Roadha Mihaaru
ސޫދާނުގެ ހަމަނުޖެހުން: ސައޫދީގެ އެހީތެރިކަން ބޮޑު

ސޫދާނުގައި ތާށިވެފައި ތިބި އެކި ގައުމުތަކުގެ މީހުން ސައުދީން ސަލާމަތްކޮށްދީފި

25 އެޕްރީލް 2023

ޖިއްދާ (އޭޕްރީލް 25) - ދާހިލީ ހަނގުރާމައެއްގެ ހުޅުގަނޑު ރޯވެފައިވާ ސޫދާނުގައި، ތާށިވެފައި ތިބި އެ ގައުމުން ބޭރުގެ މީހުންގެ ތެރެއިން ވިއްސަށް ވުރެ ގިނަ ގައުމުތަކުގެ 350 އަށް ވުރެ ގިނަ މީހުނަށް ސައުދީ އަރަބިއާ އިން ސަލާމަތްތެރިކަން ފޯރުކޮށްދީ، އެ ގައުމުގެ ޖިއްދާ އަށް ގެންގޮސްފި އެވެ.

ޖިއްދާ (އޭޕްރީލް 25) - ދާހިލީ ހަނގުރާމައެއްގެ ހުޅުގަނޑު ރޯވެފައިވާ ސޫދާނުގައި، ތާށިވެފައި ތިބި އެ ގައުމުން ބޭރުގެ މީހުންގެ ތެރެއިން ވިއްސަށް ވުރެ ގިނަ ގައުމުތަކުގެ 350 އަށް ވުރެ ގިނަ މީހުނަށް ސައުދީ އަރަބިއާ އިން ސަލާމަތްތެރިކަން ފޯރުކޮށްދީ، އެ ގައުމުގެ ޖިއްދާ އަށް ގެންގޮސްފި އެވެ.

ދެކަފި ވެފައިވާ ސޫދާންގެ އަސްކަރިއްޔާގެ ދެ ގޮފީގެ ދެމެދުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން، އެ ގައުމުގެ ބައިނަލްއަގުވާމީ އެއާޕޯޓްތައް ވަނީ ބަންދުކޮށްފަ އެވެ. އެހެންވެ، އެކި ގައުމުތަކުގެ ޑިޕްލޮމެޓުންނާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކަށް ނިސްބަތްވާ މީހުންނަށް ސޫދާން ދޫކޮށް ދިއުމުގައި ވަނީ ހުރަސްތައް ކުރިމަތި ވެފަ އެވެ.

ރަތްކަނޑު ގުޅުވައިދޭ ސޫދާންގެ ބަނދަރަކުން ސައުދީގެ ކަނޑުގެ އަސްކަރީ މަނަވަރެއް ފޮނުވައިގެން ސައުދީގެ ސަރުކާރުން ވަނީ ސޫދާނުގައި ތިބި އެހެން ގައުމުތަކުގެ މީހުންނަށް އެހީތެރިވެ ދީފަ އެވެ.

މިހާތަނަށް ޖުމުލަ 356 މީހުން ސައުދީން ވަނީ ސަލާމަތްތެރިކަމާއެކު ސޫދާނުން ނެރެގެން ޖިއްދާ އަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ގިނައީ އެހެން ގައުމުތަކުގެ މީހުންނެވެ. ސައުދީގެ މީހުންގެ އަދަދަކީ 101 އެވެ. ބާކީ 255 މީހުން ނިސްބަތް ވަނީ 26 ގައުމަކެވެ.

ސައުދީން ސަލާމަތް ކުރި މީހުންގެ ތެރޭގައި އެމެރިކާ އާއި އިނގިރޭސި ވިލާތާއި ސްވިޑެން އާއި އިޓަލީ އާއި ގަތަރާއި ސީރިއާ އާއި ނެދަލެންޑްސް އާއި އިރާގާއި، ތުރުކީ އާއި ޓެންޒޭނިއާ އާއި ލުބުނާން އަދި ލީބިޔާގެ ރައްޔިތުން ހިމެނެ އެވެ.

ސޫދާނުން ސަލާމަތްކޮށްގެން ގެނައި މީހަކު ޖިއްދާ އަށް އައުމުން މަރުހަބާ ކިޔަނީ

ސޫދާނުން ސަލާމަތްކޮށްގެން ގެނައި މީހަކު ޖިއްދާ އަށް އައުމުން މަރުހަބާ ކިޔަނީ

ސޫދާންގެ އަސްކަރިއްޔާއިން ބުނީ އެ ގައުމުގައި ތިބި އެހެން ގައުމުތަކުގެ މީހުން ގައުމު ދޫކޮށްދާން ފުރުސަތު ދޭނެ ކަމަށެވެ. ނަމަވެސް މަގުތަކުގައި ވެސް ހަމަނުޖެހުން ހިންގަމުންދާތީ ގިނަ ބަޔަކު ތިބީ ގެއިން ބޭރަށް ނުކުންނަށް ވެސް ނުކެރިފަ އެވެ.

ސައުދީން ރަތްކަނޑުގެ ބަނދަރަށް އެހެން ގައުމުތަކުގެ މީހުން ގެންދިޔައީ، އެ މީހުން ދިރިއުޅޭ ގެތަކުން ނެރެގެން ސަލާމަތްތެރި އެހެން ތަނަކަށް އެންމެން ގެންދިއުމަށް ފަހު އެވެ.

"ސޫދާނުގެ ހަމަނުޖެހުންތަކުގައި ތާށިވެފައި ތިބި އެހެން ގައުމުތަކުގެ މީހުން ރައްކާތެރިކަމާއެކު އެ މީހުންގެ މަންޒިލްތަކަށް ގެންދިއުމަށް ސައުދީ އަރަބިއްޔާ އިން ކުރަމުންދާ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާނަން،" ސައުދީގެ ހާރީޖީ ވުޒާރާ އިން ނެރުނު ބަޔާނެއްގައި ވެ އެވެ.

މި މަހުގެ 15 އިން ފެށިގެން ސޫދާންގެ ހިނގަމުންދާ ހަމަނުޖެހުންތަކުގައި 400 އަށް ވުރެ ގިނަ މީހުން މަރުވެ 350 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމް ވެފަ އެވެ.