Roadha Mihaaru
ޗެކް ބައުންސްވި ގުރޫޕްގެ ކަންކަން ބަލަން: މިނިސްޓަރު

ޗެކް ބައުންސްވި އުމްރާ ގުރޫޕްގެ ކަންކަން އެބަ ބަލަން: މިނިސްޓަރު

13 އެޕްރީލް 2023

މި ރޯދަމަހުގެ އުމްރާގެ އަޅުކަމަށް 138 މީހުން ސައޫދީ އަށް ގެންދިއުމަށްޓަކައި އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގުރޫޕަށް ފްލައިޓް ޗާޓަރުކޮށްދީ، އެ މީހުންގެ ޓިކެޓްތައް ނަގައިދިން ކުންފުންޏަށް އެ ގުރޫޕުން ދިން ޗެކް ބައުންސްވެ، އެ މީހުން އަނބުރާ ގެނައުމުގައި ކުރިމަތިވާ މައްސަލަތައް ބަލަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

މި ރޯދަމަހުގެ އުމްރާގެ އަޅުކަމަށް 138 މީހުން ސައޫދީ އަށް ގެންދިއުމަށްޓަކައި އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގުރޫޕަށް ފްލައިޓް ޗާޓަރުކޮށްދީ، އެ މީހުންގެ ޓިކެޓްތައް ނަގައިދިން ކުންފުންޏަށް އެ ގުރޫޕުން ދިން ޗެކް ބައުންސްވެ، އެ މީހުން އަނބުރާ ގެނައުމުގައި ކުރިމަތިވާ މައްސަލަތައް ބަލަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

އެ މައްސަލަ "މިހާރު" އިން މިއަދު ފެންމަތިކޮށް، އާންމުންގެ ސަމާލުކަމަށް ގެނައުމުން މެސެޖުން ދެއްވި ޖަވާބެއްގައި މިނިސްޓަރު ވިދާޅުވީ، ޗެކް ބައުންސްވި މައްސަލަ އެނގިވަޑައިގެންފައިވާ ކަމަށެވެ. އުމްރާވެރިން ރާއްޖެ ގެންނަން، ދެން ރާވާ ގޮތަކީ ކޮބައިތޯ ދެންނެވުމުން ޑރ. ޒާހިރު ވިދާޅުވީ، "އެކަމަށް އެޓެންޑް ވަމުން ދަން" ކަމަށެވެ.

އަލް މަޝްއަރު އުމްރާ ގުރޫޕްގެ ހަވާލުގައި ދެ ބުރެއްގެ މަތިން މީހުން ޖިއްދާ އަށް ގެންދިއުމަށްޓަކައި ފްލައިޓް ޗާޓަރު ކުރުމާއި އެ މީހުންގެ ޓިކެޓްގެ ހަރަދަށް 141،450 ޑޮލަރު އަރާފައި ވެ އެވެ. އެކަމަކު، ކޭޝް ޓްރާންސްފާ ކުރުމުގެ ގެރެންޓީއެއް ކަމަށް ބުނެ އަލް މަޝްއަރު އުމްރާ ގުރޫޕުން، ފްލައިޓް ޗާޓަރު ކުރި ދިވެހި ކުންފުނި، ޓްރެވެލް 2 މޯލްޑިވްސް އަށް ދިން ޗެކް ވަނީ ބައުންސްވެފަ އެވެ.

އެހެންވެ، ފްލައިޓް ޗާޓަރު ކޮށްދިނުމުގައި މެދުވެރިވި ކުންފުނިން ވަނީ އެ މައްސަލަ އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރުގެ ސަމާލުކަމަށް ގެނެސްފަ އެވެ. ބައުންސްވި ދެ ޗެކްގެ ތަފުސީލު ވެސް ޓްރެވެލް 2 މޯލްޑިވްސް އިން މިނިސްޓަރަށް ދީފައިވާ ކަމަށް ވެ އެވެ.

ޓްރެވެލް 2 މޯލްޑިވްސް މެދުވެރިކޮށް، އަލް މަޝްއަރު އުމްރާ ގުރޫޕްގެ އުމްރާވެރިން ދެ ބުރެއްގެ މަތިން ޖިއްދާ އަށް ގެންގޮސްދިނީ މިދިޔަ މަހާއި މި މަހު އެވެ. ފްލައިޓް ޗާޓަރުކުރުމަށާއި އުމްރާވެރިންގެ ޓިކެޓްގެ އަގަށް ޖެހޭ 141،450 ޑޮލަރުގެ ދެ ޗެކް ބައުންސް ވުމުން، އެ ފައިސާ ހޯދުމަށް، ޓްރެވެލް 2 މޯލްޑިވްސް އިން މަސައްކަތްކުރި ކަމަށް އެ ކުންފުނީގެ އިސްވެރިއަކު މިއަދު ވިދާޅުވި އެވެ. އެކަމަކު، އަލިމަގެއް ނުފެނުމުން އިސްލާމިކް މިނިސްޓްރީއާ ހަމައަށް މައްސަލަ ގެންދިޔައީ އެވެ.

އަލް މަޝްއަރު އުމްރާ ގުރޫޕްގެ އިސް އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ ޓިކެޓް ނަގައިދީ، ފްލައިޓް ޗާޓަރު ކުރި ކުންފުންޏަށް ދިނީ "ކޭޝް ޓްރާންސްފާ" ކުރާނެ ކަމުގެ ގެރެންޓީގެ ޗެކެއް ކަމަށެވެ.

"އަޅުގަނޑުމެން ދެންނެވި ޗެކް ޖަމާކުރުމުގެ ކުރިން އަޅުގަނޑުމެންނަށް ނޮޓިފައި ކޮށްލަން. އެއީ ހަމައެކަނި ގެރެންޓީ ޗެކެއް،" މިހާރު މައްކާގައި ހުންނެވި، އަލް މަޝްއަރު އުމްރާ ގުރޫޕްގެ އޮފިޝަލް ވިދާޅުވި އެވެ. އެކަމަކު، ފްލައިޓް ޗާޓަރު ކުރުމުގައި މެދުވެރިވި ޓްރެވެލް 2 މޯލްޑިވްސްގެ އިސް އޮފިޝަލް ވިދާޅުވީ، މައްސަލަ ހޫނުވީ ބައުންސްވި ދެ ޗެކްގައިވާ އަދަދު ހޯދަން އުޅެއުޅެ ކާމިޔާބު ނުވުމުން ކަމަށެވެ.

"ޓީޓީ ނުލިބެއޭ ބުނެ ދިގު ދަންމަމުން އަންނަނީ. މިއަދާ ހަމައަށް ވެސް އަޅުގަނޑުމެން މަސައްކަތް ކުރީ އެ ފައިސާ ލިބޭތޯ. އެކަމަކު އެ ކަން ނުވި،" ފްލައިޓް ޗާޓަރު ކޮށްދިން ކުންފުނީގެ އިސް އޮފިޝަލް ވިދާޅުވި އެވެ.

މި މައްސަލާގައި އޮތް ބިރަކީ އަލް މަޝްއަރު އުމްރާ ގުރޫޕްގެ 138 އުމްރާވެރިން ރާއްޖެ ގެނައުމަށް ތާވަލުކޮށްފައިވާ މި މަހުގެ 27 ވަނަ ދުވަހަށް ފައިސާ ހަމަނުޖެހި، އެ މީހުން ސައޫދީގައި ތާށިވުމެވެ. އެނގިފައިވާ ގޮތުގައި، އެ އުމްރާވެރިން ރާއްޖެ ގެނައުމަށްޓަކައި ޗާޓަރު ކޮށްފައިވާ ފްލައިޓް ކެންސަލް ކުރާ ނަމަ އެކަން ދުރާލައި އަންގައި ދިނުމަށް ވެސް އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ ޓްރެވެލް 2 މޯލްޑިވްސް ކުންފުނީގައި އެދިފަ އެވެ.

ޓްރެވެލް 2 މޯލްޑިވްސް އިން ބުނިގޮތުގައި ހައްޖާއި އުމްރާ ގުރޫޕްތަކަށް އެކިއެކި އެއާލައިންތަކުން ފަހި ފުރުސަތުތަކެއް ހޯދައި ދެވެނީ އޮންނަ އިތުބާރާއި ގުޅުންތަކުގެ ސަބަބުންނެވެ.

"މިހެން ފައިސާ ނުދެއްކި ދާ ފަހަރެއްގައި ދެން ޖެހޭނީ ފްލައިޓް ކެންސަލް ކުރަން ނޫންތޯ؟ އެއީ ވަރަށް ބޮޑު ގެއްލުމަކަށް ވާނެ. އޮންނަ އިތުބާރަކަށް ބަލައި މި ކަހަލަ ކަންކަން އެއާލައިންތަކުން ވެސް ކޮށްދޭ. އެކަމަކު ފައިސާ ނުދެއްކޭ ހާލަތަކަށް ދިއުމުން ގޯސް ވެދާނެ،" އޭނާ ވިދާޅުވި އެވެ.

އަލް މަޝްއަރު އުމްރާ ގުރޫޕުން މި ރޯދަމަހުގެ އުމްރާ ޕެކޭޖުގެ އަގަކީ 36،500ރ. އެވެ. އެއީ 30 ދުވަހުގެ އުމްރާގެ އަގެވެ. އޭގެ ތެރޭގައި ހިމެނެނީ މައްކާ އާއި މަދީނާގައި ތިބުމުގެ ހަރަދާއި ދެކޮޅު ޓިކެޓާއި ވިސާ އާއި ދަތުރުފަތުރު އަދި ތިން އިރުގެ ކެއުމުގެ ހަރަދެވެ.

މި ރޯދަމަހު އުމްރާ އަށް މީހުން ގެންދިޔަ ސަފާ ގުރޫޕްގެ މީހުންނަށް ވެސް ފަހު ވަގުތު ވިސާ ހަމަނުޖެހި، ފުރަތަމަ ފުރަން ކަނޑައެޅި ތާރީހަށް ނުފުރުނެވެ. އެ މީހުންނަށް ފުރުނީ އެހެން ކުންފުންޏެއް މެދުވެރިކޮށް، ވިސާ ނަގައިގެން، ފްލައިޓެއް ޗާޓަރު ކޮށްގެންނެވެ.