Roadha Mihaaru
އެޓަލާންޓާ މެޗުން ޔުވެންޓަސް އަށް ހޯދުނީ އެއް ޕޮއިންޓް

15 ޕޮއިންޓް އުނިކުރި ފަހުން ޔުވެންޓަސްގެ ފުރަތަމަ މެޗު، ހޯދުނީ އެއް ޕޮއިންޓް

23 ޖެނުއަރީ 2023

ޓިއުރިން (ޖެނުއަރީ 23) - ޔުވެންޓަސް އަތުން 15 ޕޮއިންޓް އުނި ކުރި ފަހުން އެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި އެޓަލާންޓާ އަތުން 3-3 އެއްވަރުވެ ޔުވެންޓަސްއިން އެއް ޕޮއިންޓުން ފުއްދާލައިފި އެވެ.

ޓިއުރިން (ޖެނުއަރީ 23) - ޔުވެންޓަސް އަތުން 15 ޕޮއިންޓް އުނި ކުރި ފަހުން އެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި އެޓަލާންޓާ އަތުން 3-3 އެއްވަރުވެ ޔުވެންޓަސްއިން އެއް ޕޮއިންޓުން ފުއްދާލައިފި އެވެ.

ޔުވެންޓަސް އަތުން 15 ޕޮއިންޓް އުނި ކުރީ، ކްލަބްގެ މާލީ މުއާމާލަތްތަކުގައި އޮޅުވާލާފައިވާ ކަމަށް ސާބިތުވުމުންނެވެ. އޭރު ތިންވަނައިގައި އޮތް ޓީމު އަތުން 15 ޕޮއިންޓް އުނި ކުރުމުން 10 ވަނަ އަށް އެ ވެއްޓުނެވެ.

ރޭ ގެ މެޗުން ލިބުނު ޕޮއިންޓާއެކު މިހާރު ވަނީ ނުވަވަނަ އަށް ޖެހިލައިފަ އެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުގެ މައްޗަށް އެޓަލާންޓާއިން މެޗުގެ ކުރީކޮޅު ލީޑް ނެގި އެވެ. މެޗު ފެށިގެން ހަތަރުވަނަ މިނެޓްގައި އެ ޓީމަށް ލީޑް ނަގައި ދިނީ އަޑެމޯލާ ލުކްމަން އެވެ.

މެޗުގެ 25 ވަނަ މިނެޓްގައި އޭންހަލް ޑީ މާރިއާ ވައްދާލި ޕެނަލްޓީން ޔުވެންޓަސް އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރި އެވެ. ދެވަނަ ހާފް އެ ޓީމުން ނިންމާލީ ލީޑްގައި އޮވެގެންނެވެ. މެޗުގެ 34 ވަނަ މިނެޓްގައި އަރުކާޑިއުޒް މިލިކް ޔުވެންޓަސް އަށް ލަނޑު ޖަހައި ދިނެވެ.

އެކަމަކު ދެވަނަ ހާފަށް ނުކުމެ ފުރަތަމަ މިނެޓްގައި އެޓަލާންޓާގެ ޔޯކިމް މައެލާ އެޓީމަށް ނަތީޖާ ހަމަހަމަކޮށް ދިނެވެ. ރަނގަޅު ފޯމެއްގައި ހުރި ލުކްމަން ވަނީ އިތުރު ލަނޑެއް ޖަހައި ދެ ލަނޑު ޖެހުމުގެ ޓްރެކް ވިދިވިދިގެން ތިންވަނަ މެޗަކަށް ދަމަހައްޓައިފަ އެވެ. އެކަމަކު އޭގެ ފަހުން ޑަނިލޯ ޔުވެންޓަސް އަށް އަނެއްކާ ވެސް ނަތީޖާ ހަމަހަމަކޮށް ދިނެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޑަނިލޯ ބުނީ ޕޮއިންޓް އުނި ކުރި ފަހުން ކުރިމަތިލި ފުރަތަމަ މެޗަކީ ޔުވެންޓަސްގެ ތާރީހުގައި ވެސް ހަނދާން ހުންނާނެ މެޗެއް ކަމަށެވެ.

"އަހަރެމެންގެ އަމާޒު ބަދަލެއް ނުވޭ. މި ތިބީ ކުރިން ވެސް ތިބި އަޒުމުގައި. އަހަރެމެން ބަލަނީ ވީ އެންމެ ގިނަ މެޗަކުން މޮޅުވެގެން ސީޒަންގައި ރަނގަޅު ހިސާބެއްގައި ނިންމާލުމަށް،" އޭނާ ބުންޏެވެ.