Roadha Mihaaru
ސަފާ ގްރޫޕްގެ ހަވާލުގައި އުމްރާއަށް ދާ މީހުން ފުރައިފި

ސަފާ ގްރޫޕްގެ ހަވާލުގައި އުމްރާއަށް ދާ މީހުން ފުރައިފި

11 އެޕްރީލް 2023

ވިސާގެ މައްސަލަ ދިމާވެގެން ނުފުރި ތިބި ސަފާ ހައްޖު އެންޑް އުމްރާ ގްރޫޕްގެ އުމްރާވެރިން މިއަދު ފުރައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ވިސާގެ މައްސަލަ ދިމާވެގެން ނުފުރި ތިބި ސަފާ ހައްޖު އެންޑް އުމްރާ ގްރޫޕްގެ އުމްރާވެރިން މިއަދު ފުރައިފި އެވެ.

އެ ގްރޫޕްގެ ހަވާލުގައި އުމްރާއަށް ދާ 182 މީހުން މިވަގުތު ތިބީ ސައުދީއަށް ދާން ޗާޓަރު ކުރި ފްލައިޓްގަ އެވެ. އުމްރާވެރިން ދަތުރުކުރަނީ އޮމާންގެ ސަލާމް އެއާގެ ފްލައިޓެއްގަ އެވެ.

އެ ދަތުރު ކުއްލިއަކަށް ކެންސަލް ކުރީ މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު ފުރަން ތައްޔާރުވާން އެންގުމަށް ފަހު، އެ ދުވަހުގެ ފަތިހުގެ ވަގުތެއްގަ އެވެ. އޭރު ހެނދުނު ފުރާ މީހުންގެ ލަގެޖްތައް ވެސް ހުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގެންގޮސްފަ އެވެ.

ސަފާ ގްރޫޕްގެ ހަވާލުގައި އުމްރާއަށް ދާ މީހުން ފުރަން ފްލައިޓްގައި.

ސަފާ ގްރޫޕްގެ ހަވާލުގައި އުމްރާއަށް ދާ މީހުން ފުރަން ފްލައިޓްގައި.

އެކަމާ ގުޅިގެން އުމްރާވެރިން ނުރުހުން ފާޅުކުރަމުން ދަނިކޮށް އިސްލާމިކް މިނިސްޓްރީން ވަނީ އުމްރާއަށް ދާން ފައިސާ ދެއްކި މީހުންނަށް އިތުރު ހަރަދަކާ ނުލައި މި ރޯދަ މަހު އުމްރާއަށް ދެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ސަފާ ގްރޫޕަށް އަންގައިފަ އެވެ. ފްލައިޓެއް ޗާޓަރު ކުރީ އޭގެ ފަހުންނެވެ.

މީގެ 18 އަހަރު ކުރިން ފެށިގެން ހައްޖާއި އުމްރާ އަށް މީހުން ގެންދާ ސަފާ ގްރޫޕްގެ ވެރިޔާ އަބްދުﷲ ނަސީމް ވިދާޅުވި ގޮތުގައި، އެ ދަތުރު ކެންސަލްކުރަން ޖެހުނީ ވިސާ ހަމަޖައްސަން ހަވާލުކުރި ސައުދީ އަރަބިއްޔާގެ ކުންފުނިން ލަނޑުދިނުމުންނެވެ.

ވިސާގެ ކަންތައްތަކުގައި ލަނޑުދިން ސައޫދީގެ ކުންފުނިން ވިސާގެ ފައިސާ އަނބުރާ ދީފައިވާ ކަމަށް ވެސް އެ ގުރޫޕުން ފަހުން ބުނެފައިވެ އެވެ.

ކޮންމެ މީހެއްގެ ވިސާ އަށް 220 ޑޮލަރު ސައޫދީގެ އުސޫލުލް ބައިތު ކުންފުންޏަށް ދެއްކި އެވެ. އެއީ 614،00ރ. އެވެ.

"ސަލާމް އެއާ" ޗާޓަރު ކުރުމައި ވިސާގެ ކަންކަން އަލުން ހަމަޖައްސަން 3.35 މިލިއަން ރުފިޔާ ހަރަދު ކުރަން ޖެހުނު ކަމަށް ނަސީމް ވިދާޅުވި އެވެ. އެ ފައިސާ ހަމަޖެއްސީ އޭނާ ވިދާޅުވި ގޮތުގައި، ސަފާ ގުރޫޕުގެ އިތުރުން އާއިލާގެ ބައެއް މީހުންގެ އަތުން ނަގައިގެންނެވެ.