Roadha Mihaaru
ގޭންގުތަކާ ދެކޮޅު މަސައްކަތް މަގުތަކުން ފެންނާނެ:ރައީސް

ގޭންގުތަކާ ދެކޮޅު މަސައްކަތް މަގުތަކުން ފެންނާނެ: ރައީސް

12 ސެޕްޓެމްބަރ 2022

މާލޭގައި ހަރަކާތްތެރިވާ ގޭންގުތަކާ ދެކޮޅަށް ސިފައިންނާއި ފުލުހުން ގުޅިގެން ކުރާ މަސައްކަތުގެ ނަތީޖާ މަގުތަކުން ފެންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު ލ. ގަމުން އާސިމާ ނިޒާރު

މާލޭގައި ހަރަކާތްތެރިވާ ގޭންގުތަކާ ދެކޮޅަށް ސިފައިންނާއި ފުލުހުން ގުޅިގެން ކުރާ މަސައްކަތުގެ ނަތީޖާ މަގުތަކުން ފެންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މި ރަށުގައި ބޭއްވި ވިއަވަތި ކޮންފަރެންސް ނިންމުމަށްފަހު ނޫސްވެރިންނާ އެކު ބޭއްވެވި ބައްދަލުވުމުގައި "މިހާރު"ން ކުރި ސުވާލާ ގުޅިގެން ރައީސް ވިދާޅުވީ މާލޭގެ މަގުތަކުގައި އާއްމުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މައްސަލަ އެބަހުރި ކަމަށެވެ. ނަމަވެސް، ފާއިތުވި 4-5 އަހަރާ އަޅާބަލާއިރު މަގުތަކުގެ ސަލާމަތަށް ބަދަލުތަކެއް އައިސްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އާއްމުންގެ ގިނަ ކަންބޮޑުވުމެއް އޮތް މި މައްސަލަ ހައްލުކުރުމުގެ ފުރަތަމަ މަރުހަލާގައި، ރައީސް ވިދާޅުވީ، އެ ގޭންގުތައް އެއްވެ އުޅޭ މަގުތައް ސިފައިންނާއި ފުލުހުން ބެލެހެއްޓީ ކަމަށެވެ.

"ކޯނާތަކުގައި ސިފައިންނާއި ފުލުހުން ތިބެގެން އެ ހަރަކާތްތައް ހުއްޓުމަކަށް ގެނައީ ފުރަތަމަ ކަމަށް. އެކަން ކޮންމެ ވެސް ވަރަކަށް ކުރެވިއްޖެ. ގޭންގު ޓާސްކް ފޯހުގެ މިދިޔަ ހަފުތާގެ ބައްދަލުވުމުގައި ފުލުހުން ދިން ޕްރެޒެންޓޭޝަންގައި ބުނީ މިހާރު އެ މީހުންގެ ސްޓްރެޓަޖީ ބަދަލުކުރޭ. މިހާރު އެ ތަނުގައި، ކުރިން ތިބޭ ތަންތަނުގައި ނުތިބޭ. އަޅުގަނޑުމެންނަށް އެންމެ ފުރަތަމަ ހުށަހެޅުނު ކަރުދާހުގައި ވެސް އޮތް މިގޮތަށް މަސައްކަތް ފެށީމަ އެ މީހުންގެ ހަރަކާތް ބަދަލުކުރާނެއޭ،" ރައީސް ވިދާޅުވި އެވެ.

ވިއަވަތި ކޮންފަރެންސް ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ވިއަވަތި ކޮންފަރެންސް ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

އެ މަނިކުފާނު ވިދާޅުވީ އެ ގޭންގުތަކުން މިހާރު އެހެން ތަންތަނަށް ބަދަލުވެ، އެ މީހުން ކަންކުރާ ގޮތް ވެސް ބަދަލުކޮށްފައިވާ ކަމަށެވެ. އެހެންވެ، ސިފައިންނާއި ފުލުހުން ވެސް ދެން ޖެހޭނީ އެ ބަދަލާ ދެކޮޅަށް މަސައްކަތް ކުރަން ކަމަށާއި އެކަން ރާވައިގެން ކުރިއަށްދާކަން ފާހަގަކުރެއްވި އެވެ.

ގޭންގުތަކާ ދެކޮޅަށް ފުލުހުންނާއި ސިފައިން މަސައްކަތްކުރަމުން ދާއިރު، މިދިޔަ ހުކުރު ދުވަހުގެ ހެނދުނު ވަނީ ހެންވޭރުގެ ގްރޫޕަކުން ޑްރަގް އެންޑް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގެ ތިން ފުލުހަކަށް ހަމަލާދީފަ އެވެ.

ރައީސް ވިދާޅުވީ އެފަދަ ހަމަލާއެއް ކުރިމަތިވިއަސް މިހާރު އެކަންކަން މަދު ކަމަށެވެ. އަދި ކަމާގުޅޭ އިދާރާތަކުގެ އޮޕަރޭޝަން އޮތީ އެ ފަދަ ހަމަލާއަކާ ގުޅިގެން ހުއްޓާލާ ގޮތަކަށް ނޫން ކަމަށް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ [އޮޕަރޭޝަން] ކުރިއަށް ގެންދާނަން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ގޭންގުތަކުގައި އުޅޭ މީހުން ބަންދުކުރުމަށް ފާއިތުވި އަހަރުތަކުގައި ޖަލުގެ ކެޕޭސިޓީ ބޮޑުކޮށްފައި ނެތް ކަމަށާއި ނުރައްކާތެރި ކުށްވެރިން ބަންދުކޮށްފައި ބައިތިއްބާނެ ތަންތަން ހަދަންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.