ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް މިދިޔަ ޖުލައި މަހު ހައްޔަރުކުރި މެލޭޝިއާ މީހާ އުޅުނީ އިތުރު ބަޔަކާ ގުޅިގެން އިނގިރޭސިވިލާތަށް މަސްތުވާތަކެތި އެތެރެކުރަން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
18 ސެޕްޓެމްބަރ 2024
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް މިދިޔަ ޖުލައި މަހު ހައްޔަރުކުރި މެލޭޝިއާ މީހާ އުޅުނީ އިތުރު ބަޔަކާ ގުޅިގެން އިނގިރޭސިވިލާތަށް މަސްތުވާތަކެތި އެތެރެކުރަން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވަނީ އެ މީހާ އާއި އެކަމުގައި އޭނާއަށް އެހީތެރިވި މީހެއްގެ ވަނަވަރު އާންމުކޮށްފަ އެވެ. އެ މައްސަލާގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރީ މެލޭޝިއާގެ ދެ މީހުން ކަމަށްވާ އެން ޖީ ތަމް ލިޕާއި ކޯ ހުއާން ބޫން އެވެ.
މިއަދުގެ ޕްރެސް ކޮންފަރެންސްގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިޑެންޓެޑް އޮފް ޕޮލިސް ނިހާދު ހުސެއިން ވިދާޅުވީ އެން ޖީ ތަމް ލިޕަކީ އެމިރޭޓްސްގެ ފްލައިޓަކުން ރާއްޖެ އައި މެލޭޝިއާގެ މީހެއް ކަމަށާއި އޭނާގެ ލަގެޖް ކަސްޓަމްސުން ފާސް ކުރިއިރު 13.5 ކިލޯގެ ކެނަބިސް ފެނުނު ކަމަށެވެ.
ކަސްޓަމްސް އިން ކުރިން ބުނެފައިވާ ގޮތުގައި ދަތުރުކުރި ރޫޓް އޮޅުވާލަން ވެސް އޭނާ މަސައްކަތް ކޮށްފައިވެ އެވެ. އޭނާގެ އަތުން ފޭކް ޓިކެޓެއް ފެނުނު ކަމަށާއި އަދި އޭނާ ރާއްޖެ އައީ ބެންކޮކުން ފުރައިގެން ދުބާއީ މަގުން ކަމަށް ކަސްޓަމްސުން ބުނެފައިވެ އެވެ. އަދި އޭނާ ރާވާފައި އޮތީ ރާއްޖެ މަގުން މެލޭޝިއާއަށް ދިއުމަށް ކަމަށް ވެސް ކަސްޓަމްސުން ބުނެފައިވެ އެވެ.
އެ މައްސަލާގައި ދެން ހައްޔަރުކުރި ކޯ ހުއާން ބޫން އަކީ އެ ތަކެއްޗާ ރާއްޖެއިން ހަވާލުވެ، ރީޕެކްކުރުމަށް ފަހު، އެ ތަކެތި ރާއްޖެއިން ބޭރުކުރަން ހަމަޖައްސާފައި ހުރި މީހާ އެވެ.
ފުލުހުންގެ ޕްރެސް ކޮންފަރެސްގައި ސުޕްރިޑެންޓެޑް އޮފް ޕޮލިސް އަދި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑް ނިހާދު ހުސެއިން ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ނިހާދު ވިދާޅުވީ އެ ދެ މީހުންނާއި އެހެން ބަޔަކު މުއާމަލާތް ކުރުމަށް ވީޗެޓް ގްރޫޕެއް ވެސް ހަދާފައިވާ ކަމަށެވެ. އަދި އެ ވީޗެޓް ގްރޫޕްގައި ހަތް މީހަކު ތިބި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނިހާދު ވިދާޅުވި ގޮތުގައި އެ ރޭ ރާއްޖެ އައި މެލޭޝިއާ މީހާ މާލޭގައި ހުރުމަށް ރިޒަވޭޝަން ހަދާފައިވަނީ ވެސް އެ މަސްތުވާތަކެއްޗާ ހަވާލުވާން ދާ ގޮތަށް ހަމަޖައްސާފައިވާ މީހާ ހުރި ހޮޓަލުގަ އެވެ. ދެވަނަ މީހާ ރާއްޖެ އައީ މަސްތުވާތަކެތި އެތެރެ ކުރުމުގެ އެއް ދުވަސް ކުރިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ތަހުގީގަށް އެނގުނު ގޮތުގައި މި ދެމީހުންނަކީ ވެސް ދުނިޔޭގެ އެކި ގައުމުތަކަށް މަސްތުވާތަކެތި ފޯރުކޮށް ދިނުމުގައި އިސްކޮށް އުޅޭ ބައެއް." އޭނާ ވިދާޅުވި އެވެ.
"މި މަސްތުވާތަކެއްޗަކީ ވެސް ޔޫކޭއަށް ގެންދަން މި މީހުން ރާވާފައި އޮތް މަސްތުވާތަކެތި ކަމަށް ފާހަގަ ކުރެވުނު." އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި މައްސަލާގައި ހިމެނޭ ގައުމުތަކުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ފުލުހުން މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އިންޓަޕޯލްއާ މުއާމަލާތްކޮށް ވެސް މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މެލޭޝިއާއިން ރާއްޖެއަށް މަސްތުވާތަކެތި ގެނައި ދިވެއްސެއް މި މަހު 16 ވަނަ ދުވަހު ވަނީ ހައްޔަރުކޮށްފަ އެވެ. އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ސ. ހިތަދޫ މީހެއް ކަމަށްވާ އަހުމަދު އަހުސަނެވެ. އެވެ. އޭނާ އަތުން އަތުލައިގަތީ ތިން ކިލޯގެ ހެރޮއިން އާއި 315 ގްރާމްގެ މެތާއި 215 ގްރާމުގެ ސިންތެޓިކް ކެތިނޯން އެވެ.
ކިލޯއެއްގެ މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފި
ޖޫރިމަނާހޯދުމުގެ ނިޒާމެއް ޑްރަގް ޑީލަރުންނަށް ނުހިނގާ!
ވައިގެ މަގުން ޑްރަގް ގެނައި މީހަކު ހައްޔަރުކޮށްފި
ޑްރަގާއެކު ހައްޔަރުކުރުމުން ބުނީ ބައްޕަގެ އެއްޗެއްކަމަށް
ބިލިއަން ރުފިޔާގެ ޑްރަގް މައްސަލަ: ބަންދު އިތުރުކޮށްފި
ރަހީނުކޮށްގެން ގެންގުޅުނު ފްލެޓްގައި އަނެއްކާ ރެއިޑެއް!
ރާއްޖެއަށް ވަން ލަންކާގެ ބޯޓަކުން 468 ކިލޯގެ ޑްރަގު
ދެ ކިލޯ ޑްރަގް ގެނައި އިންޑިއާގެ ދެމަފިރިއަކު ހައްޔަރު
ރާއްޖެ އެތެރެކުރި 3.5 ކިލޯގެ ޑްރަގްސް އަތުލައިގެންފި
ރާއްޖެ އެތެރެކުރި 11 ކިލޯގެ ޑްރަގް އަތުލައިގެންފި