Roadha Mihaaru
ނަޝާތުގެ ދައުރު ހަމަވާތީ އީސީއަށް މެމްބަރަކު ހޯދަނީ

ނަޝާތުގެ ދައުރު ހަމަވާތީ އީސީއަށް މެމްބަރަކު ހޯދަނީ

10 މެއި 2023

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރު އަލީ ނަޝާތުގެ ދައުރު ހަމަވާތީ، މެމްބަރަކު ހޯދަން އިއުލާންކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރު އަލީ ނަޝާތުގެ ދައުރު ހަމަވާތީ، މެމްބަރަކު ހޯދަން އިއުލާންކޮށްފި އެވެ.

އީސީގެ އައިޓީ ޑިޕާޓްމަންޓްގައި އިސްކޮށް އުޅުއްވި ނަޝާތު މެމްބަރު ކަމަށް އައްޔަން ކުރެއްވީ 2018ގަ އެވެ. އޭނާގެ ފަސް އަހަރުގެ ދައުރު އަންނަ ޖުލައި މަހު ހަމަވާނެ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އީސީގެ މެމްބަރުކަމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖައްސާފައި ވަނީ މި މަހުގެ 17 ވަނަ ދުވަހު ހެނދުނު 8:30 އިން މެންދުރު 13:30 އަށެވެ. މަގާމަށް ކުރިމަތިލާން އެދޭ ފޯމު އެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެ އެވެ. އަދި ރައީސް އޮފީހުގެ ރިސެޕްޝަނުން ވެސް ދޫކުރެ އެވެ.

އީސީގައި ތިއްބަވަނީ ފަސް މެމްބަރުންނެވެ. ނަޝާތުގެ އިތުރުން މިވަގުތު މެމްބަރުންނަކީ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި ނައިބު ރައީސް އިސްމާއިލް ހަބީބާއި ޑރ. މުހައްމަދު ޒާހިރުގެ އިތުރުން މުހައްމަދު އާސިފް އެވެ.

މި އަހަރުގެ ސެޕްޓެމްބަރުގައި ރިޔާސީ އިންތިހާބު އޮންނާތީ، އީސީން އަންނަނީ އިންތިހާބަށް ތައްޔާރުވާން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.