Roadha Mihaaru
ދާއޫދަށް މެޑަލް ދިން މައްސަލަ ޕޮލިސް ބޯޑުން ބަލަނީ

ދާއޫދަށް ޝަރަފުގެ މެޑަލް ދިން މައްސަލަ ޕޮލިސް ބޯޑުން ބަލަނީ

07 މެއި 2023

ފުލުހުންގެ ވަޒީފާ އިން ވަކި ކުރަން ޕޮލިސް ބޯޑުން ލަފާ ދީފައިވާ ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދަށް ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގެ މެޑަލް ދެއްވި މައްސަލައެއް އެ ބޯޑުން ބަލަން ފަށައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ފުލުހުންގެ ވަޒީފާ އިން ވަކި ކުރަން ޕޮލިސް ބޯޑުން ލަފާ ދީފައިވާ ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދަށް ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގެ މެޑަލް ދެއްވި މައްސަލައެއް އެ ބޯޑުން ބަލަން ފަށައިފި އެވެ.

ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އެކުލަވައިލި ޕޮލިސް ބޯޑުން އޯގަސްޓު 9، 2021 ގައި ވަނީ ފުލުހުންގެ ވަޒީފާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި ހަތް އޮފިސަރަކު ވަކި ކުރަން ލަފާދީފަ އެވެ.

އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ދާއޫދަށް، ރައީސުލްޖުމްހޫރިއްޔާގެ މެޑަލް ލިބުނީ، އެންމެ ފަހުން ބޭއްވި ފުލުހުންގެ އަހަރީ ދުވަހުގެ ހަފްލާގަ އެވެ.

ޕޮލިސް ބޯޑުގެ ރައީސް އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހު "މިހާރު"އަށް ވިދާޅުވީ ވަޒީފާ އިން ވަކި ކުރަން ލަފާ ދީފައިވާ ފުލުހަކަށް ރައީސްގެ ޝަރަފުގެ މެޑަލް ދޭން ޖެހުނީ ކީއްވެތޯ ބަލަމުން އަންނަ ކަމަށެވެ.

އެ މެޑަލް އޭނާ އަށް ދޭން ނިންމީ ކޮން ގޮތަކަށް ބަލާފައިތޯ ހޯދަން ޕޮލިސް ކޮމިޝަނަރަށް ދަންނަވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ ވަޒީފާ އިން ވަކި ކުރަން ބޯޑުން ލަފާ ދީފައިވާ ބޭފުޅުންގެ ތެރޭގައި ދާއޫދުގެ އިތުރުން އެސިސްޓަންޓް ކޮމިޝަނާ އަހުމަދު މުހައްމަދާއި އެސިސްޓަންޓް ކޮމިޝަނާ ފަރުހާދު ފިކުރީ އާއި އެސިސްޓެންޓް ކޮމިޝަނާ މުހައްމަދު ޖަމްޝީދާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް އާއި ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު އަދި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމެވެ.

އެ ބޭފުޅުން ވަކި ކުރުުމުގެ މައްސަލަ އަދިވެސް އޮތީ ކޯޓުގަ އެވެ.