Roadha Mihaaru
ތަހުގީގު ލަސްވިޔަސް ތަހުގީގު ބަލިކަށި ނުވެދާނެ: ރައީސް

ތަހުގީގު ލަސްވުމަކީ ތަހުގީގު ބަލިކަށިވާ ކަމަކަށް ނުވެދާނެ: ރައީސް

29 އެޕްރީލް 2023

ފުލުހުންގެ ތަހުގީގު ލަސްވެގެން ސުވާލު އުފެދިދާނެ ކަމަށާއި ބައެއްފަހަރު ތަހުގީގުތަކަށް ވަގުތު ނެގިޔަސް އިންސާފު ގާއިމުކުރެވޭ މިންވަރަށް ތަހުގީގު ފުރިހަމަ ކުރުމަކީ އަދުލު އިންސާފު ގާއިމުކުރަން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ފުލުހުންގެ ތަހުގީގު ލަސްވެގެން ސުވާލު އުފެދިދާނެ ކަމަށާއި ބައެއްފަހަރު ތަހުގީގުތަކަށް ވަގުތު ނެގިޔަސް އިންސާފު ގާއިމުކުރެވޭ މިންވަރަށް ތަހުގީގު ފުރިހަމަ ކުރުމަކީ އަދުލު އިންސާފު ގާއިމުކުރަން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ ހިދުމަތަށް 90 އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފުލުހުންގެ ތަހުގީގުގެ ހޯދުންތައް އާންމު ނުކުރާތީ ނުވަތަ ތަހުގީގު ކުރިއަށްދާ ގޮތް ނޭނގިގެން ވެސް ސުވާލު އުފައްދަފާނެ ކަމަށެވެ. އެކަމަކު އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި ބައެއް ފަހަރު ތަހުގީގެއް ލަސްވުމަކީ އެ ތަހުގީގެއް ބަލިކަށިވާ ކަމަކަށް ނުވެދާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ފުލުހުންގެ ތަހުގީގުތައް ކުރިއަށް އެ ގެންދަވަނީ ޕްރޮފެޝަނަލިޒަމްގެ އެންމެ މަތީ މިންގަނޑުގައި. ވަގުތު ނެގިޔަސް، އިންސާފު ގާއިމުކުރެވޭ މިންވަރަށް ތަހުގީގު ފުރިހަމަ ކުރުމަކީ، އަދުލު އިންސާފު ގާއިމުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް،" ދިވެހި ފުލުހުންގެ ހިދުމަތަށް ފުރިހަމަ އިތުބާރާއި ޔަގީންކަން އޮތްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކުށަކީ މިހާރު އިމްޕޯޓްކޮށް، އެކްސްޕޯޓް ވެސް ކުރެވޭ އެއްޗެއް ކަމަށާއި އެއް ގައުމެއްގައި ހުރެގެން، މާ ދުރުގައި އޮންނަ އެހެން ގައުމެއްގައި ޖަރީމާއެއް ހިންގުމަކީ ވެސް މިޒަމާނުގައި ކުރެވިދާނެ ކަމެއް ކަންތައް ކަމަށެވެ. ބޯޑަރުތަކާއި ސަރަހައްދީ އިމަކީ ކުށްވެރިން ދަންނަ އެއްޗެއް ނޫން ކަމަށާއި އެހެންވެ، ދިވެހި ފުލުހުންގެ ކަޅިތައް ރާއްޖެ ނޫން ހިސާބުތަކަށް ވެސް އަމާޒުކުރަންޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ދިވެހިރާއްޖެ އާއި ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، ރާއްޖޭގެ ގަސްކަރަ ނުފެންނަ ހިސާބުން މާ ދުރަށް ދިވެހި ފުލުހުންގެ ލޯތައް މިއަދު ހުޅުވަންޖެހޭ،" ރައީސް ވިދާޅުވި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތަށް 90 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަ ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

ދިވެހި ފުލުހުންގެ ހިދުމަތަށް 90 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަ ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ ދިވެހި ފުލުހުންނަކީ ބައިނަލްއަގްވާމީ މުޖުތަމައުގައި ހިނގާ އޮއިވަރުތަކަށް ހޭލާއި ތައްޔާރީ ހާލަތުގައި ތިބި ބައެއް ކަމަށެވެ، އިންޓަޕޯލްފެ ޕިކްސްޑް ނެޓްވޯކް ޑޭޓާބޭސް އާއި ރާއްޖޭގެ ބޯޑަރު މެނޭޖްމަންޓް ސިސްޓަމް 2019 ގައި ގުޅާލާފައިވާއިރު 2020 ގައި ވަނީ ފުލުހުންގެ ހިދުމަތުގައި ބޭނުންކުރާ އިންފޮމޭޝަން ސިސްޓަމް ވެސް އިންޓަޕޯލްގެ ޑޭޓާ ބޭސްއާ ގުޅާލާފައި ކަމަށެވެ.

އޭގެ ސަބަބުން ގިނަ ފައިދާތަކެއް ރާއްޖެއަށް އަދި ބައިނަލްއަގްވާމީ މުޖުތަމައަށް ވެސް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ ތެރޭގައި ރާއްޖެއަށް އެތެރެވާ އަދި ބޭރުވާ ކޮންމެ ފަސިންޖަރެއްގެ މައުލޫމާތު، އިމިގްރޭޝަންގެ ބޯޑާ ކޮންޓްރޯލް ސިސްޓަމް މެދުވެރިކޮށް އިންޓަޕޯލްގެ ޑޭޓާބޭސްތަކުން ޗެކްކުރެވެ އެވެ. އަދި ފުލުހުންގެ ފްރަންޓްލައިން އޮފިސަރުން ބަލައި ފާސްކުރާ އެއްވެސް މީހެއްގެ މައުލޫމާތު، އިންޓަޕޯލްގައި ހުރި ނަމަ އެ މައުލޫމާތެއް ވެސް، އެ ނިޒާމުގެ ތެރެއިން ދިވެހި ފުލުހުންނަށް ފެންނާނެ އެވެ.