Roadha Mihaaru
އަލްހާން މަރާލި މީހަކަށް ދެ ލައްކަ ރުފިޔާ ހުށަހަޅައިފި

އަލްހާން މަރާލި މީހަކަށް ދެ ލައްކަ ރުފިޔާ ހުށަހަޅައިފި

26 އެޕްރީލް 2023

ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު، އަދި ކިންގްސް ކެޕިޓަލް [ފޮރެކްސް]ގެ އެއް ހިއްސާދާރު އަލްހާން ފަހުމީ މަރާލި މީހަކަށް 200،000ރ. ދޭނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބަޔަކު އިނާމެއް ހުށަހަޅައިފި އެވެ.

ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު، އަދި ކިންގްސް ކެޕިޓަލް [ފޮރެކްސް]ގެ އެއް ހިއްސާދާރު އަލްހާން ފަހުމީ މަރާލި މީހަކަށް 200،000ރ. ދޭނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބަޔަކު އިނާމެއް ހުށަހަޅައިފި އެވެ.

ހިންގަނީ ކޮން ބައެއްކަން ނޭނގޭ ޓެލެގްރާމް ގުރޫޕެއްގައި ބުނެފައި ވަނީ އަލްހާން މަރާލި މީހަކަށް 200،000ރ. ދޭން ތައްޔާރު ކަމަށާއި އެކަމާ އެ ގްރޫޕްގެ އެޑްމިން އަށް މެސެޖް ކުރުމަށް އެދޭ ކަމަށެވެ.

އެ މައްސަލަ ބަލައިދިނުމަށް، އަލްހާން ވަނީ ފުލުހުންނާއި ހޯމް މިނިސްޓަރު އިމްރާންގެ ކިބައިން ވެސް އެދިފަ އެވެ.

ވަރަށް ގިނަ ބަޔެއްގެ އަތުން ފައިސާ ނަގައިގެން، އަލްހާން ވަނީ ފޮރެކްސް ސްކީމްތަކެއް ހިންގައިފަ އެވެ. ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތައް ދައްކާ ގޮތުން 1،864 މީހެއްގެ އަތުން އޭނާ 98 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނެގި އެވެ. އެކަމަކު، އެއީ ރާއްޖޭގެ ގާނޫނުތައް ހުއްދަ ނުކުރާ ކަމެއްކަމަށް ވާތީ، ކަމާ ބެހޭ އިދާރާތަކުން އެކަން މަނާކުރުމާ ގުޅިގެން، އެ ފައިސާ އިންވެސްޓަރުންނަށް ދިނުމަށް އޭނާ ވަނީ ނުކުޅެދިފަ އެވެ. އެ ސްކީމް އޭނާ ހުއްޓާލަން މަޖުބޫރުވީ މީގެ އަހަރެއްހާ ދުވަސްކުރިންނެވެ. އެ ފައިސާ އަނބުރާ ނުލިބިގެން އޭނާ އަށް ވަރަށް ގިނަ އިންޒާރުތައް ލިބެމުންދާ ކަމަށް އަލްހާން ވެސް ވަނީ ބުނެފަ އެވެ.

ފޭދޫ ދާއިރާގެ މެމްބަރު ކަމުގައި ހުއްޓާ އޭނާ އަށް ފެބްރުއަރީ 2014 ގައި ވަނީ ބަޔަކު ގޮސް ވަޅި ހަރައި ވަރަށް ބޮޑަށް ޒަހަމް ވެސް ކޮށްލައިފަ އެވެ. އެ ހަމަލާގެ ސަބަބުން އޭނާގެ މައިބަދައިގެ ބޮޑު އޮޕަރޭޝަނެއް ވެސް ވަނީ ކޮށްފަ އެވެ. އެ ހަމަލާއާ ގުޅިގެން އޭނާގެ ވާތު ފައިގެ ވާގި ނެތުނެވެ.

ކިންގްސް ކެޕިޓަލް އިން ވަނީ ހަމަ އޭގެ ސްކީމެއް ހިންގަން މީގެ މަހެއްހާ ދުވަސްކުރިން އިއުލާންކޮށް ޕެކޭޖްތަކެއް ވެސް ހަދައިފަ އެވެ. އެކަމަކު، ފަހުން އެ ސްކީމް ވަނީ އަނެއްކާ ވެސް ހުއްޓާލައިފަ އެވެ.