Roadha Mihaaru
ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރަނީ

ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރަން މަސައްކަތް އެބަކުރަން: ރައީސް

29 އެޕްރީލް 2023

ސަރުކާރުން ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތުގެ ދަށުން ފުލުހުންނާއި ސިފައިންގެ މުސާރައަށް ވެސް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ސަރުކާރުން ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތުގެ ދަށުން ފުލުހުންނާއި ސިފައިންގެ މުސާރައަށް ވެސް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ ހިދުމަތަށް 90 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ދައުލަތުގެ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމުގެ އެންމެ މުހިއްމު ކަމަކީ ދައުލަތުގެ މުވައްޒަފުންނަށް ރަނގަޅު ގޮތްތައް ހަމަޖައްސައިދިނުން ކަމަށެވެ. އެ މަސައްކަތުގެ ދަށުން ތައުލީމީ ދާއިރާގެ މުވައްޒަފުންނަށް ހެޔޮ ބަދަލެއް ގެނެސްދެވިފައިވާ ކަމަށާއި އަންނަ މަހުން ފެށިގެން ސިއްހީ ދާއިރެ މުވައްޒަފުންގެ މުސާރައަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ވިދާޅުވި އެވެ. އެކަމުގެ ތަފްސީލު މާދަމާ އިއުލާނުކުރާނެ އެވެ.

ރައީސް ވިދާޅުވި ގޮތުގައި ފުލުހުންނާއި ސިފައިންގެ މުސާރައަށް ވެސް ހެޔޮ ބަދަލުތަކެއް ގެނައުމުގެ ގޮތުން އެކަމުގެ ދިރާސާތައް ޕޭ ކޮމިޝަނުން މިހާރު އަންނަނީ ކުރަމުންނެވެ.

އަޅުގަނޑުމެން މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތުގެ ތެރެއިން، ދިވެހި ފުލުހުންނާއި ދިވެހި ސިފައިންގެ މުސާރައަށް ވެސް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހެޔޮ ބަދަލުތަކެއް ގެންނާނަން. އެކަމާ ބެހޭ ދިރާސާތައް ޕޭ ކޮމިޝަނުން މިހާރު އެއަންނަނީ ކުރަމުން: ރައީސް

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތް ނިމޭއިރު ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ އެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް އިޝާރާތްކުރައްވައި، ރައީސް ވިދާޅުވީ ފުލުހުންނާއި ސިފައިންނަށް ވެސް ބޯހިޔާވަހިކަމުގެ މައްސަލަ އެބަ އޮތް ކަމަށެވެ. ރަށުން ބޭރުގައި ނުވަތަ އާއިލާއާ ދުރުގައި ވަޒީފާ އަދާކުރަން ޖެހިފައިވާ ފުލުހުންނަށް އެކަމުގެ ދަތިކަން އިހުސާސްކުރެވޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ ފުލުހުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ފަށާފައިވާ "ބްލޫ ހައުސިން ސްކީމް"ގެ ދަށުން ހަދާ ފްލެޓްތައް ނިމިގެން ހަވާލުކުރާއިރު، ފްލެޓްތަކުގެ އަގަށް ހެޔޮ ބަދަލެއް ގެނައުމަށް ވެސް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.