Roadha Mihaaru
އެމްޑީޕީން 5.6މިލިއަން ނުދީގެން މޯލްޑިވިއަނުން ކޯޓަށް

ކެމްޕެއިނަށް ނެގި ޓިކެޓުތަކަށް އެމްޑީޕީން 5.6 މިލިއަން ނުދައްކައިގެން މޯލްޑިވިއަން އިން ކޯޓަށް

02 އެޕްރީލް 2024

މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) މެދުވެރިކޮށް އެމްޑީޕީން ނެގި ޓިކެޓާއި ޗާޓަރު ފްލައިޓުތަކަށް ލިބެން ޖެހޭ 5.6 މިލިއަން ރުފިޔާ ނުދައްކައިގެން އެ ޕާޓީއާ ދެކޮޅަށް އެ ކުންފުނިން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) މެދުވެރިކޮށް އެމްޑީޕީން ނެގި ޓިކެޓާއި ޗާޓަރު ފްލައިޓުތަކަށް ލިބެން ޖެހޭ 5.6 މިލިއަން ރުފިޔާ ނުދައްކައިގެން އެ ޕާޓީއާ ދެކޮޅަށް އެ ކުންފުނިން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

މޯލްޑިވިއަން އެއާލައިން ހިންގާ އައިއޭއެސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ، ކެމްޕެއިން ދަތުރުތަކަށް އެމްޑީޕީން ދޭން ޖެހޭ ފައިސާ ނުލިބިގެން އިއްޔެ ކޯޓަށް މައްސަލަ ހުށަހެޅީ، އެ ޕާޓީ އަށް އެތައް ފަހަރެއްގެ މަތިން މުއްދަތު ދީގެން ވެސް ފައިސާ ނުދައްކައިގެން ކަމަށެވެ.

"އެމްޑީޕީން ދެ ވަނަ ބުރަށް ކުރި ކެމްޕެއިން ދަތުރުތަކަށް ފައިސާ ނުދައްކައިގެން އަޅުގަނޑުމެންނަށް އެއްވެސް ގޮތެއް ނެތިގެން އިއްޔެ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިން،" އިޔާސް ވިދާޅުވި އެވެ.

އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އޮކްޓޫބަރު މަހާ ހަމައަށް އެމްޑީޕީން ނެގި ޓިކެޓާ ޗާޓަރު ދަތުރުތަކަށް ހޭދަވި ފައިސާ އެވެ.

އިޔާސް ވިދާޅުވިގޮތުގައި، އޭރު ވެރިކަންކުރި އެމްޑީޕީގެ އަތުން އެ ފައިސާ ހޯދުމަށް އެކި ފަހަރު މަތިން ސިޓީ ވަނީ ފޮނުވައިފަ އެވެ. އެކަމަކު އެކި ތާރީހުތައް ދިން ނަމަވެސް މުއްދަތަށް ފައިސާ ދައްކާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައެއް ކަންކަން ސާފުކޮށްދޭން އެދިފައިވޭ [އެމްޑީޕީން]. އަދި އެކަން ސާފުކޮށްދީފައި އަޅުގަނޑުމެން މުއްދަތެއް އަނެއްކާ ވެސް ދިނީ. އެކަމަކު އެ މުއްދަތަށް ވެސް އެ ބޭފުޅުންނަށް ފައިސާ ނުދެއްކި،" އޭނާ ވިދާޅުވި އެވެ.

އިޔާސް ވިދާޅުވީ އޭރު އެމްޑީޕީން އެއްބަސްވެފައި އޮތީ 48 ގަޑިއިރު ތެރޭގައި ފައިސާ ދައްކާ ގޮތަށް ކަމަށެވެ.

އިޔާސް ވިދާޅުވީ އާންމުކޮށް އެ ކުންފުނިން ދަރަންޏަށް ދޫކުރަނީ ހަރުދަނާ އެއްބަސްވުންތަކެއްގެ ދަށުން ނަމަވެސް ކުރީގެ މެނޭޖްމަންޓުން އެގޮތަށް އަމަލުކޮށްފައި ނުވާ ކަމަށެވެ.

ކުރިން ޑީއާރުޕީން ވެރިކަންކުރި ޒަމާނުގައި ވެސް އެ ޕާޓީން ރިޔާސީ ކެމްޕެއިނަށް އައިލެންޑް އޭވިއޭޝަން މެދުވެރިކޮށް ކުރި ދަތުރުތަކަށް ފައިސާ ނުދައްކައިގެން މިފަދަ މައްސަލަތަކެއް ކުރިމަތިވި އެވެ.