Roadha Mihaaru
ފުވައްމުލަކުގައި ހަމަނުޖެހުމެއް، 4 ފުލުހަކަށް އަނިޔާވި

ފުވައްމުލަކުގައި ބޮޑު ހަމަނުޖެހުމެއް ހިނގައި ހަތަރު ފުލުހަކަށް އަނިޔާވެއްޖެ

31 ޖުލައި 2023

ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަލްސާ ކުރިއަށް ގެންދަނިކޮށް، އިދިކޮޅު ބަޔަކާއި ފުލުހުންނާ ދެމެދު ރޭ ހިނގި ހަމަނުޖެހުމެއްގައި ހަތަރު ފުލުހަކަށް އަނިޔާވެގެން ފަރުވާދޭން ފަށަައިފި އެވެ.

ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަލްސާ ކުރިއަށް ގެންދަނިކޮށް، އިދިކޮޅު ބަޔަކާއި ފުލުހުންނާ ދެމެދު ރޭ ހިނގި ހަމަނުޖެހުމެއްގައި ހަތަރު ފުލުހަކަށް އަނިޔާވެގެން ފަރުވާދޭން ފަށަައިފި އެވެ.

ފުވައްމުލަކުގައި މި ވަގުތު ހުރި "މިހާރު" ގެ ނޫސްވެރިޔާ ބުނީ، ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާ ދެނީ ފިރިހެން ތިން ފުލުހަކަށާއި އަންހެން ފުލުހަކަށް ކަމަށެވެ. އެ ފުލުހުންނަށް ލިބުނު އަނިޔާގެ ތަފުސީލެއް އަދި ނުލިބެ އެވެ.

މަންޒަރު ދުށް މީހުންނާ ހަވާލާދީ ނޫސްވެރިޔާ ބުނީ، މަސްލަހަތު ގޯސްވީ އެމްޑީޕީގެ ޖަލްސާ އޮތް ތަނާ މާ ދުރު ނޫން ހިސާބެއްގައި ހުރި ކެފޭއެއްގައި ތިބި އިދިކޮޅު މީހުންގެ ތެރެއިން އެކަކު ފުލުހުން ހިފެހެއްޓުމުން ކަމަށެވެ.

"އެ ހިސާބުން މަސްރަހު ގޯސްވެ، ފުލުހުންނާ ދިމާލަށް އާންމުންގެ ބަޔަކު ގާ އުކަން ފެށީ،" ނޫސްވެރިޔާ ބުންޏެވެ.

ފުލުހުން އެ މީހާ ހިފެހެއްޓި ސަބަބެއް ނޭނގެ އެވެ. މި ހަމަނުޖެހުމާ ގުޅޭ ގޮތުން ފުލުހުން އަދި މީޑިއާއާ ވާހަކައެއް ނުދައްކަ އެވެ.

އެސްއޯ ފުލުހުންނާ ދިމާލަށް އާންމުންގެ ބަޔަކު ގާ އުކާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވެސް މިހާރު ދައުރު އެބަވެ އެވެ. އަދި ވެއްޓިފައިވާ އާންމުންގެ މީހަކު ނަގައިގެން ފުލުުހުން ގެންދާ މަންޒަރު ވެސް އެއް ވީޑިއޯއަކުން ފެނެ އެވެ.

ފުވައްމުލަކުގެ ބަޔަކު ފުލުހުންނާ ކުރިމަތި ލުމުން އެ މީހުން ހުއްޓުވަން ފުލުހުން ޕެޕާ ސްޕްރޭ ވެސް ބޭނުންކުރި އެވެ.

ރޭގެ ޖަލްސާ ހިނގަމުން ދިޔައިރު އެ ކެފޭގައި ތިބި އިދިކޮޅު މީހުން ގެންދިޔައީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް އަޑު އުފުލަމުންނެވެ. ރައީސް އިއްޔެ ހަވީރު ފުވައްމުލަކަށް ވަޑައިގަތުމުން ވެސް އިދިކޮޅުން އިހުތިޖާޖު ކުރި އެވެ. އެ އިހުތިޖާޖުގެ ތެރެއިން ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

އިދިކޮޅު ޕާޓީ ޕީޕީއެމުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަންކުރުމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތިއުފާ އަށް ގޮވާ މީހުން "ބާރުގެ ބޭނުންކޮށްގެން ހައްޔަރުކޮށް އަނިޔާކުރުމަކީ" ޑިމޮކްރެސީގެ އަސާސްތަކާ ހިލާފު ފިނޑި އަމަލެއް ކަމަށެވެ.

"އަދި ސޯލިހު ވަޑައިގަންނަވާ ކޮންމެ ރަށަކަށް ފުލުހުންނާއި ސިފައިން ބަރު ހަތިޔާރާއެކު ފޮނުވައި މި ވެރިކަމާ ދެކޮޅަށް އަޑުއުފުލަމުންދާ ރައްޔިތުންނަށް ބިރު ދައްކައި އަނިޔާ ކުރުން ހުއްޓާލުމަށް ވެސް ގޮވާލަމެވެ،" ބަޔާނުގައި ވެ އެވެ.