Roadha Mihaaru
އިބްރާހީމް އުމަރު މަނިކުގެ ހަނދާނުގައި ސްކޮލަޝިޕެއް

ޑރ. އިބްރާހީމް އުމަރު މަނިކުގެ ހަނދާނުގައި ސިއްހީ ދާއިރާއިން ހާއްސަ ސްކޮލަޝިޕެއް

02 މެއި 2023

އަލްމަރުހޫމް ޑރ. އިބްރާހީމް އުމަރު މަނިކުގެ ހަނދާނުގައި ޔުނިވާސަލް ފައުންޑޭޝަނުން ހާއްސަ ސްކޮލަޝިޕެއް ތައާރަފު ކުރުމަށް ނިންމައިފި އެވެ.

އަލްމަރުހޫމް ޑރ. އިބްރާހީމް އުމަރު މަނިކުގެ ހަނދާނުގައި ޔުނިވާސަލް ފައުންޑޭޝަނުން ހާއްސަ ސްކޮލަޝިޕެއް ތައާރަފު ކުރުމަށް ނިންމައިފި އެވެ.

ޑރ. އިބްރާހީމް އުމަރު މަނިކު އަކީ ސިއްހީ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވައި، އެ ދާއިރާ އަށް ގިނަ ގުނަ ހިދުމަތްތަކެއް ކޮށްދެއްވި ހިދުމަތްތެރިއެކެވެ. އޭނާ އެމްބީބީއެސް ފާސް ނެންގެވީ، ޖަރުމަނުވިލާތުގެ ޔުނިވާސިޓީ އޮފް ލެއިޕްޒިގް އިންނެވެ. އެނަސްތީޒިއޮލޮޖީގެ ރޮނގުން ސްޕެޝަލައިޒްވެ ވަޑައިގަތީ އެތާނގެ ހެލީގެ ޔުނިވާސިތޭތްސްކްލިނިކަމް އިންނެވެ. ދިވެހިރާއްޖޭގެ ފުރަތަމަ ހޭނައްތާ ޑޮކްޓަރުގެ ގޮތުގައި މާލޭ ސެންޓްރަލް ހޮސްޕިޓަލުގައި އޭނާ ހިދުމަތް ކުރެއްވި އެވެ. އޭގެ ތެރޭގައި އެނަސްތީޒިއޮލޮޖީ ޑިޕާޓްމަންޓަށް ޒަމާނީ ކުރިއެރުން ގެންނެވުމާއި، ހޮސްޕިޓަލަށް ބޭނުންވާ ފަހުގެ އާލާތްތައް ހޯއްދެވުމުގައި ވަރަށް މުހިންމު މަސައްކަތްތަކެއް ކުރެއްވި އެވެ.

ސިއްހީ ދާއިރާގެ އިތުރުން، ޑރ. އިބްރާހީމް އުމަރު މަނިކު ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އަށް ވެސް ގިނަގުނަ ހިދުމަތްތަކެއް ކުރައްވައިފަ އެވެ. އަދި ތަފާތު ސިނާއަތު ރާއްޖެ އަށް އަލަށް ތައާރަފްކޮށްދެއްވުމުގައި ވެސް މުހިންމު ދައުރެއް އަދާކުރެއްވި އެވެ. މިގޮތުން، 1989 ވަނަ އަހަރު މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ އުފައްދަވައި، ފުޅީގައި ބަންދުކޮށްފައި ހުންނަ ބުއިންތައް އުފައްދާ ޕްލާންޓެއް މުޅިން އަލަށް ރާއްޖެ އަށް ތައާރަފްކޮށްދެއްވި އެވެ. މީގެއިތުރުން، 1987 ވަނަ އަހަރު މާލެއަތޮޅު ދެކުނުގައި ޕާމްޓްރީ ރިސޯޓްސްގެ ރިސޯޓެއްގެ ގޮތުގައި ވެލިގަނޑު ހުރާ ތަރައްގީ ކުރެއްވި އެވެ. އެއާއެކު، ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި އެންމެ ފުރަތަމަ ރާއްޖެ އަށް ބައިނަލްއަގުވާމީ ޗެއިންތައް ގެންނެވުމުގައި އިސްކޮށް އުޅުއްވި ފަރާތްތަކުގެ ތެރޭގައި ވެސް ޑރ. މަނިކު ހިމެނެ އެވެ.

އަލްމަރުހޫމް ޑރ. އިބްރާހީމް އުމަރު މަނިކުގެ ހަނދާނުގައި މި ސްކޮލަޝިޕް ހުޅުވާލަނީ ރާއްޖޭން ބޭރުގައި ސިއްހީ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރުމަށް އެދޭ ދިވެހި ދަރިވަރުންނަށެވެ. ސްކޮލަޝިޕަށް ހޮވޭ ދަރިވަރުން ކޯސް ފުރިހަމަކުރާނީ އިނގިރޭސިވިލާތުގެ މެޑިކަލް ޔުނިވާސިޓީތަކުގެ ތެރެއިން ކޮންމެވެސް އެއް ޔުނިވާސިޓީއެއްގަ އެވެ. ޔުނިވާސަލް ފައުންޑޭޝަންގެ އަމާޒަކީ ރާއްޖެ އަށް މި ވަގުތު އެންމެ ބޭނުންތެރި، އެންމެ މުހިންމު ދާއިރާތަކުން ޑޮކްޓަރުން ސްޕެޝަލައިޒްވެގެން ރާއްޖެ އައިސް ދިވެހީންނަށް ހިދުމަތް ކުރުމަށް ފުރުސަތު ތަނަވަސްކޮށްދިނުމެވެ. މި ސްކޮލަޝިޕުގެ ހުށައެޅުމާއި އިތުރު މައުލޫމާތު ޔުނިވާސަލް ފައުންޑޭޝަންގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ. https://universalfoundation.org.mv

ޑރ. އިބްރާހީމް އުމަރު މަނިކުގެ ހަނދާނުގައި ދޭ ސްކޮލަޝިޕަށް ހޮވުމުގައި ބަލާނެ މިންގަނޑުތައް ކުރިމަތިލާން އެދޭ ފަރާތްތަކުން ފޯމް ހުށަހަޅާނެ އެންމެ ފަހުގެ ތާރީޚަކީ 30 ޖޫން 2023 އެވެ.

1. ދިވެހިރައްޔިތެއް ކަމުގައިވުން.

2. ތައުލީމް ހާސިލުކުރަން އެދޭ ދާއިރާއަކީ ސިއްހީ ދާއިރާ ކަމުގައިވުން.

3. ތައުލީމް ހާސިލުކުރަން އެދޭ ލެވެލް އަކީ ޕޯސްޓް ގްރެޖުއޭޓް ކަމުގައިވުން.

4. ތައުލީމް ހާސިލުކުރަން އެދޭ ޔުނިވާސިޓީއަކީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީއަކަށްވުން.

5. ޔުނިވާސިޓީ އަށް ވަނުމުގެ ޖާގަ ލިބިފައިވާކަން އަންގައިދޭ ލިޔުން އޮތުން.

6. އިނގިރޭސިވިލާތުގައި ތައުލީމް ހާސިލުކުރާ ދަރިވަރުންގެ ވިސާ އަށް ޝަރުތު ހަމަވާ ފަރާތަކަށްވުން.

7. އެމްބީބީއެސް ފުރިހަމަކޮށްފައިވާ ފަރާތަކަށްވުން.

8. އެމްބީބީއެސް ފުރިހަމަކުރުމަށްފަހު ރާއްޖޭގައި މަދުވެގެން ދެ އަހަރު ދުވަހު މަސައްކަތް ކޮށްފައިވުން.

9. ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިސްކަންދެވޭނީ ރާއްޖޭގައި މި ވަގުތު ތަމްރީނުވެފައިވާ ޑޮކްޓަރުން އެންމެ މަދު ދާއިރާތަކުން ސްޕެޝަލައިޒްވާން އެދޭ ދަރިވަރުންނަށް.

10. ދަރިވަރުން ހޮވުމަށް ބާއްވާ އިންޓަވިއުއިން ފާސްވެފައިވުން.

11. އެއްބަސްވުމާ އެއްގޮތަށް ކޯސް ފުރިހަމަ ކުރުމަށް ފަހު ދިވެހިރާއްޖޭގައި މަސައްކަތްކުރުމަށް އެއްބަސްވުން.

ޔުނިވާސަލް އެންޓަޕްރައިޒަސްގެ ތާރީހުގައި ފާއިތުވެދިޔަ 40 އަހަރުގެ ތެރޭގައި ދިވެހިރައްޔިތުންގެ ލާބަ އާއި މަންފާ އަށް ޓަކައި ކޮށްފައިވާ ގިނަގުނަ މަސައްކަތްތައް މިހާރު ރަސްމީ ގޮތެއްގައި ކުރިއަށް ގެންދަނީ ޔުނިވާސަލް ފައުންޑޭޝަނުންނެވެ. މިގޮތުން ޔުނިވާސަލް ފައުންޑޭޝަނުން ވަނީ 2014 ވަނަ އަހަރުން ފެށިގެން މިހާތަނަށް ދިވެހި ކިޔަވާކުދިންނަށް ޖުމްލަ 204 ސްކޮލާޝިޕް ދީފަ އެވެ. އޭގެތެރެއިން 51 ސްކޮލާޝިޕަކީ ސިއްހީ ދާއިރާއިން ދީފައިވާ ސްކޮލާޝިޕްތަކެވެ.

ސަރުކާރާއި އަމިއްލަ ޖަމުއިއްޔާ ޖަމާއަތްތަކުން ރާއްޖޭގެ ތަރައްގީއަށާއި، އިޖުތިމާއީ ކަންކަމަށާއި އެކިއެކި އެހީގެ ޕްރޮގްރާމް ރާވާ ހިންގުމުގައި ސީދާ ގޮތުންނާއި ނުސީދާގޮތުން ޔުނިވާސަލް ފައުންޑޭޝަންގެ އެހީތެރިކަން ފޯރުކޮށްދެއެވެ. ދިވެހި ރައްޔިތުންނަށް ބޭނުންތެރި ތަފާތު ފުރުސަތުތައް ފަހިކޮށް ދިނުމަށާއި އަދި ދިވެހީންނަށް އިންސާނީ ތަރައްގީ އާއި ކުރިއެރުން ގެނެސްދިނުމަށްޓަކައި ޔުނިވާސަލް ފައުންޑޭޝަނުން އަބަދުވެސް މަސައްކަތްކުރާނެ އެވެ.

ޔުނިވާސަލް ފައުންޑޭޝަންގެ މައިގަނޑު އަމާޒަކީ ދިވެހި ރައްޔިތުންގެ ސިއްހީ ހާލަތާއި، ތައުލީމާއި، އިޖުތިމާއީ އަދި އިންސާނީ ތަރައްގީ އަށް ބޭނުންވާ އެންމެހައި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމެވެ. ދިވެހި މި މުޖުތަމައަކީ ދިވެހި އަޚުންނާއި އުޚުތުންނަށް ފާގަތި ދިރިއުޅުމެއް އުޅެވޭ ފަދަ ހިތްގައިމު މާހައުލަކަށް ހަދައިދިނުމެވެ.