Roadha Mihaaru
ޗެކް ބައުންސްވި އުމްރާ ކުންފުނި "ގެއްލިއްޖެ"

ޗެކް ބައުންސްވި ހައްޖު/އުމްރާ ކުންފުނި މިނިސްޓްރީ އަށް "ގެއްލިއްޖެ"!

25 އެޕްރީލް 2023

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕްގެ އުމްރާވެރިންގެ ފްލައިޓް ޗާޓަރުކޮށްދީ، ޓިކެޓް ނަގައި ދިނުމަށް މެދުވެރިވި ކުންފުންޏަށް ދޫކުރި ޗެކް ބައުންސްވެ، އެ ފައިސާ ނުދައްކާ މައްސަލަ ފެންމަތިވެފައިވާއިރު، އިސްލާމިކް މިނިސްޓްރީ އަށް ވެސް އެ އުމްރާ ކުންފުނި "ގެއްލިއްޖެ" އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕްގެ އުމްރާވެރިންގެ ފްލައިޓް ޗާޓަރުކޮށްދީ، ޓިކެޓް ނަގައި ދިނުމަށް މެދުވެރިވި ކުންފުންޏަށް ދޫކުރި ޗެކް ބައުންސްވެ، އެ ފައިސާ ނުދައްކާ މައްސަލަ ފެންމަތިވެފައިވާއިރު، އިސްލާމިކް މިނިސްޓްރީ އަށް ވެސް އެ އުމްރާ ކުންފުނި "ގެއްލިއްޖެ" އެވެ.

އަލް މަޝްރައު އުމްރާ ގުރޫޕްގެ ހަވާލުގައި 138 މީހަކު ވަނީ ސައޫދީ އަށް ގެންގޮސްފަ އެވެ. އެކަމަކު، އެ މީހުންގެ ފްލައިޓް ޗާޓަރު ކޮށްދިނުމާއި ޓިކެޓް ނަގައި ދިނުމަށް މެދުވެރިވި ޓްރެވެލް 2 މޯލްޑިވްސް އަށް ދޫކުރި ޗެކް ބައުންސް ވުމުން އެ މީހުން އަނބުރާ ގެނެވޭނެ ގޮތާ މެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

އަލް މަޝްއަރު އުމްރާ ގުރޫޕްގެ ހަވާލުގައި ދެ ބުރެއްގެ މަތިން 138 މީހުން ޖިއްދާ އަށް ގެންދިއުމަށްޓަކައި ފްލައިޓް ޗާޓަރު ކުރުމާއި އެ މީހުންގެ ޓިކެޓްގެ ހަރަދަށް 141،450 ޑޮލަރު އަރާފައި ވެ އެވެ. އެކަމަކު، ކޭޝް ޓްރާންސްފާ ކުރުމުގެ ގެރެންޓީއެއް ކަމަށް ބުނެ އަލް މަޝްއަރު އުމްރާ ގުރޫޕުން، ފްލައިޓް ޗާޓަރު ކުރި ދިވެހި ކުންފުނި، ޓްރެވެލް 2 މޯލްޑިވްސް އަށް ދިން ޗެކް ބައުންސް ވުމުން ބޮޑު މައްސަލަގަނޑުތަކެއް ކުރިމަތިވީ އެވެ.

ތާވަލު ކޮށްފައިވާ ގޮތުން ނަމަ އެ މީހުން އެނބުރި އަންނަން ޖެހެނީ އަންނަ ބުރާސްފަތި ދުވަހު އެވެ.

އެ މައްސަލާގައި "މިހާރު" އިން މިއަދު ސުވާލު ކުރުމުން އިސްލާމިކް މިނިސްޓްރީން ބުނީ، އުމްރާވެރިން މާލެ ގެނައުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ގޮތެއް ލިޔުމުން މިއަދުގެ މެންދުރު 2:00 ގެ ކުރިން އަންގައި ދިނުމަށް އެދި އަލް މަޝްއަރު އުމްރާ ގުރޫޕަށް ސިޓީއެއް ފޮނުވި ކަމަށެވެ. އަދި ފޯނުން ވެސް އެ ގުރޫޕާ ގުޅަން މަސައްކަތް ކުރި ކަމަށް މިނިސްޓްރީން ބުންޏެވެ.

"އެ ކުންފުނިން ފޯނުން ވެސް ލިޔުމުން ވެސް އެއްވެސް ޖަވާބެއް ނުދޭ،" އިސްލާމިކް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ.

"ޓްރެވަލް 2 މޯލްޑިވްސް"ގެ އޮފިޝަލަކު މިއަދު "މިހާރު" އަށް ވިދާޅުވި ގޮތުގައި، ބައުންސްވި ޗެކްގައިވާ އަދަދަށް އަލް މަޝްއަރު އުމްރާ ގުރޫޕުން އަދިވެސް ފައިސާ ނުދައްކަ އެވެ.

"ދެން އަޅުގަނޑުމެންނަށް މަޖުބޫރު ވާނީ ފްލައިޓް ކެންސަލް ކުރަން. އެ ގުރޫޕުން ކޮންމެ ދުވަހަކު ވެސް ބުނަމުން ދަނީ ފައިސާ މި ދައްކަނީއޭ. އެކަމަކު އެ ލިބޭ ތަނެއް ނާދޭ. ފްލައިޓް ކެންސަލް ކުރާ ނަމަ އަޅުގަނޑުމެން ވެސް ވަރަށް ބޮޑު އަދަދެއް ދައްކަން ޖެހޭނެ. އަނެއްކޮޅުން އަޅުގަނޑުމެންނަށް އެ ކުންފުނިން ފައިސާއެއް ނުދައްކާ. ފައިސާ ނުދައްކާ ބަޔަކަށް ހިދުމަތް ދޭން ވަރަށް ދަތިވާނެ،" ޓްރެވެލް 2 މޯލްޑިވްސްގެ އިސް އޮފިޝަލް ވިދާޅުވި އެވެ.

"ދެން އަޅުގަނޑުމެން ވީ އެ މީހުން ފަހަތުން މި ފައިސާ ހޯދަން ދުވަން. އަޅުގަނޑުމެންނަށް 141،450 ޑޮލަރު ނުދެއްކުނު ބަޔަކަށް އެހެން ބަޔަކަށް ފައިސާ ދެއްކޭނެތޯ؟."

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ މިދިޔަ އާދިއްތަ ދުވަހު "މިހާރު" އަށް ވިދާޅުވީ، އަލް މަޝްރައު އުމްރާ ގުރޫޕުން ގެންދިޔަ ބަޔަކު އަނބުރާ ގެނައުމަކީ އެ ގުރޫޕުގެ ޒިންމާއެއްކަން ވާނީ އަންގާފައި ކަމަށެވެ.

"އެ މީހުން ރާއްޖެ ގެނެސްދޭން ޖެހޭނެ ކަމަށް އަޅުގަނޑުމެން އެންގިން. އެެއީ އެ ގުރޫޕްގެ ޒިންމާއެއް. ދެން އަޅުގަނޑުމެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ކުރިން ވިދާޅުވެފައިވާ ގޮތުގައި އަލް މަޝްރައު އުމްރާ ގުރޫޕްގެ ހަވާލުގައި ސައޫދީ އެއާލައިންސުން ގެންދިޔަ 70 ވަރަކަށް މީހުންގެ ޓިކެޓް ފައިސާ ނުދައްކާ މައްސަލައެއް ވެސް އޮތީ ފެންމަތިވެފަ އެވެ.

އަލް މަޝްއަރު އުމްރާ ގުރޫޕްގެ މެނޭޖިން ޑިރެކްޓަރު އަލީ ފާރިޝް "މިހާރު" އަށް ކުރިން ވިދާޅުވީ ޓިކެޓް ނަގައިދީ، ފްލައިޓް ޗާޓަރު ކޮށްދިން ޓްރެވެލް 2 މޯލްޑިވްސް އަށް ދިނީ "ކޭޝް ޓްރާންސްފާ" ކުރާނެ ކަމުގެ ގެރެންޓީގެ ޗެކެއް ކަމަށެވެ.

"އަޅުގަނޑުމެން ދެންނެވި ޗެކް ޖަމާކުރުމުގެ ކުރިން އަޅުގަނޑުމެންނަށް ނޮޓިފައި ކޮށްލަން. އެއީ ހަމައެކަނި ގެރެންޓީ ޗެކެއް،" މިހާރު މައްކާގައި ހުންނެވި، ފާރިޝް ވިދާޅުވެފައި ވެ އެވެ.