Roadha Mihaaru
ޕްރައިމަރީގެ މައްސަލަ ހުށަހެޅީ އެމްޑީޕީ މެންބަރެއް ނޫން

ޕްރައިމަރީ ބާތިލް ކުރަން ހުށަހެޅީ އެމްޑީޕީގެ މެންބަރެއް ނޫން: އިބުރޭ

05 މާޗް 2023

އެމްޑީޕީން މި އަހަރު ބޭއްވި ރިޔާސީ ޕްރައިމަރީ ބާތިލް ކުރަން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ އެ ޕާޓީގެ މެންބަރެއް ނޫން ކަމަށް އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އެމްޑީޕީން މި އަހަރު ބޭއްވި ރިޔާސީ ޕްރައިމަރީ ބާތިލް ކުރަން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ އެ ޕާޓީގެ މެންބަރެއް ނޫން ކަމަށް އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވެއްޖެ އެވެ.

މިދިޔަ ޖެނުއަރީ މަހު ބޭއްވި ރިޔާސީ ޕްރައިމަރީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ވާދަ ކުރައްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޕްރައިމަރީ ކާމިޔާބު ކުރައްވާފައި ވަނިކޮށް އަލީ އަމްޖަދު ނަމަކަށް ކިޔާ މީހަކު ވަނީ އެ ޕްރައިމަރީ ބާތިލް ކުރަން ހުށަހަޅާފަ އެވެ.

އޭނާ ސިވިލް ކޯޓުގައި ވަނީ ޕްރައިމަރީގެ ނަތީޖާ އަށް އަމަލުކުރުން ފަސްކުރުމުގެ އަމުރަކަށް ވެސް އެދިފަ އެވެ.

އެކަމާ ގުޅޭ ގޮތުން ސިވިލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އެމްޑީޕީން ވަނީ އިިހްތިސާސްއާ މެދު ސުވާލު އުފައްދައި، އިޖްރާއީ މައްސަލައެއް ހުށަހަޅައިފަ އެވެ.

އޭގެ ތަފްސީލް ދެއްވަމުން އިބުރޭ "މިހާރު" އަށް ވިދާޅުވީ ކޯޓަށް މައްސަލަ ހުށަހެޅި އަމްޖަދަކީ 2005 ވަނަ އަހަރު އެމްޑީޕީ ރަޖިސްޓާ ކުރަން ހުށަހެޅި އިރު އެ ޕާޓީގައި ރަޖިސްޓްރީވި މެންބަރެއް ކަމަށެވެ.

އެހެން ނަމަވެސް 2008 ވަނަ އަހަރު އޭނާ އަމިއްލަ އަށް އެދިގެން އެމްޑީޕީން ވަކިވުމަށް ފަހު މޯލްޑިވްސް ނޭޝަނަލް ކޮންގްރެސް (އެމްއެންސީ) އާ ގުޅުނު ކަމަށް އިބުރޭ ވިދާޅުވި އެވެ.

އެ ޕާޓީ އުވިގެން ދިޔަ އިރު އޭނާގެ ނަން ފަހުން އޮތީ ޖުމްހޫރީ ޕާޓިގައި ކަމަށް ވެސް އިބުރޭ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޕްރައިމަރީގައި ވޯޓު ލެވޭ މީހުންގެ ލިސްޓު އިއުލާން ކުރުމުން އޭނާގެ ނަން ނެތުމުން ވަނީ ޝަކުވާ ކޮށްފައި. ނަމަވެސް އޭނާ އެމްޑީޕީން ވަކިވީ އަމިއްލަ އަށް އީސީގައި ރިކުއެސްޓް ކޮށްގެން،" އިބުރޭ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ޖުމްހޫރީ ޕާޓީގައި އަމްޖަދުގެ ނަން އޮތުމުން އޭނާ ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އެ ޝަކުވާ ހުށަހަޅާފަ އެވެ. އަދި އެ ކޮމިޝަނުން ވަނީ އޭނާ އަލުން އަނބުރާ އެމްޑީޕީ އަށް ބަދަލު ކުރަން ނިންމައިފަ އެވެ.

ނަމަވެސް އޭރު އެމްޑީޕީން އީސީގައި ބުނެފައި ވަނީ ޖޭޕީން ވަކި ކުރާނަމަ އޭނާ އަލުން ރަޖިސްޓާ ކުރަން ޖެހޭނީ އޭގެ ކުރިން އުޅުނު އެމްއެންސީގައި ކަމަށެވެ.

އެހެންކަމުން އީސީން ވަނީ އެއީ އޮޅުމަކުން ކުރެވުނު ކަމެއް ކަމަށް ބުނެ އޭނާގެ ނަން އެމްޑީޕީން އުނިކޮށްފަ އެވެ. އޭނާއަކީ މިހާރު ވަކި ޕާޓީއަކަށް ނިސްބަތްވާ މީހެއް ނޫނެވެ.

މަދަނީ އިޖްރައާތުގެ ގާނޫނު އޮންނަ ގޮތުން އެ މައްސަލަ ކޯޓަށް ނުބެލޭނެ ކަމަށް ބުނެ އިހްތިސާސްއާ މެދު ސުވާލު އުފައްދައިފި ނަމަ، އެކަމާ މެދު ދައުވާކުރާ ފަރާތުން ޖަވާބު ދޭންޖެހޭނެ އެވެ.

އެކަމަށް ޖަވާބުދާރީވާން ސިވިލް ކޯޓުން މިއަދު ވަނީ އަމްޖަދަށް 10 ދުވަހުގެ ފުރުސަތެއް ދީފަ އެވެ.

އެމްޑީޕީގައި މިހާތަނަށް ބޭއްވި އެންމެ ވާދަވެރި ޕްރައިމަރީގައި ރައީސް ނަޝީދުގެ މައްޗަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރި ހޯއްދެވީ 61 ޕަސެންޓުންނެވެ.