Roadha Mihaaru
މީހެއްގެ އިނގިލި ބުރިކުރި މައްސަލާގައި ދެ ސިފައިން

މީހަކު ރަހީނުކޮށް އިނގިލި ބުރިކުރި މައްސަލާގައި ސިފައިންގެ ދެ މީހަކު ހައްޔަރު

18 ސެޕްޓެމްބަރ 2024

މާލޭގައި މީހަކު ރަހީނުކޮށް އިނގިލި ބުރިކޮށްލި މައްސަލާގައި ތުހުމަތު ކުރެވޭ ފަސް މީހުންގެ ތެރޭގައި ސިފައިންގެ ދެ މީހަކު ހިމެނޭ ކަމަށް ފުލުހުން ބުނެފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

މާލޭގައި މީހަކު ރަހީނުކޮށް އިނގިލި ބުރިކޮށްލި މައްސަލާގައި ތުހުމަތު ކުރެވޭ ފަސް މީހުންގެ ތެރޭގައި ސިފައިންގެ ދެ މީހަކު ހިމެނޭ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މި މައްސަލާގެ ތަހުގީގު ފެށީ އަނިޔާ ލިބުނު މީހާ ބޮޑެތި ޒަހަމްތަކަކާ އެކު ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔުމާ އެކު އެތަނުގެ ޑިއުޓީގައި ތިބި ފުލުހުންގެ ސަމާލުކަމަށް އައި ހިސާބުންނެވެ. އަނިޔާ ލިބުނު މީހާ ހޮސްޕިޓަލަށް ގެންދިޔައީ އޭނާގެ މަންމަ އެވެ.

އަނިޔާ ލިބުނު 30 އަހަރުގެ މީހާއަށް ޖިސްމާނީ ބޮޑެތި އަނިޔާތަކެއް ދީފައިވާއިރު ވާތު ލޮލަށް ވަރަށް ބޮޑަށް ލޭއަރާފައި ހުއްޓެވެ. އެމީހާގެ ހަށިގަނޑުގެ އެކި ތަންތަނުގައި އަލިފާން ޖައްސައި، މާރާމާރީ ހިންގިކަމުގެ ޒަހަމްތައް ހުއްޓެވެ. އަދި އޭނާގެ ވާތުގެ އިނގިއްޔެއްގެ ދެވަނަ ބަދައިން ފެށިގެން ތިރި ބުރިކޮށްލާފައިވެ އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. ކަނދޮޅުދޫ މެހުރާ، އަލީ ސާމީ އާދި ގދ. ގައްދޫ ހުދުވެލި، އަހުމަދު ސާއިފް ވަހީދާއި ތ. ތިމަރަފުށީ އުތުރުގެއާގޭ، މުހައްމަދު ނަހުޝާން ހުސެއިނާއި ކ. މާފުށީ ފުލްމޫން، މުހައްމަދު ނަފާހް އަދި ލ. ގަން ތުނޑީ އަވަށު ލިންކް، އަހުމަދު ޒަޔާނެވެ.

މީގެ ތެރެއިން ނަފާހް އަދި ޒަޔާން އަކީ އެމްއެންޑީއެފްގެ ދެ އޮފިސަރުންނެވެ. ދެން ތިބި މީހުންނަކީ މަސްތުވާތަކެތީގެ ކުށުގެ ރެކޯޑް އޮތް މީހުންނެވެ. ހައްޔަރުކުރި ފަސް މީހުންގެ ތެރެއިން ހަތަރު މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވާއިރު ނަފާހު ބަންދުކޮށްފައިވަނީ މައްސަލާގެ ތަހުގީގު ނިމެންދެނެވެ.

މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ މި މައްސަލާގައި އެމްއެންޑީއެފްގެ ދެ އޮފިސަރަކު ހިމެނޭތީ އެކަން އެމްއެންޑީއެފްއަށް އަންގާފައިވާނެ ކަމަށާއި އެ އޮޕިސަރުންނާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.

މި އަމަލު ހިންގުމުގައި 18 އަހަރު ނުފުރޭ ތިން ކުއްޖެއްގެ ބައިވެރިވުން ވެސް އެބަ އޮތް ކަމަށާއި އެކަން ވެސް ބަލަމުންދާ ކަމަށް ޝިފާއު ވިދާޅުވި އެވެ.

އަނިޔާ ލިބުނު މީހާ ރަހީނުކޮށް އަނިޔާކުރީ ޝިފާއު ވިދާޅުވި ގޮތުގައި ތުހުމަތު ކުރެވޭ މީހުންގެ ނަމުގައި ކުއްޔަށް ނަގާފައިވާ ދެ އެޕާޓްމެންޓެއްގަ އެވެ. އެ މައްސަލާގެ ތުހުމަތު ކުރެވޭ މީހުންނަކީ އަނިޔާ ލިބުނު މީހާ މެދުވެރިކޮށް މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބައެއް ކަން ފާހަގަ ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ އެޕާޓްމެންޓުން މަސްތުވާތަކެތި ބަންދުކުރާ ޕެކެޓްތަކާއި ކައްޓާ ވެސް ފެނިފައިވާ ކަމަށް ޝިފާއު ވިދާޅުވި އެވެ. އަދި އެތަނުގައި އޮތް ވޮލެޓެއް ތެރެއިން މަސްތުވާތަކެތި ފެނުނުއިރު ބަނގުރާ ފުޅި ވެސް އެތަނުން ފެނިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.