Roadha Mihaaru
އެމްޑީޕީ ޕްރައިމަރީގެ މައްސަލަ ނުބެލޭނެކަމަށް ނިންމައިފި

އެމްޑީޕީ ޕްރައިމަރީ ބާތިލްކުރަން ހުށަހެޅި މައްސަލަ ނުބެލޭނެ ކަމަށް ހުކުމްކޮށްފި

11 އެޕްރީލް 2023

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބު ސައްހަ ނޫން ކަމަށް ކަނޑައަޅައިދޭން އެދި ދައުވާކުރި އަލީ އަމްޖަދަކީ ޕާޓީގެ މެންބަރަކަށް ނުވާތީ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް މިއަދު ހުކުމްކޮށްފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބު ސައްހަ ނޫން ކަމަށް ކަނޑައަޅައިދޭން އެދި ދައުވާކުރި އަލީ އަމްޖަދަކީ ޕާޓީގެ މެންބަރަކަށް ނުވާތީ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް މިއަދު ހުކުމްކޮށްފި އެވެ.

މައްސަލަ ބައްލަވާ ގާޒީ އައިޝަތު އަޒްފާ އަބްދުލްޣަފޫރު ހުކުމުގައި ވިދާޅުވީ އަމްޖަދަކީ ޕާޓީގެ މެންބަރެއް ނޫން ކަމަށް އެމްޑީޕީން ބުނި ނަމަވެސް އޭނާ ޕާޓީން ވަކިކުރީ ދައުވާ ކުރިތާ ހަފުތާއެއް ފަހުން ކަމަށް ބުނާ ބުނުމަކީ އިލެކްޝަންސް ކޮމިޝަންގެ އިދާރީ އޮޅުމެއްކަން އެނގެން އޮންނަކަން ހުށަހެޅި ކަންކަމުން އެނގެން އެބަ އޮތް ކަމަށެވެ.

މީގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓާސް ލިސްޓުގައި ވެސް އަމްޖަދުގެ ނަން އޮތް ކަމަށް، އޭނާގެ ވަކީލް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވާތީ ހުކުމުގައި ބުނެފައި ވަނީ އެ ލިސްޓުގައި ނަން އޮތް ނަމަވެސް އޭރު ވެސް އަމްޖަދު އޮތީ އިލެކްޝަންސްގެ ދަފްތަރުގައި ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައިކަން އެނގެން އޮންނަ ކަމަށެވެ. އަދި މި އިދާރީ އުނިކަން ފިލުވައި އިލެކްޝަންސް އިން އެކަން އަންގާފައިވާކަން ފާހަގަކުރެއްވި އެވެ.

މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ހުކުމް ކުރެއްވީ މި ކަންކަމުގެ އިތުރުން، ކޯޓެއްގެ މައްސަލަ ބެލުމުގެ އިހްތިސާސް އޮތުމާ ގުޅޭ ގޮތުން ގާނޫނާއި މަތީ މަރުހަލާގެ ކޯޓުތަކުގެ ބައެއް ނިންމުންތަކަށް ރިއާޔަތްކުރައްވަ އެވެ.

އަމްޖަދަކީ އެމްޑީޕީ އުފެއްދި އިރު އެ ޕާޓީގެ މެންބަރެއް ކަމަށާއި ނަމަވެސް އޭނާ 2008 ގައި އަމިއްލަ އަށް އެދިގެން ޕާޓީން ވަކިވީ ކަމަށް އެމްޑީޕީގެ ވަކީލުން ޝަރީއަތުގައި ވިދާޅުވި އެވެ. އޭގެ ފަހުން އެކި ޕާޓީތަކަށް ސޮއިކުރަމުން ދިޔަ ކަމަށާއި މީހަކަށް ނޭނގި ޕާޓީ ބަދަލުކޮށްފައިވާ ނަމަ އެ މީހަކު އެންމެ ފަހުން އޮންނަ ޕާޓީއަކަށް ބަދަލުކުރަނީ އަމްޖަދު ޖުމްހޫރީ ޕާޓީ އަށް ބަދަލުވެފައި އޮތީ އޮޅުވާލައިގެން ކަމަށް ބުނެ ޝަކުވާ ހުށަހެޅުމުން އޭނާ ކުރިން ހުރި މޯލްޑިވްސް ނެޝަނަލް ކޮންގްރެސް އަށް ބަދަލުކުރަން އިލެކްޝަންސް އިން ބެލި އިރު އެ ޕާޓީ އޮތީ އުވާލާފައި ކަމަށާއި އެހެންވެ އިލެކްޝަންސްގެ އިދާރީ އޮޅުމަކުން އަމްޖަދު އެމްޑީޕީ ދަފްތަރުގައި ހިމެނިފައި އޮތީ ކަމަށް ވަކީލުން ވިދާޅުވި އެވެ.

އަމްޖަދު ދައުވާކުރުމުން އެމްޑީޕީން ވަނީ އޭނާ އަކީ ޕާޓީގެ މެންބަރަކަށް ނުވާތީ ދައުވާ ނުކުރެވޭނެކަން ސާބިތުކޮށްދޭން އިލެކްޝަންސްގެ ސިޓީއެއް ހުށަހަޅައިފަ އެވެ. އެއީ އަމްޖަދު އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އޮތީ އެ ކޮމިޝަންގެ އިދާރީ އޮޅުމަކުން ކަމަށް ބުނެ ފޮނުވި ސިޓީއެކެވެ.

އެމްޑީޕީގައި މިހާތަނަށް ބޭއްވި އެންމެ ވާދަވެރި ޕްރައިމަރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރި ހޯއްދެވީ 61 ޕަސެންޓުންނެވެ. އެކަމަކު ނަޝީދުގެ ފެކްޝަނުން ބުނަމުން ދަނީ މެންބަރުންގެ ދަފްތަރު ގަޑުބަޑުކޮށް، ނަޝީދަށް ތާއީދުކުރާ އެތައް ހާސް ބަޔަކު ޕާޓީން ވަކިކޮށްފައި ވާތީ ޕްރައިމަރީ ސައްހަ ނުވާނެ ކަމަށެވެ. މިއީ އެކަމާ ގުޅުވައިގެން ކުރި ދައުވާއެކެވެ.