Roadha Mihaaru
ޑީއީޑީ އޮފިސަރު ކަނޑާނުލައި، ޑީމޯޓުކުރަން ނިންމައިފި

ޑްރަގްގެ މައްސަލައިގައި ހައްޔަރުކުރި ޑީއީޑީގެ އޮފިސަރު ކަނޑާނުލައި، ޑީމޯޓުކުރަން އެޕީލް ކޮމިޓީން ނިންމައިފި

08 ޑިސެމްބަރ 2023

ޑްރަގްގެ މައްސަލައެއްގައި މީގެ ކުރިން ހައްޔަރުކުރި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގެ އޮފިސަރު ކަނޑާނުލައި، ޑީމޯޓްކުރަން ފުލުހުންގެ އެޕީލް ކޮމިޓީން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޑްރަގްގެ މައްސަލައެއްގައި މީގެ ކުރިން ހައްޔަރުކުރި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގެ އޮފިސަރު ކަނޑާނުލައި، ޑީމޯޓްކުރަން ފުލުހުންގެ އެޕީލް ކޮމިޓީން ނިންމައިފި އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ޑްރަގްސްގެ ސްޓޮކް ބެލެހެއްޓުމުގެ މަސައްކަތްކުރި ހަސަން ޝުޖާއު އާއި އޭނާގެ ލޯބިވެރިޔާ މަރިޔަމް ސަފާ، 31، ހައްޔަރުކުރީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގެ އެޕާޓްމަންޓަކުންނެވެ.

އޭގެ ފަހުން، އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފުލުހުން އެދިގެން އޭނާގެ ބަންދު މަޖިލިސް ސިއްރުކުރީ އެވެ. އެހެންވެ، ބަންދާ މެދު ނިންމި ގޮތެއް އަދި އޭނާ އަށް ކުރާ ތުހުމަތެއް ސާފެއް ނުވެ އެވެ.

އެ މައްސަލައިގައި ފަހުން ޝުޖާއު ސަސްޕެންޑު ކުރި އެވެ. އެކަމަކު، ސަސްޕެންޝަންގެ މުއްދަތު ހަމަވުމުން، ވަޒީފާ އަށް ނުކުންނަން ފެށިއަސް، ޝުޖާއު އޭރު ހުރީ ޒިންމާތަކުން އެކަހެރި ކޮށްފަ އެވެ. މައްސަލަ ބެލުމަށް ފަހު ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ވަނީ އޭނާ ވަޒީފާ އިން ވަކިކުރަން ނިންމައިފަ އެވެ.

ނަމަވެސް، އެނގިފައިވާ ގޮތުގައި، ޝުޖާއު ވަކިކުރަން ޑިސިޕްލިނަރީ ބޯޑުން ނިންމި ނިންމުން، އެޕީލް ކޮމިޓީގައި އޭނާ އިސްތިއުނާފުކުރި އެވެ. އެކަމަކު، އާއްމުން ވެސް ހިމެނޭ ގޮތަށް އުފައްދާފައިވާ އެޕީލް ކޮމިޓީގެ ނިންމުމަކީ ފުލުހުންގެ ހިދުމަތުން ޝުޖާއު ވަކިކުރަން ޑިސިޕްލިނަރީ ބޯޑުން ނިންމި ނިންމުން ބާތިލްކޮށް، މަގާމު ދަށްކުރުމެވެ.

މި މައްސަލަ ފެންމަތިވިއިރު، ޝުޖާއު ހުރީ ސީނިއާ ސާޖެންޓަކަށެވެ. އޭނާ ޑީމޯޓުކުރީ ސާޖަންޓް ގްރޭޑު 3ގެ ލެވެލްއަށެވެ.

ފުލުހުން އޭރު ބުނެފައިވާ ގޮތުގައި ޝުޖާއު އަކީ އޮޕަރޭޝަންތަކުގައި އަތުލައިގަންނަ ޑްރަގްގެ ސްޓޮކް ބެލެހެއްޓުމުގެ މަސައްކަތްކުރާ މީހަކަށް ވިޔަސް އެތެރޭގެ އިންތިޒާމުތައް ހުންނަ ގޮތުން އޭނާ އަކަށް ވެސް ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ޑްރަގްސް ނަގައި އޭގެ ބޭނުމެއް ނުކުރެވޭނެ އެވެ.