Roadha Mihaaru
އިނގިލިތައް ބުރިކޮށްލާނެ ކަމުގެ އިންޒާރުދީ ފޭރިއްޖެ

އިނގިލިތައް ބުރިކޮށްލާނެ ކަމުގެ ބިރު ދައްކައިގެން ފައިސާ ފޭރިއްޖެ

20 ސެޕްޓެމްބަރ 2024

ފައިސާ ނުދީފި ނަމަ އިނގިލިތައް ބުރިކޮށްލާނެ ކަމަށް އިންޒާރުދީ، ބިރުދައްކައިގެން ބިދޭސީންތަކެއްގެ އަތުން ފޭރުނު ދެ ދިވެއްސަކު ފުލުހުން ރޭ މާލެ އިން ހައްޔަރުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ފައިސާ ނުދީފި ނަމަ އިނގިލިތައް ބުރިކޮށްލާނެ ކަމަށް އިންޒާރުދީ، ބިރުދައްކައިގެން ބިދޭސީންތަކެއްގެ އަތުން ފޭރުނު ދެ ދިވެއްސަކު ފުލުހުން ރޭ މާލެ އިން ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ރޭ ރަސްފަންނުގައި ތިބި ބިދޭސީންތަކަކަށް ވަޅިން ބިރުދައްކައި، ފައިސާ ނުދީފި ނަމަ އެ މީހުންގެ އިނގިލިތައް ބުރިކޮށްލާނެ ކަމަށް އިންޒާރުދީ، އެ ތަނުން މީހެއްގެ ވޮލެޓުގައި ހުރި ފައިސާ ފޭރުނު މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެ މައްސަލާގައި ފުލުހުން ވަނީ ރޭ ދެ މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ:

- ސ. ހިތަދޫ އަތިރީއާގެ، އަހުމަދު ސިވާތު، 37

- ސ. ހިތަދޫ ޑިލައިޓްފޭސް، މުހައްމަދު ސާލިމް، 37

ފުލުހުން ބުނީ ބިދޭސީ މީހާގެ އަތުން އެ ދެމީހުން ފޭރުނު ފައިސާ ހޯދާފައިވާ ކަމަށެވެ.

ރޭ ދަންވަނިކޮށް، ޗާންދަނީ މަގުން ބިދޭސީއެއްގެ ފޯނު ފޭރުނު ދިވެއްސެއް ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

ބިދޭސީއެއްގެ ފޯނު ފޭރިގެން ހައްޔަރުކުރި މީހާ.

ބިދޭސީއެއްގެ ފޯނު ފޭރިގެން ހައްޔަރުކުރި މީހާ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ލ. މާމެންދޫ ރިހިވެލި، އަހްމަދު ނިޒާރު، 31 އެވެ.

ފުލުހުން ބުނީ ބިދޭސީއެއްގެ ފޯނު ފޭރުނު އެ މީހާ ހިފަހައްޓައި ފުލުހުންނާ ހަވާލުކުރީ އާންމުންގެ އެހީތެރިކަމާ އެކު ކަމަށެވެ. އަދި ފުލުހުން ސީނަށް ދިޔައީ ވެސް އާންމުންގެ ބަަޔަކު އޭނާ ހިފަހައްޓައިގެން ތިބި ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.

"އާންމުންގެ އެހީތެރިކަމާ އެކު އެ މީހާ ހައްޔަރުކޮށް، ފޯނު ވަނީ ވެރިފަރާތާ ހަވާލުކޮށްފައި،" ފުލުހުން ބުންޏެވެ.