Roadha Mihaaru
އަމްޖަދު އެމްޑީޕީން ވަކިކުރީ ދައުވާގެ ފަހުން: ދިޔާނާ

އެމްޑީޕީގެ ޕްރައިމަރީ މައްސަލާގައި ދައުވާކުރި މީހާ ޕާޓީން ވަކިކުރީ ދައުވާކުރި ފަހުން: ވަކީލް

30 މާޗް 2023

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބު ސައްހަ ނޫން ކަމަށް ކަނޑައަޅައިދޭން އެދި ދައުވާކުރި އަލީ އަމްޖަދަކީ ޕާޓީގެ މެންބަރެއް ނޫން ކަމަށް އެމްޑީޕީން ބުނި ނަމަވެސް އޭނާ ޕާޓީން ވަކިކުރީ ދައުވާ ކުރިތާ ހަފުތާއެއް ފަހުން ކަމަށް އޭނާގެ ވަކީލް ފާތިމަތު ދިޔާނާ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބު ސައްހަ ނޫން ކަމަށް ކަނޑައަޅައިދޭން އެދި ދައުވާކުރި އަލީ އަމްޖަދަކީ ޕާޓީގެ މެންބަރެއް ނޫން ކަމަށް އެމްޑީޕީން ބުނި ނަމަވެސް އޭނާ ޕާޓީން ވަކިކުރީ ދައުވާ ކުރިތާ ހަފުތާއެއް ފަހުން ކަމަށް އޭނާގެ ވަކީލް ފާތިމަތު ދިޔާނާ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޕްރައިމަރީގެ މައްސަލާގައި ދައުވާކުރާ މީހާ އަކީ ޕާޓީގެ މެންބަރެއް ނޫން ކަމަށް ބުނެ، އެ މައްސަލަ ނުބެލޭނެ ކަމަށް އެމްޑީޕީން ވަނީ ސިވިލް ކޯޓުގެ ޝަރީއަތުގައި ބުނެފަ އެވެ. އެކަން ސާބިތުކޮށްދޭން އެމްޑީޕީން ވަނީ އަލީ އަމްޖަދު ޕާޓީގެ ދަފްތަރުގައި އޮތީ އިދާރީ ކުށަކުން ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ފޮނުވާފައިވާ ސިޓީއެއް ހުށަހަޅައިފަ އެވެ.

ރައްދުގައި، ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ވިދާޅުވީ އަލީ އަމްޖަދަކީ ޕާޓީގެ މެންބަރެއް ނޫން ކަމަށާއި ދަފްތަރުގައި ނަން އޮތީ އިދާރީ އޮޅުމަކުން ކަމަށް ބުނެ އީސީން ސިޓީ ފޮނުވީ ދައުވާކުރިތާ ހަތް ދުވަސް ފަހުން ކަމަށެވެ. އަލީ އަމްޖަދުގެ މެންބަރުގެ ކަމުގެ މައްސަލަ އިދާރީ ކުށަކަކަށް ވެ، އެކަން ފެންމަތިވީ ދައުވާ ހުށަހެޅުމުން ކަމަށް ވެސް ދިޔާނާ ވިދާޅުވި އެވެ.

ދިޔާނާ ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ދަފްތަރުގައި ވެސް އަލީ އަމްޖަދުގެ ނަން އޮތް ކަމަށެވެ. ޕާޓީގެ ދަފްތަރާއި އިލެކްޝަންސް ކޮމިޝަންގެ ދަފްތަރަކީ ގާނޫނީ ގޮތުން އެއް ހައިސިއްޔަތެއް އޮތް ދެ ދަފްތަރު ކަމަށް ދިޔާނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އޭރު ވެސް އެއީ ޕާޓީގެ މެންބަރެއް ނޫން ކަމާ މެދު ޕާޓީން ސުވާލެއް ނުއުފައްދާ ކަމަށެވެ.

ދިޔާނާ ވިދާޅުވީ އެއީ އިލެކްޝަންސް ކޮމިޝަނުން ހިންގި ހިޔާނާތުގެ އަމަލެއް ކަމަށް އޭނާ ވިދާޅުނުވާނެ ކަމަށާއި އެކަމަކު ދައުވާ ކުރި އިރު ވެސް ޕާޓީގެ މެންބަރެއްގެ ގޮތުގައި ފެންނަ އޮތުމަކީ ދައުވާކުރި ފަރާތުގެ މައްސަލައެއް ނޫން ކަމަށެވެ. އެހެންވެ މިފަދަ ހާލަތުގައި ބެނެފިޓް އޮފް ޑައުޓް ނުވަތަ ހެކީގެ ބުރަދަން އޮންނާނީ މައުސޫމް ފަރާތަށް ކަމަށެވެ.

ދިޔާނާ ވިދާޅުވި ގޮތުގައި މީހަކު ޕާޓީއެއްގެ ދަފްތަރުން ވަކިކުރުމާ މެދު ގޮތެއް ނިންމައި ޕާޓީއަށް އެކަން އެންގި އިރު އެ ރައްދުވާ މީހާއަށް އެކަން އަންގާފައި ނުވުމަކީ ސިޓީގެ ސައްހަކަމާ މެދު ސުވާލު އުފައްދަންޖެހޭ ސަބަބެކެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުން ކުރިއަށްދަނީ. -- ފޮޓޯ: މިހާރު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުން ކުރިއަށްދަނީ. -- ފޮޓޯ: މިހާރު

އެމްޑީޕީގެ ފަރާތުން ވަކީލް އަހްމަދު އަބްދުﷲ އަފީފް ވިދާޅުވީ، ދައުވާކުރި މީހާ އަކީ އެއްވެސް އިރެއްގައި ޕާޓީގެ މެންބަރެއް ނޫން ކަމަށް ނުބުނާ ކަމަށާއި އެއީ ޕާޓީ އުފެދުނު އިރު މެންބަރެއް ނަމަވެސް އޭނާ 2008 ގައި އަމިއްލަ އަށް އެދިގެން ޕާޓީން ވަކިވީ ކަމަށެވެ. އޭގެ ފަހުން އެކި ޕާޓީތަކަށް ސޮއިކޮށް އަދި އިލެކްޝަންސް ކޮމިޝަނަށް އެރި ކަމަށް ބުނާ އޮޅުމަކީ ހަމަ ހަގީގަތުގައި ވެސް އަރާފާނެ އޮޅުމެއްތޯ ބެލޭނެ ކަމަށާއި އެކަން ކޯޓުން ބެލުމަށް އެދޭ ކަމަށް ވެސް އެމްޑީޕީގެ ވަކީލުން ވިދާޅުވި އެވެ.

އަހްމަދު ވިދާޅުވީ ކުރިން އިލެކްޝަންސް އިން އަމަލުކުރި ގޮތުން، މީހަކަށް ނޭނގި ޕާޓީ ބަދަލުކޮށްފައިވާ ނަމަ އެ މީހަކު އެންމެ ފަހުން އޮންނަ ޕާޓީއަކަށް ބަދަލުކުރަނީ ކަމަށެވެ. އަލީ އަމްޖަދު ވެސް އެކި ޕާޓީތަކަށް ވަންނަމުން ގޮސް ޖުމްހޫރީ ޕާޓީ އަށް ބަދަލުވެފައި އޮތީ އޮޅުވާލައިގެން ކަމަށް ބުނެ ޝަކުވާ ހުށަހެޅުމުން އޭނާ ކުރިން ހުރި މޯލްޑިވްސް ނެޝަނަލް ކޮންފްރެސް އޮތީ އުވިފައި ކަމަށް އަހްމަދު ވިދާޅުވި އެވެ. އެހެންވެ އެންމެ ކުރިން އަމްޖަދުގެ ނަން އޮތް ޕާޓީ ކަމަށްވާ އެމްޑީޕީގައި އޭނާ ހިމެނިފައި އޮތީ ކަމަށާއި އިލެކްޝަންސް އަށް އެރި އޮޅުމަކީ އެއީ ކަމަށް ވަކީލް ވިދާޅުވި އެވެ.

އެކަމަކު ދިޔާނާ ވިދާޅުވީ އިލެކްޝަންސްގެ ސިޓީ އަކީ ހެއްކެއްގެ ގޮތުގައި ހުށަހެޅީ އެމްޑީޕީން ކަމަށާއި އެހެންވެ ޝަރީއަތުން އެކަން އިލެކްޝަންގެ ފަރާތުން ސާފުކުރަން ނުޖެހޭ ކަމަށާއި އޭގެ ސައްހަކަން ސާބިތުކޮށްދޭން ޖެހޭނީ އެމްޑީޕީން ކަމަށެވެ.

ދައުވާކުރި ފަރާތުން ޕާޓީގެ އެތެރޭގެ މަރުހަލާތައް ބޭނުންކޮށް އިސްތިއުނާފުގެ މަރުހަލާ ވެސް ފުރިހަމަ ނުކުރާ ކަމަށް އެމްޑީޕީން ބުނާތީ، ދައުވާކުރި ފަރާތުން ވަނީ އެކަން ދޮގުކޮށްފަ އެވެ. އެކަމުގައި ޕާޓީއަށް ފޮނުވި ސިޓީ ޝަރީއަތަށް ހުށަހެޅި ނަމަވެސް އެމްޑީޕީގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަހުމަދު ފަރީދު ވިދާޅުވީ އެ އީމެއިލް ނުލިބޭ ކަމަށެވެ. އީމެއިލަށް ޖަވާބެއް ނުލިބުމުން ވީ ގޮތެއް ނުބަލައި ކޯޓަށް މައްސަލަ ހުށަހެޅީ ކީއްވެތޯ ސުވާލު އުފެއްދި އެވެ. އީމެއިލަށް ޖަވާބު ނުލިބޭ ނަމަ އެ ނުލިބެނީ ކަމަށް ބަލަންޖެހޭ ކަމަށް ވިދާޅުވި އެވެ.

މައްސަލަ ބައްލަވާ ގާޒީ އައިޝަތު އަޒްފާ އަބްދުލްޣަފޫރު މިއަދުގެ އަޑުއެހުން ނިންމަވާލެއްވީ ހުށަހަޅާފައިވާ އިޖުރާއީ ނުކުތާއާ މެދު ޝަރީއަތުން ދިރާސާކޮށް ގޮތެއް ނިންމާނެ ކަމަށް ވިދާޅުވަމުންނެވެ.

އެމްޑީޕީގައި މިހާތަނަށް ބޭއްވި އެންމެ ވާދަވެރި ޕްރައިމަރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރި ހޯއްދެވީ 61 ޕަސެންޓުންނެވެ. އެކަމަކު ނަޝީދުގެ ފެކްޝަނުން ބުނަމުން ދަނީ މެންބަރުންގެ ދަފްތަރު ގަޑުބަޑުކޮށް، ނަޝީދަށް ތާއީދުކުރާ އެތައް ހާސް ބަޔަކު ޕާޓީން ވަކިކޮށްފައި ވާތީ ޕްރައިމަރީ ސައްހަ ނުވާނެ ކަމަށެވެ.