Roadha Mihaaru

ޓޭލާގެ ކައިވެނި އިއުލާންކޮށް ބުނީ އިނގިރޭސި ޓީޗަރާއި ޖިމް ޓީޗަރު އިންނަނީ ކަމަށް

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓުގެ ކައިވެނި މިރޭ އިއުލާންކޮށްފި އެވެ.

ޓޭލާގެ ކައިވެނި އިއުލާންކޮށްފި

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓުގެ ކައިވެނި މިރޭ އިއުލާންކޮށްފި އެވެ.

ޓޭލާ އާއި އެމެރިކާގެ ފުޓުބޯޅަ ކުޅުންތެރިޔާ ޓްރޭވިސް ކެލްސީ މިއަދު އެންގޭޖުވެ، ކައިވެނިކުރަން އުޅޭކަން އިއުލާންކުރީ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި ވަނީ އެމީހުންގެ އެންގޭޖުމަންޓް ފޮޓޯތައް ހިއްސާކޮށްފަ އެވެ.

އެ ފޮޓޯތަކުން ފެންނަ ގޮތުގައި، ޓްރެވިސް ޓޭލާއަށް ޕްރޮޕޯސްކުރީ ރޯސް ގާޑެންއެއްގަ އެވެ. އަދި އޭނާ ވަނީ ޖަވާހިރުން ޖަރީކޮށްފައިވާ ރަން އަނގޮޓިއެއް ޓޭލާގެ އިނގިލީގައި އަޅުވައިފަ އެވެ.

އެ ފޮޓޯތައް ހިއްސާކޮށް އެ ޕޯސްޓުގައި ކެޕްޝަންގައި ޓޭލާ ލިޔެފައި ވަނީ "އިނގިރޭސި ޓީޗަރާއި ޖިމް ޓީޗަރު އިންނަން" އުޅެނީ ކަމަށެވެ. އެހެން އެ ބުނީ އެ ދެމީހުން މަސައްކަތްކުރާ ދާއިރާއަށް ނިސްބަތްކޮށް، ސަމާސާއަކަށް ކަމަށް ބެލެވެ އެވެ.

ޓޭލާ، 35، އާއި ޓްރެވިސް، 35، ލޯބީގެ ގޮތުން ގުޅުނީ 2023 ވަނަ އަހަރުގެ ފަހުކޮޅުގަ އެވެ.

ކައިވެނި އިއުލާންކުރިޔަސް، އެ ދެމީހުން ކައިވެނިކުރާ ތާރީޚެއް އަދި ނުބުނެ އެވެ.

ޓޭލާގެ ކައިވެނި އިއުލާންކުރި އިރު، އޭނާ އާއި ޓްރެވިސް މިފަހުން ވަނީ ދުނިޔޭގެ ރެކޯޑެއް ވެސް ހަދައިފަ އެވެ.

ޓްރޭވިސް އާއި އޭނާގެ ބޭބެ ޖޭސަން ކެލްސް ގެނެސްދޭ ސްޕޯޓްސް ޕޮޑްކާސްޓް "ނިއު ހެއިޓްސް"ގެ އެންމެފަހުން ގެނެސްދިން އެޕިސޯޑަކީ ޔޫޓިއުބްގައި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނަ ވިއުސް ލިބުނު ޕޮޑްކާސްޓް ވީޑިއޯ އެވެ. އެ އެޕިސޯޑުގެ މެހުމާނަކީ ޓޭލާ އެވެ.

އެ އެޕިސޯޑަށް 24 ގަޑިއިރުގެ ތެރޭގައި 13 މިލިއަން ވިއުސް ލިބި، ގިނިސް ވޯލްޑް ރެކޯޑް ފޮތުން ވަނީ ޖާގަ ހޯދައިފަ އެވެ.