Roadha Mihaaru
ޔުވެންޓަސް އަތުން އަތުލި 15 ޕޮއިންޓް ވަގުތީގޮތުންދީފި

ޔުވެންޓަސް އަތުން އުނިކުރި 15 ޕޮއިންޓް ވަގުތީގޮތުން ދީފި

21 އެޕްރީލް 2023

ޓިއުރިން (އޭޕްރީލް 21) - އިޓަލީގެ ޔުވެންޓަސް އިން މާލީ ގޮތުން ގަވާއިދާ ހިލާފު ކަންތައްތަކެއް ކުރި ކަމަށް އެ ގައުމުގެ ފުޓުބޯޅަ ފެޑެރޭޝަނުން ކުރިއަށް ގެންދިޔަ ތަހުގީގަށް ކަށަވަރު ވެގެން، އެ ޓީމު އަތުން މިދިޔަ ޖެނއަރީ މަހު އުނިކުރި 15 ޕޮއިންޓް ވަގުތީގޮތުން ދީފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޓިއުރިން (އޭޕްރީލް 21) - އިޓަލީގެ ޔުވެންޓަސް އިން މާލީ ގޮތުން ގަވާއިދާ ހިލާފު ކަންތައްތަކެއް ކުރި ކަމަށް އެ ގައުމުގެ ފުޓުބޯޅަ ފެޑެރޭޝަނުން ކުރިއަށް ގެންދިޔަ ތަހުގީގަށް ކަށަވަރު ވެގެން، އެ ޓީމު އަތުން މިދިޔަ ޖެނއަރީ މަހު އުނިކުރި 15 ޕޮއިންޓް ވަގުތީގޮތުން ދީފި އެވެ.

ޔުވެންޓަސް އަތުން އުނިކުރި ޕޮއިންޓް ދިނީ އެޓީމުން މައްސަލަ އެޕީލް ކުރުމުންނެވެ. ނަމަވެސް މައްސަލަ އަދިވެސް ކުރިއަށް ދާތީވެ، އަލުން އެ 15 ޕޮއިންޓް އެޓީމު އަތުން އަތުލުން އެކަށީގެން ވެއެވެ.

މިއާ އެކު އެ ޓީމު ވަނީ ލީގުގެ ހަތް ވަނައިން ތިން ވަނައަށް ޖެހިލައި، ރޯމާ އާއި އޭސީ މިލާން އަދި އިންޓަ މިލާން ފަހަތަށް ޖައްސާލައިފަ އެވެ.

އިޓާލިއަން ލީގުގައި ކޮންމެ ޓީމަކަށް ބާކީ އަށް މެޗު އޮތްއިރު، ޔުވެންޓަސް މިވަގުތު ތިން ވަނައިގައި އޮތީ 59 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލާޒިއޯ އަށް 61 ޕޮއިންޓް ލިބިފައި ވާއިރު އެއް ވަނައިގައި އޮތީ 75 ޕޮއިންޓް ހޯދާފައިވާ ނަޕޯލީ އެވެ.

ހަތަރު ވަނައަށް ވެއްޓުނު ރޯމާ އަށް 56 ޕޮއިންޓް ލިވިފައި ވާއިރު 53 ޕޮއިންޓާ އެކު އޮތް މިލާން ވަނީ ފަސް ވަނައަށް ވެއްޓިފަ އެވެ. އަދި ހަ ވަނައަށް ވެއްޓުނު އިންޓަ އަށް ވަނީ 51 ޕޮއިންޓް ލިބިފަ އެވެ.

ޕޮއިންޓް އަލުން ދޭން ނިންމި މައްސަލައިގައި އިޓަލީގެ ފުޓުބޯޅަ ފެޑެރޭޝަނުން ވަނީ އަލުން މައްސަލަ އެޕީލް ކުރަން ނިންމައިފަ އެވެ. އަދި އެއް މަސް ދުވަހުގެ ތެރޭގައި ކޯޓުން ގޮތެއް ނިންމާނެ ކަމަށް އިޓަލީގެ ރިޕޯޓްތައް ބުނެ އެވެ.

ޔުވެންޓަސް އަށް 15 ޕޮއިންޓް ވަގުތީގޮތުން ދިން ނަމަވެސް، 30 މަހަށް ފުޓުބޯޅަ އިން އެކަހެރި ކޮށްފައިވާ އެޓީމުގެ ކުރީގެ ސްޕޯޓްސް ޑިރެކްޓަރު، މިހާރު އިނގިރޭސި ކްލަބް ޓޮޓެންހަމް ހޮޓްސްޕާގެ މެނޭޖިން ޑިރެކްޓަރުގެ އެޕީލް ބަލައެއް ނުގަނެ އެވެ. އޭނާ ވަނީ ޓޮޓެންހަމަށް ބަދަލުވުމުގެ ކުރިން 11 އަހަރު ޔުވެންޓަސްގައި މަސައްކަތް ކޮށްފަ އެވެ.

ޔުވެންޓަސް ވަނީ ރޭ ޔޫއެފާ ޔޫރޮޕާ ލީގުގެ ކުއާޓާގައި ޕޯޗުގަލްގެ ސްޕޯޓިންގެ މައްޗަށް އެގްރިގޭޓުން ކުރި ހޯދައި، ސެމީ ފައިނަލުން ޖާގަ ހޯދައިފަ އެވެ. ސެމީގައި ވާދަކުރާނީ މުބާރާތުގެ އެންމެ ކާމިޔާބު ސެވިއްޔާއާ ދެކޮޅަށެވެ.

ޔުވެންޓަސް އަށް ދެން އެންމެ އަވަހަށް އޮތީ އާދިއްތަ ދުވަހުގެ ރޭ ލީގުގައި ނަޕޯލީއާ ދެކޮޅަށް ކުޅެން އޮތް މެޗެވެ. އެއަށް ފަހު އިޓާލިއަން ކަޕްގެ ސެމީ ފައިނަލްގެ ދެވަނަ ލެގުގައި އިންޓައާ ދެކޮޅަށް ކުޅޭނެ އެވެ. އަދި ލީގުގައި މިލާނާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗު ވެސް އެބަ އޮތެވެ.