21 ޖެނުއަރީ 2023
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މިދިޔަ ހަތަރު އަހަރު ފުވައްމުލަކަށް ކޮށްދެއްވި ކަންތައްތަކަށް ބައްލަވައި، އެ މަނިކުފާނަށް ދެއްވާނީ އޭ ޕްލަސް ކަމަށް ފުވައްމުލަކުގެ މޭޔަރު އިސްމާއިލް ރަފީގު މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މިދިޔަ ހަތަރު އަހަރު ފުވައްމުލަކަށް ކޮށްދެއްވި ކަންތައްތަކަށް ބައްލަވައި، އެ މަނިކުފާނަށް ދެއްވާނީ އޭ ޕްލަސް ކަމަށް ފުވައްމުލަކުގެ މޭޔަރު އިސްމާއިލް ރަފީގު މިރޭ ވިދާޅުވެއްޖެ އެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނަށް އެ މަނިކުފާނު ފުވައްމުލަކަށް ވަޑައިގެން ބޭއްވި ޖަލްސާގައި މޭޔަރު އިސްމާއިލް ވިދާޅުވީ، އޭނާ ބޭނުންވަނީ މި ސިޓީ އަށް ހާއްސަ ކޮށްފައިވާ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުން ކަމަށެވެ.
އޭނާ ވިދާޅުވީ، 2013 އިން ފެށިގެން މަސައްކަތްކުރީ ފުވައްމުލަކުގެ ތުނޑިއާ ޖެހިގެން 2.9 ކިލޯމީޓަރުގެ މަގެއް ހެދުމުގެ ކަންތައް ކަމަށާއި އެ ކަން އެތައް ފަހަރަކު ކުރަން ޖެހުނު ކަމަށެވެ.
"މަގުމަތި ކަހައި ސާފުކުރާނެ. ގަސްތައް ކަނޑާނެ. މި ވެރިކަމުގައި އެ މަގުގައި ތާރު އަޅާފައި ރައްޔިތުންނަށް ދައްކާނީ. އެ ޔަގީންކަން އެބައޮތް. އެ ޔަގީންކަމާއެކު އަޅުގަނޑުމެން ނުކުތީ،" މޭޔަރު ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ފުވައްމުލަކުގެ މޭޔަރު އިސްމާއިލް ވާހަކަ ދައްކަވަނީ.
އޭނާ ވިދާޅުވިގޮތުގައި ކޮވިޑް-19 ގެ ބަލިމަޑުކަން އެންމެ ބޮޑު ދުވަސްވަރު ފުވައްމުލަކުގެ އެތެރޭގެ މަގުތައް ހަދަން ފަށާނެ ކަމަށް އެއްވެސް މީހަކު ގަބޫލެއް ނުކުރެ އެވެ. އެކަމަކު، އެ މަޝްރޫއު ވެސް ފަށައި 18.5 ކިލޯމީޓަރު ވަރަށް އަވަހަށް ނިންމާލާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.
"އެހެންވީމާ އެކަމަށްޓަކައި އެ ޔަގީންކަން ލިބިގެން މިއަދު އަޅުގަނޑު ރައީސް އިބޫއާއެކު މި ނުކުތީ. މި ގޮތަށް ބައިވަރު ޕްރޮޖެކްޓް އެބަހުރި،" އިސްމާއިލް ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު މަސައްކަތް ކުރަން ވަރަށް ފަސޭހަ ކަމަށާއި ފުވައްމުލަކުގެ މީހުން އެދޭ ކަންކަން ކޮށްދެއްވާ ކަމަށެވެ. ހަމައެކަނި އަޑުއައްސަވާފައި ރައީސް ނިންމައި ނުލައްވާ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.
އެއް ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ފުވައްމުލަކުގެ ހައުސިން މަޝްރޫއެވެ. ސަރުކާރުން ފުރަތަމަ ހާއްސަކުރީ 200 ހައުސިން ޔުނިޓް ކަމަށް ވިޔަސް އިތުރު 200 ޔުނިޓް ހަދައި ދިނުމަށް ކައުންސިލުން އެދުމުން އެ ކަން ރައީސް ކޮށްދެއްވި ކަމަށެވެ.
"އެ ކަންތައް އެ އޮތީ އިއުލާން ކޮށްދެއްވާފައި. މިހާރު ޓެންޑަ ބޯޑުގައި. ޝުކުރިއްޔާ ރައީސް. އެ ފަސޭހަކަމާއެކު މަސައްކަތް ކުރެވޭނެކަން އެނގޭތީ އަޅުގަނޑު ރައީސާއެކު ނުކުތީ،" މޭޔަރު ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން އޮފީސް ފުވައްމުލަކުގައި ހުޅުވަން މިރޭ ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.
އޭނާ ދެން ފާހަގަ ކުރެއްވީ ފުވައްމުލަކުގެ މަގު ހެދުމުގެ މަޝްރޫއުގެ ވާހަކަ އެވެ. މި ސިޓީގެ މަގުތަކުގައި ރަނގަޅު ފެންވަރަކަށް ތާރު އެޅުމުގެ ދެވަނަ ފިޔަވަހީގެ ދަށުން 10 ކިލޯ މީޓަރުގެ ސަރަހައްދެއް ހަދަން ފުރަތަމަ ވާހަކަ ދެއްކެވުނު ނަމަވެސް ކައުންސިލުން ފަހުން ބޭނުންވީ 12 ކިލޯ މީޓަރުގެ މަގު ނިންމަން ކަމަށް އިސްމާއިލް ވިދާޅުވި އެވެ. އެކަމަކު، ކައުންސިލުން ބޭނުންވި ގޮތަށް ސަރުކާރުގެ ތެރެއިން ވަކި ހިސާބަކުން ކުރިއަށް ނުދިއުމުން އެ ވާހަކަ ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެންނެވި ކަމަށް މޭޔަރު ވިދާޅުވި އެވެ.
"އެ ކަންތައް [ރައީސް] ކޮށްދެއްވި. އެހެންވީމާ އަޅުގަނޑަށް އެނގޭ ރައީސަކީ ޔަގީނުން ވެސް ފުވައްމުލަކުގެ ތަރައްގީ އަށް އިސްކަން ދެއްވާ ބޭފުޅެއްކަން. އަދި ހަމަ ރާއްޖޭގެ ހުރިހާ ރަށެއްގެ ތަރައްގީ އަށް ވެސް އިސްކަން ދެއްވާ ބޭފުޅެއްކަން. ހަމައެކަނި މާލެއެއް ނޫންކަން. އެ ކަމަށްޓަކައި އަޅުގަނޑު ރައީސާއެކު މި ހުރީ،" އިސްމާއިލް ވިދާޅުވި އެވެ.
އޭނާ މި ފަހަރުގެ ރިޔާސީ ޕްރައިމަރީގައި ފުވައްމުލަކުގެ އަޣުލަބިއްޔަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހޯދައިދޭނެ ކަމަށެވެ. އަދި މި އަހަރުގެ ރިޔާސީ އިންތިހާބު އެ މަނިކުފާނު ކާމިޔާބު ކުރައްވައި، ފުވައްމުލަކުގެ މީހުން ބޭނުންވާ ތަރައްގީ ހޯއްދަވައި ދެއްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް މޭޔަރު ވިދާޅުވި އެވެ.
ފުވައްމުލަކުގެ 65 ޕަސެންޓް ނަންގަވާނީ ރައީސް: މޭޔަރު
އެހެން އިންތިހާބުތައް ކާމިޔާބުކުރަން 2023 މުހިންމު!
ރައީސް ފުވައްމުލަކަށް، މާދަމާ ހުވަދު އަށް
ފައްޔާޒުގެ ވަރުގަދަ އިންޒާރެއް އިދިކޮޅަށް!
ފުވައްމުލަކަށް ރައީސްގެ ބޮޑު ދެ ވައުދެއް!
ރައީސަށް ފުވައްމުލަކުން ހޫނު މަރުހަބާއެއް
އުންމީދުތަކާ އެކު ފުވައްމުލަކަށް ސިޔާސީ އީދެއް!
ހިޔާލު ތަފާތު ވިޔަސް، މިއީ އެމްޑީޕީ އެކުވާންވީ ވަގުތު
އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސަށް އަރުވައިފި
ފަސްޖެހުމެއް ނެތް، ރައީސާ އެކު އެމްޑީޕީ ކާމިޔާބުކުރާނެ