Roadha Mihaaru
ޔޫވީ އަތުން ވެސް ފުރިހަމަ މޮޅެއް ހޯދައި ސަސް ކުރިއަށް

ޔޫވީ އަތުން ވެސް ފުރިހަމަ މޮޅެއް ހޯދައި ސަސް ކުރިއަށް

13 މެއި 2023

އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގް 2023 ގައި މިއަދު ހަވީރު ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާ ވާދަކޮށް 3-0 އިން މެޗު ކާމިޔާބު ކޮށްގެން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެޓީމު ލީގުގައި ކުޅުނު ދެވަނަ މެޗު ވެސް ކާމިޔާބު ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގް 2023 ގައި މިއަދު ހަވީރު ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާ ވާދަކޮށް 3-0 އިން މެޗު ކާމިޔާބު ކޮށްގެން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެޓީމު ލީގުގައި ކުޅުނު ދެވަނަ މެޗު ވެސް ކާމިޔާބު ކޮށްފި އެވެ.

ސަސް ވަނީ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް އާ ވާދަކޮށް 5-1 އިން މެޗު ކާމިޔާބު ކޮށްފަ އެވެ. ޔޫވީގެ ފުރަތަމަ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ދެކޮޅަށް ކުޅެ ބަލިވީ 7-2 އިންނެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފު އެއްކޮށް ޑޮމިނޭޓް ކޮށްގެން ކުޅުނީ ވެސް ސަސް އެވެ. އެޓީމުން ވަނީ މެޗު ފަށި ގޮތަށް ޔޫވީގެ ޑިފެންސަށް ނުރައްކާ ކުރަން ފަށައިފަ އެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 11 ވަނަ މިނިޓުގައި އަހުމަދު އަހުމަދު (އައިހު) ނަގައިދިން ބޯޅައެއް ގޯލު ތެރެއަށް ފޮނުވާލައިގެން އަލީ ނަސޫހު ރަޝީދު (ޕިލާ) ވަނީ އެޓީމަށް ލީޑު ނަގައިދީފަ އެވެ.

ސަސްގެ ދެވަނަ ގޯލު މެޗުގެ 43 ވަނަ މިނިޓުގައި ލިބުނު ހިލޭޖެހުމަކުން ޖަހައިދިނީ އައިހު އެވެ. މިއީ އައިހު ދިން ބޯޅައެއް ހިފައިގެން އެޓީމުގެ މިޑްފީލްޑަރު އަހުމަދު އައިހަމް (ފަތޯ) އޭރިއާ ތެރެއަށް ވަންނަން އުޅުމުގެ ތެރޭގައި ޔޫވީގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ޝިފާން ހަސަން ކުރި ފައުލަކަށް ލިބުނު ހިލޭޖެހުމެކެވެ.

ސަސްގެ ހުސާމް އަތުން ބޯޅަ ހޯދަން ޔޫވީގެ ޝިފާން މަސައްކަތް ކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ސަސްގެ ހުސާމް އަތުން ބޯޅަ ހޯދަން ޔޫވީގެ ޝިފާން މަސައްކަތް ކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ލީޑު ފުޅާ ކުރުމުގެ ކުރިން ވެސް އައިހު ހިލޭޖެހުމަކުން ނަގައިދިން ހުރަހެއް ބޮލުން ޖަހައި އަހުމަދު ހަމީދު ބޯޅަ ގޯލަށް ފޮނުވާލި އެވެ. ނަމަވެސް ލައިންސްމަން ވަނީ އޭނާ އޮފްސައިޑް ކަމަށް ދިދަ ނަގައިފަ އެވެ.

މީގެ އިތުރުން ވެސް މި ހާފުގައި އެޓީމުގެ ނަސޫހަށް ވަނީ ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފަ އެވެ. އެގޮތުން އޭނާ އެންމެ ފުރަތަމަ ފޮނުވާލި ހަމަލާ ޔޫވީގެ ކީޕަރު އަލީ ނާޖިހު ދިފާއު ކުރިއިރު، އަހުމަދު ހުސާމް (ހުސާންކޮ) ހުސްކޮށްލާފައި ދިން ބޯޅައެއް އޭނާ ކޮންޓްރޯލް ކުރުމާ އެކު ޔޫވީގެ ޑިފެންޑަރު މުހައްމަދު ސަމްހާން ވަނީ ބޯޅަ ހޯދައި ކްލިއާ ކޮށްފަ އެވެ. އަދި ހާފު ނިމެނިކޮށް އޭނާ އަށް ލިބުނު ދެ ފުރުސަތެއްގައި ފޮނުވާލި ބޯޅަ ގޯލާ އަމާޒެއް ނުވި އެވެ.

ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނިޓުގައި ސަސް އިން ކުރީ ހާފެކޭ އެއްގޮތަށް ޔޫވީގެ ޑިފެންސަށް ނުރައްކާ ކުރަން މަސައްކަތް ކުރި އެވެ. ނަމަވެސް ދެން ފެނުނީ ޔޫވީ އިން ބޮޑަށް ކުރިއަށް ޖެހިގެން ފުރުސަތުތައް ހޯދަން މަސައްކަތް ކުރި ތަނެވެ. މުހައްމަދު ރީހާން، އޭރިއާ ތެރެއިން ހުސްވި އަހުމަދު ބައްސާމް މުހައްމަދު ނައީމަށް ހުރަސްކޮށްދިން ބޯޅަ ކީޕަރު އަބްދުﷲ ޒިމާމް އަތަށް ނެގި އެވެ. އަދި ފަހުން ހުސެއިން މައިޝާން ނަގައިދިން ހުރަސް ބައްސާމަށް ލިބުނު ނަމަވެސް އޭނާއަށް ރަނގަޅަށް ކޮންޓްރޯލް ނުވެ، ބޯޅަ ލިބުނީ ކީޕަރަށެވެ.

ޔޫވީ އަށް ގޯލު ޖަހަން ފުރަތަމަ ހުސް ފުރުސަތެއް ލިބުނީ އަރީން އަބްދުﷲ އިބްރާހިމް އަށެވެ. އޭނާ ކީޕަރު ކައިރިން ނައްޓާލާފައި ފޮނުވާލި ބޯޅަ ދިޔައީ ގޯލު ހުރަސް ދަނޑި މަތިން ބޭރަށެވެ. އެއަށް ފަހު ސަސް އިން އުފެއްދި ކައުންޓާ އެޓޭކެއްގައި އެޓީމުގެ ތިންވަނަ ލަނޑު 64 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނު ނަސޫހު އެވެ. މި ގޯލު ޖަހަން ވެސް އެހީތެރިވީ އައިހު އެވެ.

މެޗުގައި ގޯލު ޖަހަން ލިބުނު އިތުރު ފުރުސަތުތަކުގައި ޔޫވީގެ ބައްސާމް ހުސްކޮށް އަރައި ފޮނުވާލި ބޯޅައެއް ކީޕަރު ޒިމާމް ފައިން ޖަހައި ބްލޮކް ކުރިއިރު، ސަސްގެ ނަސޫހު ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއެއް ކީޕަރު ނާޖިހު ވަނީ ދިފާއު ކޮށްފަ އެވެ.

ފަހުވަގުތު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ޔޫވީ އިން އެރުވި ކުޅުންތެރިޔާ މުހައްމަދު ހުސެއިން ވެސް ދެ ހަމަލާ ފޮނުވާލި އެވެ. އޭރިއާ ބޭރުން ފޮނުވި ހަމަލާ ކީޕަރު ޒިމާމް ދިފާއު ކުރިއިރު، ބައްސާމް ހުރަސްކޮށްލި ބޯޅައެއް އޭނާ ފޮނުވާލުމުން އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ގްރީން ސްޓްރީޓްސް އާއި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އެވެ.