Roadha Mihaaru
ޓޭލާގެ "ސްޕީކް ނައު" ގެ ވެސް އަމިއްލަ ވާޝަނެއް

ޓޭލާ ސްވިފްޓުގެ "ސްޕީކް ނައު" އަލްބަމްގެ ވެސް އަމިއްލަ ވާޝަނެއް އިއުލާނުކޮށްފި

08 މެއި 2023

މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް އަނެއްކާވެސް ކުރީގެ އަލްބަމެއް އަލުން ރެކޯޑުކޮށް، އަމިއްލަ ވާޝަނެއްގެ ގޮތުގައި ރިލީޒްކުރާނެކަން އިއުލާނުކޮށްފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް އަނެއްކާވެސް ކުރީގެ އަލްބަމެއް އަލުން ރެކޯޑުކޮށް، އަމިއްލަ ވާޝަނެއްގެ ގޮތުގައި ރިލީޒްކުރާނެކަން އިއުލާނުކޮށްފި އެވެ.

އޭނާގެ އިންސްޓަގްރާމުގައި އިއްޔެ ޝެއާކުރި ޕޯސްޓެއްގައި ބުނީ، އޭނާގެ ހިޓު "އެންޝޯންޓެޑް" ފަދަ ޓްރެކްތައް ހިމެނޭ ކުރީގެ އަލްބަމް "ސްޕީކް ނައު" ގެ ޓޭލާސް ވާޝަން އަންނަ ޖުލައި މަހުގެ ހަތް ވަނަ ދުވަހު ރިލީޒް ކުރާނެ ކަމަށެވެ. އަދި މިފަހަރުގެ އަލްބަމުގައި ކުރިން ނުހިމެނޭ އިތުރު ހަ އާ ލަވަ ހިމެނޭނެ ކަމަށް އޭނާ ބުންޏެވެ.

ސްވިފްޓްގެ ތިން ވަނަ ސްޓޫޑިއޯ އަލްބަމް "ސްޕީކް ނައު" އެންމެ ފުރަތަމަ ރިލީޒް ކުރީ 2010 ވަނަ އަހަރު އެވެ. ޓޭލާ ބުނީ އެ ލަވަތަކަކީ އުމުރުން 18-20 އަހަރާ ދެމެދު އޭނާ ލިޔެފައި ހުރި ލަވަތަކެއް ކަމަށެވެ.

"އަހަރެންގެ ހަޔާތުގެ އެ ދުވަސްވަރު އައި އެ ލަވަތަކުގައި އެންމެ ބޮޑަށް ފާހަގަކުރެވޭ ކަމަކީ އޭގެ ތެދުވެރިކަމާއި އެއްވެސް ފޮރުވުމެއް ނެތް އިއުތިރާފުތައް އަދި ބޭނުންވާ އެއްޗެއް ނުލިބުމުން ކުރިމަތިވި ހިތާމަވެރި އިހުސާސްތަކެވެ." ސްވިފްޓް އިންސްޓަގްރާމު ޕޯސްޓުގައި ލިޔެފައިވެ އެވެ.

އޭނާ ބުނީ އެ އަލްބަމަކީ އޭނާ ވަރަށް ލޯބިވާ އަލްބަމެއް ކަމަށެވެ. އެއީ އެ އަލްބަމުން، ބޮޑުވަމުން އައިރު ދިމާވި ކަންކަމުގެ ވާހަކަ ކިޔައިދޭ އަލްބަމަކަށް ވާތީ އެވެ.

ސްވިފްޓްގެ ކުރީގެ ރެކޯޑު ލޭބަލް، "ބިގް މެޝިން" އިން އޭނާގެ ފުރަތަމަ ހަ އަލްބަމްގެ ރައިޓްސް 2019 ވަނަ އަހަރު ވިއްކާލުމާއެކު އޭނާ ވަނީ އަލުން އެ އަލްބަމްތައް ރެކޯޑުކުރަން ފަށާފަ އެވެ. އެގޮތުން، 2021 ވަނަ އަހަރު ވަނީ ކުރީގެ ދެ އަލްބަމް، "ފިއަލެސް" އަދި "ރެޑް" ގެ އަމިއްލަ ވާޝަނެއް އަލުން ރެކޯޑުކޮށް ރިލީޒްކޮށްފަ އެވެ.

އޭގެ އިތުރުން، މި އަހަރުގެ ކުރީކޮޅު ޓޭލާ ވަނީ އޭނާގެ "އެރާސް" ޓުއާއާ ގުޅުވައިގެން ކުރިން ނުނެރެ ހުރި ހަތަރު ލަވައެއް ނެރޭނެ ކަން އިއުލާންކޮށްފަ އެވެ.

ސްވިފްޓްގެ "ސްޕީކް ނައު" އަލްބަމް އިއުލާނުކޮށްފައި މިވަނީ އޭނާ ފަސް އަހަރަށް ފަހު ބާއްވާ ކޮންސަޓް ޓުއާ "އެރާސް ޓުއާ" ގެ މެދުތެރެއިންނެވެ.