Roadha Mihaaru
އަލްހާނަށް ހަމަލާދިން މީހާ ހަތް އަހަރަށް ޖަލަށް

އަލްހާނަށް ހަމަލާދިން މީހާ ހަތް އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

13 އޮކްޓޯބަރ 2019

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އަށް ހަމަލާދިން މީހާ ހަތް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އަށް ހަމަލާދިން މީހާ ހަތް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އަލްހާނަށް 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހު، ތޫނު އެއްޗަކުން ހަމަލާދިނީ ހެންވޭރު އާޓިފިޝަލް ބީޗް ސަރަހައްދުގައި އޭރު ހުރި ބްރޭކްވޯޓާ ރެސްޓޯރެންޓްގައި އޭނާ އިންނަވަނިކޮށެވެ. އަލްހާން ބުރަކަށްޓަށް ދިން އެ ހަމަލާގައި އޭނާގެ މައިބަދައަށް ގެއްލުންވެ، ރާއްޖެއިން ބޭރުގައި ވެސް ފަރުވާ ހޯދަން ޖެހުނެވެ. އެ މައްސަލާގައި ދައުލަތުން ދައުވާކުރީ ސ. ހިތަދޫ އުލްފާ މަންޒިލް، މުހައްމަދު ނަސީމްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައިވަނީ ނަސީމް އެ ދައުވާ އަށް އިންކާރު ކުރިޔަސް، އަލްހާނަށް ހަމަލާދިނީ ނަސީމް ކަމަށް ސިއްރު ހެކިވެރިއަކު ހެކިބަސް ދީފައިވާ ކަމަށެވެ. އަދި އެ ހާދިސާ އަށް ފަހު އެ ސަރަހައްދު ގެއެއްގެ ތެރެއިން ލޭ ހޭކިފައި އޮތް ވަޅިއެއް ފެނުނު ކަން ހެކިންގެ ބަހުން އެނގޭއިރު އެ ވަޅި އަކީ ނަސީމްގެ އަތުގައި އޮތް ވަޅި ކަމަށް ސިއްރު ހެކިވެރިޔާ ބުނެފައިވާ ކަމަށާއި އަދި އެ ވަޅީގެ ތަހުލީލުތައް ހެދިއިރު އެ ވަޅިން އަލްހާންގެ ޑީއެންއޭ ފެނުނު ކަން ފޮރެންސިކް ތަހުލީލުތަކުން އެނގޭ ކަމަށް ހުކުމުގައިވެ އެވެ.

މީގެ އިތުރުން ހަމަލާ ދިން މީހާ ދުވެފައި ދަނިކޮށް އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތަކުން ފެންނަ މީހާ އާއި ނަސީމާ އެއްގޮތް ތިން ސިފައެއް އެކުލެވޭ ކަމަށް ވީޑިއޯ އެނަލިސިސް ރިޕޯޓުން އެނގޭ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި ހަމަލާ ދިނުމަށް ފަހު އެ ސަރަހައްދުގައި ހުރި ގެއެއްގެ ތެރޭގައި ނަސީމް ފިލަން ވަދެ ހުއްޓާ ހައްޔަރު ކުރިކަން އެހެން ހެކިންގެ ބަހުން އެނގޭތީ ހެކިންގެ ހެކިބަހާއި ގުޅިފައިވާ ގަރީނާތަކުން ނަސީމްގެ މައްޗަށް އެ ކުށް ސާބިތުވާ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

އެހެންވެ، ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން މީހެެއްގެ ހަށިގަނޑަށް ގެއްލުން ދިނުމުގެ ކުށުން ނަސީމް ކުށްވެރިވާ ކަމަށް ކަނޑައަޅައި، އެ ކުށުގެ އަދަބެއްގެ ގޮތުން އޭނާ ފަސް އަހަރަށް ޖަލަށް ލުމަށާއި އަދި އެ ކުށް ކުރުމުގައި ތޫނު ހަތިޔާރެއް ބޭނުން ކޮށްފައިވާތީ އެ ގާނޫނުގެ ދަށުން އިތުރު ދެ އަހަރުގެ ޖަލު ހުކުމަކާ އެކު، ޖުމްލަ ހަތް އަހަރަށް ނަސީމް ޖަލަށްލާން ހުކުމްކުރާ ކަމަށް އެ ހުކުމުގައިވެ އެވެ.

އަލްހާނަށް ހަމަލާދިން މައްސަލާގައި އިތުރު މީހެއްގެ މައްޗަށް ވެސް ދައުވާކުރަން ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި އެވެ. އެކަމަކު ހެކި ނެތުމުން އޭނާގެ މައްޗަށް ދައުވާއެއް ނުކުރެ އެވެ.