ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކާށިދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކުރެއްވި މިހާރު ވެސް އެ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެމްޑީޕީން މިއަދު ވަކިކޮށްފި އެވެ.
05 ފެބުރުއަރީ 2024
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކާށިދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކުރެއްވި މިހާރު ވެސް އެ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެމްޑީޕީން މިއަދު ވަކިކޮށްފި އެވެ.
އިިދިކޮޅު އެމްޑީޕީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ޖާބިރު، ޕާޓީގެ މެންބަރެއްގެ ގޮތުގައި އަދި ކެނޑިޑޭޓަކަށް ވެ ހުންނަވައި، މުޖުތަމައުގެ އާންމު މިންގަނޑާ ހިލާފަށް އާންމުންނާ ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށް، މަސްލަހަތު ގެއްލޭ ގޮތަށް ތަކުރާރުކޮށް އަމަލުކުރަމުންދާ ކަމަށެވެ.
ޖާބިރު ވަނީ ޕްރައިމަރީގެ ކެމްޕެއިނަށް ރަށްރަށަށް ވަޑައިގަތް އިރު ބައެއް ރަށްރަށުގައި ވަރަށް ހުތުރު ބަހުން އާންމުންނާ ޒުވާބުކޮށްފަ އެވެ. މީގެ ކުރިން ވެސް އެފަދަ އެތައް އަމަލެއް އޭނާގެ ފަރާތުން ފެނިފައިވެ އެވެ.
އެމްޑީޕީން ބުނީ މިއީ އެ ޕާޓީގެ އާންމު މެންބަރުންގެ މަސްލަހަތަށް އުނިކަން ލިބޭ ކަހަލަ އަމަލެއް ކަމަށެވެ. ޖާބިރަށް ފިޔަވަޅު އަޅަން ކޮމިޓީ އަށް ހުށަހަޅާފައިވާ މައްސަލަ ބެލުމަށް ފަހު، އޭނާ އަށް މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ޕާޓީގެ ނަމުގައި ނުދިނުމަށާއި މިއަދުން ފެށިގެން ޕާޓީގެ މެންބަރުކަމުން ވަކިކުރުމަށް، ފިޔަވަޅު އަޅާ ކޮމެޓީން ނިންމާފައިވާ ކަމަށް ބަޔާނުގައި ބުންޏެވެ.
ޖާބިރު އެމްޑީޕީއާ އަލުން ގުޅެން އެދިވަޑައިގަތަސް، އެ ފުރުސަތު ލިބޭނީ ޕާޓީގެ ގައުމީ މަޖިލިހަށް ހުށަހަޅައި އެ މަޖިލީހުން ނިންމާ ގޮތެއްގެ މަތިން ކަމަށް އެ ބަޔާނުގައިވެ އެވެ.
ޕާޓީއާ ގުޅުމުގެ ފުރުސަތު ޖާބިރަށް އަލުން ދިނަސް، އެ ޕާޓީގެ މެންބަރަކަށްވާ ދުވަހުން ފެށިގެން ފަސް އަހަރު ދުވަހުގެ މުއްދަތަށް ޕާޓީގެ އެއްވެސް މަގާމަކަށް އަދި ޕްރައިމަރީއެއްގައި ވެސް ވާދަކުރުމުގެ ފުރުސަތު އޭނާ އަށް ނުލިބޭނެ ކަމަށް އެމްޑީޕީން ބުންޏެވެ.
ޖާބިރު އެމްޑީޕީން ވަކިކުރި އިރު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ބަޔާން އިއްވުމަށް މިއަދު ހެނދުނު ބޭއްވި ޖަލްސާ އެ ޕާޓީން ބޮއިކޮޓްކޮށްފައި ވަނިކޮށް އޭނާ ވަނީ ޖަލްސާ އަށް ވެސް ވަޑައިގެންފަ އެވެ.
އެންމެ ފަހުން 2019 ވަނަ އަހަރު އޮތް މަޖިލިސް އިންތިހާބަށް އެމްޑީޕީގެ ޕްރައިމަރީގައި ޖާބިރު ވާދަކުރައްވައި ނާކާމިޔާބުވެ ވަޑައިގަތުމުން ވެސް ވާދަކުރެއްވީ އަމިއްލަ ގޮތުންނެވެ. އޭރު ގާނޫނު އޮތް ގޮތުން ޕްރައިމަރީއަކުން ބަލިވުމަށް ފަހު އަމިއްލަ ގޮތުން ވެސް ވާދައެއް ނުކުރެވެ އެވެ. އެކަމަކު ޖާބިރު އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިގެން އެ މައްސަލަ ކާމިޔާބުކުރައްވައި އިންތިހާބު ވެސް ކާމިޔާބުރެއްވި އެވެ. އޭނާ އަލުން އެމްޑީޕީގެ މެންބަރަކަށްވީ މިދިޔަ އަހަރުގެ ޖޫން މަހުގެ 24 ގަ އެވެ.
ޖާބިރާއި ދަރިފުޅު މުއާޒު ވެސް ޓިކެޓް ހޯއްދަވައިފި
ހީނާ ކަޓުވާލައި އެމްޑީޕީގެ ޓިކެޓު މާޒް ސަލީމަށް
އެމްޑީޕީގެ މިހާރުގެ ގިނަ މެމްބަރުން ޓިކެޓު ހޯދައިފި
އެމްޑީޕީގެ ޕްރައިމަރީން ރޮޒައިނާ ކަޓައިފި
ޕްރައިމަރީއާ ނުލައި 3 ބޭފުޅަކަށް އެމްޑީޕީގެ ޓިކެޓް
ހުޅުމާލޭގެ ގޮނޑިތައް ދެއްވަދޫގެ އެއް އާއިލާއަށް
ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ތިބޭނަން: އެމްޑީޕީ
އިތުބާރު އުފައްދަން ހޮވަންވީ ކުޑޫ: 100ޕަސެންޓް ދޭނެ
އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގަޔަށް ކަޅުތެޔޮ ޖަހައިފި
ހުކުމާ ގުޅިގެން ބަދަލެއް ގެންނަން ނުޖެހޭ: އެމްޑީޕީ