Roadha Mihaaru
ވޯޓުލާ ދުވަސް ބަންދުކުރުމާ މެދު އަދި ގޮތެއް ނުނިންމާ

ވޯޓުލާ ދުވަސް ބަންދުކުރުމާ މެދު އަދި ގޮތެއް ނުނިންމާ

22 ޖުލައި 2018

ރިޔާސީ އިންތިޚާބުގެ ވޯޓުލުން އަންނަ ސެޕްޓެމަބަރު 23 ގައި ބާއްވަން ނިންމާފައިވާ އިރު، އެ ދުވަސް ބަންދުކުރުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރިޔާސީ އިންތިޚާބުގެ ވޯޓުލުން އަންނަ ސެޕްޓެމަބަރު 23 ގައި ބާއްވަން ނިންމާފައިވާ އިރު، އެ ދުވަސް ބަންދުކުރުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

މިހާތަނަށް ރާއްޖޭގައި ބޭއްވި ރަސްމީ އިންތިޚާބުތަކުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައި ވަނީ ބަންދު ދުވަސްތަކުގަ އެވެ. އެކަމަކު މި އަހަރުގެ ރިޔާސީ އިންތިޚާބު ބާއްވަން ނިންމާފައިވާ ތާރީޚު ދިމާވަނީ، ރަސްމީ ބަންދު ނޫން، އާދީއްތަ ދުވަހަކާ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ، އިންތިޚާބު ބާއްވާ ދުވަސް ބަންދުކުރަން ރައީސް އޮފީހުގައި އެދިފައިވާ ކަމަށެވެ. އެ ދުވަސް ބަންދުކުރާނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.

އެކަމަކު، ރައީސް އޮފީހުގެ ތަރުޖަމާން، އިބްރާހިމް މުއާޒް އަލީ މިއަދު ހެނދުނު ވިދާޅުވީ ވޯޓުލާ ދުވަސް ބަންދުކުރުމާ ގުޅޭ ގޮތުން "މި ވަގުތާ ހަމަ އަށް ވަކި ގޮތެއް ނިންމާފައި ނުވާ" ކަމަށެވެ. އެ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި ނަމަ ރައީސް އޮފީހުން އިއުލާންކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އިންތިޚާބަށް ކުރިމަތިލާން ފޯމު ހުށަހެޅުމުގެ ފުރުސަތު މާދަމާ ހުޅުވައިލާ އިރު، މިހާތަނަށް ހަތަރު ބޭފުޅަކު ވާދަ ކުރައްވާނެ ކަން އިއުލާން ކުރައްވާފައިވެ އެވެ. އެއީ، ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ. މީގެ އިތުރުން މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އެލްޖީއޭގެ ކުރީގެ ނައިބު ރައީސް ހުސައިން ޝުޖާއު ވެސް ވާދަކުރައްވާނެ ކަން ވަނީ އިއުލާން ކުރައްވައިފަ އެވެ.

ވެރިކަން ކުރާ ޕީޕީއެމާއި އިދިކޮޅު ޕާޓީތަކުންނާއި އަމިއްލަ ކެންޑިޑޭޓުން ވެސް މިހާރު އަންނަނީ އިންތިޚާބަށް ކެމްޕޭން ކުރަމުންނެވެ.