގުޅިގެން: މިފްކޯ
މުޒާހަރާއާ ހެދި ކޫއްޑޫ ހުރިހާ އޮޕަރޭޝަނެއް ހުއްޓިފައި!
ދޮށީގެ މަސްވެރިކަމުގެ އާ ރެކޯޑެއް، އެއް ދުވަހުން މިލިއަނެއްހާ ރުފިޔާ
މާދަމާއިން ފެށިގެން ދޯންޏަކުން ކިރާނީ ހަތް ޓަނު މަސް
ކޫއްޑޫން އައިސް ވިއްކުން މެދުކަނޑާލައިފި
އައިސް ޕްލާންޓްތައް ހިންގުން ކައުންސިލްތަކަށް